A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކޯޓަށް މެޖިސްޓްރޭޓަކު އައްޔަން ކޮށްފި

12 ސެޕްޓެމްބަރު 2021 ގައި ހުވާކުރި 3 މެޖިސްޓްޜޭޓުން

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު (ފަނޑިޔާރަކު) އައްޔަން ކޮށްފިއެވެ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލަށް އައްޔަން ކުރީ ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް އެވެ.

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އަބްދުއްސަލާމް އަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅުކެވެ. މީގެ ކުރިން، 4 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޭނާ ހައިކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާސާވިސް ކޮމިޝަނުން އިއުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ފަނޑިޔާރުކަމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް އިންޓަވިއު ކުރުމަށްފަހު، ފަނޑިޔާރުން އައްޔަންކުރާ އޭނާގެ ނަން ޖޭއެސްސީއަށް ފޮނުވީ ފާއިތުވި އޮގަސްޓް މަހު 29 ވަނަ ދުވަހުއެވެ. އަދި އޭނާ މަގާމުގެ ހުވާ ކުރެއްވީ މިސެޕްޓެމްބަރު މަހު 12 ވަނަ ދުވަހުއެވެ. އޭނާއާއެކު އެދުވަހު އިތުރު ދެ މެޖިސްޓްރޭޓަކު، ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށާއި ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް ވެސް އައްޔަން ކޮށްފައި ވެއެވެ.

މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމުން އެންމެ ފުރަތަމަ 3 މަސް ދުވަހު އަމަލީ ތަޖުރިބާ ހޯދުމަށް މާލޭގެ ކޯޓެއްގައި މަސްކަތް ކުރަން ޖެހެއެވެ. އަދި އެމީހަކު އައްޔަން ކުރެވުނު ކޯޓެއްގައި މަސައްކަތް ކުރަން ދާންޖެހެނީ އެއިގެފަހުންނެވެ.

މިވަގުތު ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރަމުން އަންނަނީ 2 މެޖިސްތްރޭޓުންނެވެ. އެއީ އިސް މެޖިސްޓްރޭޓް ލީނާ އާއި މެޖިސްޓްރޭޓް އަކުރަމް އެވެ. އަލަށް އައްޔަން ކުރެވުނު މެޖިސްޓްރޭޓް އާއިއެކު 3 މެޖިސްޓްރޭޓުން ހަމަވާނެއެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި 4 މެޖިސްޓްރޭޓުންގެ މަގާމު އޮންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުވައްމުލަކު ކޯޓުގެ އިދާރީ އެންމެހައި ކަންތައްތައް ބަލަހައްޓަން 25 އެއްހާ މުވައްޒަފުން ތިބެއެވެ. އަދި ކުރިން ކޯޓް އެޑްމިނިސްޓްރޭޓާ އެއް ވެސް ހުއްޓެވެ. ނަމަވެސް މިހާރު ކޯޓް އެޑްމިނިސްޓްރޭޓާއެއް ނެތެވެ. އެޑްމިނިސްޓްރޭޓް އިސްފަރާތަކީ ވެސް އިސް މެޖިސްޓްރޭޓެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް މަހަކު 30-40 އާއި ދެމެދުގެ އަދަދަށް މައްސަލަތައް ހުށަހެޅޭ ކަމަށް ވެއެވެ. ގިނަ ފަހަރު އެންމެ 2 މެޖިސްޓްރޭޓުން ތިބޭތީ މައްސަލަތައް ނުނިމި ގިނަދުވަސް ލައިގެން ދެއެވެ. އަދި އެކަމުގެ ކަންބުޑުވުން ފުވައްމުލައް ސިޓީގެ ރައްޔިތުން ފާޅުކުރެއެވެ. ނަމަވެސް ކޯޓުތަކުގެ ވާހަކަތައް ދެއްކުމަކީ ޒަމާނުއްސުރެ އަދިވެސް ވަރަށްބޮޑު ކުށެއް ކަމަށް ބެލެވި އަދި އަފަދަ ވާހަކައެއްގެ ސަބަބުން އެމީހަކު ވެސް ކުށްވެރި ވެދާނެތީ އެފަދަ ވާހަކަ ދައްކަން ގިނަ މީހުން ބިރުގަނެއެވެ.

