ފުވައްމުލަކު ސިޓީ އިން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވެފައި ވަނީ 6 މީހުންނެވެ. ކުރީ ދުވަހާއި އަޅާބަލާ އިރު މިއަދަދު ދަށްވި ނަމަވެސް އިއްޔެ ނަތީޖާ ލިބިފައި ވަނީ ކުރީ ދުވަހު ނަތީޖާ ލިބުނު ސާމްޕަލް ތަކަށް ވުރެ މަދު ސާމްޕަލް ތަކެއްގެއެވެ. އިއްޔެ ނަތީޖާ ލިބުނީ އެންމެ 76 ސާމްޕަލެއްގެއެވެ. އެހެންކަމުން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވި މީހުން އިންސައްތަ އަކީ ނަތީޖާ ލިބުނު މީހުންގެ 8 އިންސައްތައެވެ. އޭގެ ކުރީ ދުވަހު 45 މީހުން ކޮވިޑަށް ޕޮޒިޓިވުވެފައި ވަނީ 391 ސާމްޕަލެއްގެ ނަތީޖާ ލިބިގެނެއެވެ. އެހެންކަމުން، ކޮވިޑަށް ޕޮޒިޓިވުވި އިންސައްތަ އަކީ 11 އިންސައްތައެވެ. އިއްޔެ އަދަދު ނިސްބަތުން ދަށް ނަމަވެސް އަދިވެސް ނަތީޖާ ނުލިބޭ 360 ސާމްޕަލެއް ހުރުމުގެ ސަބަބުން މިނިސްބަތް މައްޗަށް ވެސް ގޮސްދާނެއެވެ.
އިއްޔެގެ ކޮވިޑު ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ފުވައްމުލަކު ސިޓީއިން ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ 360 މީހެކެވެ. އޭގެ ތެރެއިން 117 މީހަކު ވަނީ މިރޯގާއިން ސަލާމަތްވެފައިވާއިރު މިވަގުތު މިރޯގާޖެހިފައިތިބި މީހުންގެ އަދަދަކީ 242 އެވެ. މިއަދު މިރޯގާއިން 9 މީހަކު ރަގަޅުވިކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރިއެވެ.
އިއްޔެ ފުވައްމުލަކުން 133 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. މިވަގުތު މިސިޓީގެ މޮނިޓަރިންގެ ހާލަތުގައި ހުރީ 390 ގެއެކެވެ. އަދި ހައިރިސްކު މީހުންގެ ގޮތުގައި 172 މީހަކު ވަނީ އެކަހެރިކުރެވިފައެވެ. މީގެ އިތުރުން އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި 390 ފަރާތެއް ވެސް ވަނީ އެކަހެރިކުރެވިފައެވެ.
މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު އިއްޔެ ވަނީ 1559 މީހަކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވުވި 1135 މީހުންނާއި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓިވުވި 401 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވުވި 20 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވުވި 3 މީހެކެވެ.
ރާއްޖޭގައި ކޮވިޑު ޖެހިފައި ތިބި މީހުންނަށް ބަލާއިރު އިއްޔެ ހަވީރު 6 އާއި ހަމައަށް ކޮވިޑު ޖެހިފައި ތިބީ 23464 މީހުންނެވެ. އޭގެތެރެއިން 290 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލް ގައި އެޑްމިޓް ކޮށްގެނެވެ. އޭގެ ކުރީ ދުވަހު ހޮސްޕިޓަލުތަކުގައި އެޑުމިޓު ކުރެވިފައިވާ އަދަދު ހުރީ 294 ގައެވެ. އަދި އިއްޔެ ވަނީ 6 މީހަކު ކޮވިޑު ޖެހިގެން ނިޔާވެފައެވެ.
ޚިޔާލުތައް