ފުވައްމުލަކު ސިޓީއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ 9 މީހެކެވެ. އިއްޔެ ފުވައްމުލަކުން 87 ސާމްޕަލެއް ނެގި ނަމަވެސް އޭގެ ތެރެއިން ނަތީޖާ ލިބިގައިވަނީ 80 ސާމްްޕަލެއްގެއެވެ. އަދި 7 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ. އިއްޔެ ކޭސްތަކާއިއެކު މިހާރު ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިވަނީ 152 އަށް އަރާފައެވެ. އޭގެ ތެރެއިން 75 މީހެއް މިރޯގާއިން ސަލާމަތްވެފައިވީ ނަމަވެސް 78 މީހަކު އަދިވެސް މިރޯގާގެ އެކްޓިވި ކޭސްތަކުގައި ހިމެނިފައިވެއެވެ.
މުޅި ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު އިއްޔެ ވަނީ 1216 ފަރާތެއް ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އެއީ އިއްޔެގެ 836 ކޭސް އާއި ކުރިން ނަތީޖާ ނުލިބި ހުރި 386 ކޭސްއަކާއިއެކު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. އެޗްޕީއޭގެ އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު އާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1،013 އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 201 އަދި ރިސޯޓުތަކުން އެންމެ ކޭސްއެކެވެ. އިއްޔެގެ އަދަދުތަކާ އެކު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 13،784 އަށް އަރައިފަ އެވެ. މިއީ މިއިން ދުވަހަކު ވެސް އެކްޓިވް ކޭސްތައް މައްޗަށް ދިޔަ ވަރެއް ނޫނެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 41،308 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވީ 27،428 މީހެކެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި 263 މީހަކަށް ފަރުވާދެމުން އަންނައިރު، ބަލީގައި 87 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު މާ ބޮޑަށް ގޯސްވެ، އެޗްޕީއޭ އިން މިހާރު ވަނީ ފުވައްމުލަކާއި މާލެ އާއި ރަށްރަށުގައި ވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ.
ޚިޔާލުތައް