މީގެ އިތުރުން އެކޯޓުގައި ހިންގާ ކަންކަމުގެ މައުލޫމާތު ވެސް ރަށުގެ އާއްމުންނަށް އެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ހުށަހެޅޭ މައްސަލައެއް ނިންމުމަށް އަހަރުތަކެއް ނަގައެވެ. މައްސަލަ ލަސްވާތީ ލާ ސިޓީއަކަށް އިދާރީގޮތުން ވެސް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑެއެވެ.

ފުވައްމުލަކު ކޯޓުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް http://gn-fuvahmulah.courts.gov.mv/ ވަނުމުން އެނގުނީ މާކަބޮޑު ހަރަކާތެއް ހިގާކަން އެނގެން ނެތްކަމެވެ. ނުވަތަ ހިނގާ ހަރަކާތްތަކުގެ މައުލޫމާތު ހާމަނުކުރާ ކަން އެނގެއެވެ. އެވެބްސައިޓްގައި ހުރި ހުރިހާ މެޖިސްޓްރޭޓް ކޯޓްތަކަކުން ނިންމަ މަސައްލަތަކުގެ ލިސްޓަށް ބަލާއިރުވެސް ފުރަތަމަ 30 ސަފުޙާ އިން ވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ އެންމެ މައްސަލައެއް ވެސް ނުފެނުނެވެ. އަދި ވެބްސައިޓްގައި އެއްވެސް ތަރުތީބަކުން މައްސަލައް ހޯދަން ‘ސޯޓް’ ކުރެވޭނެ ގޮތެއް ނުހުރެއެވެ. ނަމަވެސް މިއަދު (15 ސެޕްޓެމްބަރު 2021) އަށް 6 އަޑު އެހުމެއް ފުވައްމުލައް ސިޓީގައި ތާވަލް ކޮށްފައި ވެއެވެ.

ފުވައްމުލަކު މެޖިސްްޓްރޭޓް ކޯޓުގެ ވެބްސައިޓުން. 15 ސެޕްޓެމްބަރު 2021

މެޖިސްޓްރޭޓް ކޯޓްތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއާ ކޯޓު ޤާއިމުވެފައިވާ މާލެއާއި، އެ ހަތަރު ސުޕީރިއާ ކޯޓުގެ ހަތަރު ޑިވިޒަންގެ ގޮތުގައި އައްޑޫ ހުޅުމީދޫ އާއި ކުޅުދުއްފުށީގައި (ހައިކޯޓުގެ ދެ ގޮފި) ފިޔަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ ކޯޓުތަކެވެ. މެޖިސްޓްރޭޓް ކޯޓުތަކަކީ، ދަށު ކޯޓުތަކުގެ ތެރެއިން އެންމެ ތިރީ ގިންތީގެ ކޯޓުތަކެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިސާސް އެގާނޫނުގެޖަދުވަލު 5 ގައި ބަޔާންކޮށްފައި ވެއެވެ.

އިންސާފު ހޯދައިދެވޭނީ ކަމާއި ގުޅެ ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކޮށްގެނެނެވެ. އެވެސް މުސާރައާއި އިނާޔަތް ދިފައި ރައްޔިތުންގެ ކަންކަން ކުރުމަށް ހަވާލުވެފައިތިބޭ ބައެކެވެ. އެމީހުންގެ މަސައްކަތާއި މެދުވެސް ފާޑުކިޔައި އަޑުއުފުލައިގެން ނޫނީ ކަންކަން ރަނގަޅު ވެގެން ނުދާކަން ރާއްޖޭގެ ތާރީޚުން މިވަނީ ހާމަވެ. އަޑުއުފުލަންވީ ހަމައެކަނި ސިޓީ ކައުންސިލާއި، ހޮސްޕިޓަލާއި ސްކޫލްތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !