A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: އިއްޔެ ޕޮޒިޓިވުވީ އެންމެ މީހެއް، ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ އަދި ނުލިބޭ

ފުވައްމުލައް ސިޓީން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވެފައިވާ އެންމެ ފަރާތެއް ކަމަށް ވިޔަސް ފާއިތުވީ ތިން ދުވަސް ކަމަށްވާ މިމަހުގެ 15، 16، 17 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ބޮޑު ބައެއްގެ ނަތީޖާ އަދިވެސް ލިބިފައިނުވާތީވެ ކޮވިޑު ހާލަތު ދަށަށް ދިޔަ ކަމަކަށް އަދިވެސް ބެލެވޭކަށް ނެތެވެ. އިއްޔެ ފުވައްމުލަކުން 204 ސާމްޕަލެއް ނެގުނު ނަމަވެސް އަދިވެސް ނަތީޖާ ނުލިބޭ 357 ސާމްޕަލެއް ހުރި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ. އައި އިއްޔެ ނަތީޖާ ލިބުނީ އެންމެ 14 ސާމްޕަލެއްގެއެވެ. ފުވައްމުލަކުން މިހާތަނަށް 10503 މީހެއްގެ ސާމްޕަލް ނެގުނު އިރު 206 މީހަކު މިރޯގާއަށް ޕޮޒިޓިވުވިއެވެ.

ފުވައްމުލަކުގެ ކޮވިޑް ރޯގާގެ ހާލަތާއި ގުޅޭ އަދާހަމަކުރުން، އިއްޔެގެ ހަވީރު 6 އާއި ހަމައަށް

މިވަގުތު މިރޯގާ ޖެހިފައިވާ 132 މީހަކު ފުވައްމުލަކުގައި ތިބި އިރު އޭގެ ތެރޭގައި ހޯމް ކަރަންޓީނު ނިންމާފައިވާ ސާމްޕަލް ނެގި މީހުންގެ ތެރެއިން 11 މީހަކު ޕޮޒިޓިވުވިއިރު ރޯގާގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން 12 މީހަކު ޕޮޒިޓިވެފައިވެއެވެ. މި 12 މީހުންނަކީ މީގެ ކުރިން މިރޯގާ ޖެހުނު އެއްވެސް ފަރާތަކާއި ބައްދަލުވިކަމުގެ އެއްވެސް ރެކޯޑެއް ނެތް މީހުންނެވެ. އަދި މިރޯގާ ޖެހިފައިވާ ފަރާތަކާއި ބައްދަލުވި 106 ފަރާތެއްވެސް ވަނީ މިރޯގާ އަށް ޕޮޒިޓިވުވެފައެވެ. މީގެ އިތުރުން އެއް ފަތުރުވެރިއަކާއި ރެންޑަމް ސާމްޕަލްތަކުން 2 ފަރާތެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވުވެފައެވެ. މިވަގުތު މިރޯގާ ޖެހިފައިވާ 121 ދިވެހިން ފުވައްމުލަކު ސިޓީގައި ތިބިއިރު 11 ބިދޭސީއަކުވެސް އެކްޓިވު ކޭސްގެ ގޮތުގައި ފުވައްމުލަކުގައި އެބަތިއްބެވެ.

އިއްޔެ އާ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި އެންމެ ފަރާތެއް ހޯދުނު ނަމަވެސް އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި 330 ފަރާތެއް އައިސޮލޭޝަންގައި އެބަތިއްބެވެ. މީގެ އިތުރުން، ހައިރިސްކު 130 ފަރާތެއް މިރޯގާ ޖެހިފައިވާ މީހަކާއި ބައްދަލުވުމުގެ ސަބަބުން އައިސޮލޭޓްކުރެވިފައިވެއެވެ. މިވަގުތު ފުވައްމުލަކުގައި މޮނިޓަރިންގެ ހާލަތުގައި 300 ގެއެއް ހުރި ކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.

މިވަގުތު ނަތީޖާ ނުލިބި ހުރި ސާމްޕަލްތަކަށް ބަލާއިރު ފާއިތުވީ 3 ދުވަސް (މިމަހު 15، 16، 17) ވަނަ ދުވަހުގެ ގިނަ އަދަދެއްގެ ނަތީޖާ ނުލިބި އެބަހުއްޓެވެ. މިސާމްޕަލްތައް ޓެސްޓް ކުރުމަށް ފޮނުވިފައިވަނީ ޕޮލިސް ލެބޯޓަރީއަށް ކަަމަށާއި އެ ލެބޯޓަރީއެއް އެއްވެސް މައްސަލައެއް ދިމާވެފައިވާކަން އެގިފައިނުވާ ނުވާ ކަމަށާއި އަދި ރޭގެ ޕްރެސް ކޮންފަރެންސާއި ހަމައަށް ދިޔައިރުވެސް އެ ސާމްޕަލްތައް ރަން (ޓެސްޓް) ކުރަން ނުފަށާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުންގެ ފަރާތުން ރޭގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި އައިމިނަތު އަހުމަދު ވިދާޅުވިއެވެ. ރޭގެ ފަހުން ނެގޭ ސާމްޕަލްތައް ފޮނުވާނެ ލެބޯޓްރީއެއް އަންގާފައިނުވާ ކަމަށާއި އެކަމަށް އިރުޝާދަކާއި ފަހުންވެސް އައިސްދާނެ ކަމަށްވެސް އައިމިނަތު ވިދާޅުވިއެވެ.

ފުވައްމުލަކު ހިމެނޭ ސަރަހައްދުގެ ކޮވިޑު ފެސިލިޓީ ގާއިމުކޮށްފައިވަނީ އައްޑޫގައެވެ. އަދި އައްޑޫއިން ކޮވިޑަށް ޓެސްޓް ކުރުމުގެ ޚިދުމަތް ލިބެން ހުރި ނަމަވެސް މީގެ ކުރިންވެސް ފުވައްމުލަކުން ނެގޭ ސާމްޕަލްތައް އައްޑުއަށް ފޮނުވުމުގެ ބަދަލުގައި ފޮނުވަނީ މާލެއަށެވެ. “އައްޑޫގައި ޓެސްޓް ކުރުމުގެ ޚިދުމަތް ގާއިމުވެފައިވީ ނަމަވެސް ޓެސްޓްކުރުމުގެ ސޯޓޭޖެއް އުޅޭތީވެ މީގެ ކުރިން ޓެސްޓް ނުކުރެވޭ” އައިމިނަތު ވިދާޅުވިއެވެ. އައިމިނަތު އިތުރަށް ވިދާޅުވީ މަދު އަދަދެއް ނަމަ އައްޑޫ އިން ޓެސްޓްކޮށް ދެވިދާނެ ކަމަށް އިއްޔެ އައްޑޫ އިން ބުނެފައިވާކަމަށެވެ. ސާމްޕަލްގެ އަދަދު ގިނަކަމުން ޓެސްޓްކުރުމަށް ފޮނުވާނެ ލެބޯޓްރީއެއް ނިންމާނީ އެޗްޕީއޭ އާއި މަޝްވަރާކުރުމަށްފަހުގައި ކަމަވެސް އައިމިނަތު ވިދާޅުވިއެވެ.

އިއްޔެ އެންމެ މީހަކު ޕޮޒިޓިވުވި ނަމަވެސް މިއަދަދުތަކުން ދައްކުވައިދެނީ އަދިވެސް ހާލަތު ރަގަޅުނުވާ ކަމެވެ. ނަމަވެސް އަދިވެސް ރަށުތެރޭ ބުރުޖެހުން ފަދަ ކަންތައްތައް ކުރިއަށްދާތީވެ އެފަދަ ކަންތައްތައް ހުއްޓާލާ ސިއްހީފަރާތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ގޭގައި ތިއްބެވުމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި ފުވައްމުލަކު ހެލްތު އިމަޖެންސީ ޓީމުން ނަސޭހަތްތެރިވިއެވެ.

ފުވައްމުލަކެކޭ އެއްފަދައިން މުޅި ރާއްޖޭގެވެސް ކޮވިޑު ހާލަތު ރަގަޅުނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެގޮތުން އިއްޔެވެސް ރާއްޖެ އިން އިތުރު 1433 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިއްޔެގެ ސާމްޕަލްތަކުން ޕޮޒިޓިވުވި 594 މީހުންނާއި ކުރީ ދުވަސްތަކުގެ ސާމްޕަލްތަކުން ޕޮޒިޓިވުވި 839 ފަރާތެކެވެ. ކޮވިޑަށް މުޅި ރާއްޖެއިން ޓެސްޓް ކޮށްފައި ވަނީ 4480 މީހުންނެވެ. އިއްޔެގެ ނަތީޖާއާއިއެކު ކޮވިޑް ރޯގާ ޖެހިފައިވާ މީހުންގެ ގޮތުގައި 16997 މީހުން އެބަތިއްބެވެ. އޭގެތެރެއިން 268 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އިއްޔެ ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %32 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވުވެފައެވެ. މިއީ ކޮވިޑަށް ޕޮޒިޓިވުވި މީހުންގެ ނިސްބަތަށް ބަލާއިރު ރެކޯޑު އަދަދެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !