ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ފުވައްމުލައް ސިޓީގައި އައިސީޓީ ފެސިލިޓީއެއް ބިނާކުުރެމުގެ ކުރެހުމާއި ބިއޯކިއު ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ޕްރަވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މިމަަސކްތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު، ގައުމީ ޔުނިވާސިޓީގެ މައިކެމްޕަސް، މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމު އެވެ.
ފުވައްމުލަކުގައި މި ފެސިލިޓީ ގައިމުކުރަނީ އުލާ ޕްރީސްކޫލް ހުރި ބިމގައިެވެ. އެބިން މިހާރު ވަނީ ގައުމީ ޔިވާސިޓީ އާއި ހަވާލުކޮށްފައެވެ. އެއީ 35،000 އަކަފޫޓުގެ ބޮޑު ބިމެކެވެ.
މި ބިން ހަވާލުކުރިއިރު ކަނޑައަޅާފައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށެވެ. އެގޮތުން މަސައްކަތް ނުފަށާނަމަ ކޮންމެ 6 މަސް ދުވަހުން ސިޓީ ކައުންސިލުން އެކަން ބަލައި، ދިމާވެފައިވާ މައްސަލައަކާއި ގުޅޭގޮތުން އެމްއެންޔޫއާއިއެކު މަޝްވަރާކޮށް ގޮތެއް ނިންމަމުން ދިއުމަށް ކަމަށް ސިޓީ ކައުންސިލުން ނިންމާފައި ވެއެވެ.
ފުވައްމުލައް ސިޓީގައި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ފެކަލްޓީއެއް ގާއިމުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިކަމުގެ މަޝްވަރާ ފުވައްމުލައް ސިޓީ ކައުންސިލާއި ގައުމީ ޔުނިވާސިޓީ އާއެކު ކުރެވެމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި މިފެކަލްޓީއަކީ ފުވައްމުލައް ސިޓީގެ ތަރައްގީއަށް ވަރަށް މުހިންމު ތަނެއް ކަމުގައި ސިޓީ ކައުންސިލުން ގާބޫލުކުރެއެވެ.
އައިސީޓީ ފެކަލްޓީ ގާއިމުކުރެވި އެއިގެ ތެރެއިން ސަރުކާރުގެ ވައުދެއް ކަމުގައިވާ ފުވައްމުލަކުގައި އައިޓީ ޕާކް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް މޭޔަރު އިސްމާއީލު ރަފީޤު ވިދާޅުވެއެވެ. އެގޮތުން މިތަނަކީ ރަށުގެ އައިޓީ އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް މޭޔަރު އިސްމާއީލު ސިޓީ ކައުންސިލް ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އައިސީޓީ ދާއިރާއިން ކިޔަވައިދޭން ފެށުމާއި، ތަމްރީނުގެ ކަންކަން ފެށިގެން ދިއުމަކީ އެކަމުގެ އެންމެ މުހިންމުކަން ކަމަށް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ބައްދަލުވުން.
ފުވައްމުލައް ސިޓީގައި އައިޓީ އާއި ގުޅޭ ތަމްރީނު މަސައްކަތް 1990 ގެ އަހަރުތަކުގައި އެންމެ ފުރަތަމަ ފެށީ މިހާރު ސިޓީ ކައުންސިލްގެ ޑެޕިއުޓީމޭޔާ މުހައްމަދު ފިކުރީގެ އިސްނެގުމާއެކު އައިލޭންޑް ކޮމްޕިއުޓާސްގެ ނަމުގައެވެ. އައިލޭންޑް ކޮމްޕިއުޓާސްގެ އައިޓީ ތަމްރީނު ކްލާސްތައް ފުޅާވެ މުޅި ރާއްޖޭގައި ވެސް ހިންގިއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ފިކުރީ ވިދާޅުވީ މި މަސައްކަތަކީ މިހާރު ކުރުން ލަސްވެފައިވާ ކަމެއްކަމަށް ދެކޭ ކަމަށާއި ވީހާވެސް އަވަހަކަށް މިމަސައްކަތް ފެށުން މުހިންމު ކަމަށެވެ.
އައިސީޓީ ހަބަކަށް ފުވައްމުލައް ސިޓީ ހެދުމަކީ ރިޔާސީ ވައުދުގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔަކަމެއް ކަމަށާއި، މިކަމާއި ގުޅިގެން އެމްއެންޔޫއިން އައިސީޓީ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެދި ސިޓީ ތަކެއް ފޮނުވާފައިވެއެވެ.
ޚިޔާލުތައް