A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓަކީ 113.6 މިލިޔަން ރުފިޔާ

2022 ވަނަ އަހަރަށް ލަފާކުރާ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރަން ކައުންސިލަރުން ވޯޓު

މިއަހަރަށް ލަފާކުރާ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓަކީ 113.581 މިލިޔަން ރުފިޔާ ކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ ކައުންސިލްގެ އާއްމު ޖަލްސާގެ ހުރިހާ، (6) މެންބަރުންގެ ވޯޓާއެކު އިއްތިފާގުން ފާސްކޮށްފިއެވެ.

ރޭ، 15 ޖެނުއަރީ 2022 ވީ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ފުވައްމުލައް ސިޓީ އިދާރާގެ ކުރުނދުމާ މާލަމުގައި ބޭއްވި މި އާއްމު ޖަލްސާގައި ހުރިހާ ކައުންސިލް މެމްބަރުންގެ އިތުރުން ބައިވެރިވެފައި ވަނީ ވަރަށް މަދު އާއްމުންގެ ބައެކެވެ. މުހިންމު މިޖަލްސާ ފޭސްކުޕޭޖުން ލައިވް ކުރިއިރު ވެސް ވަގުތުން ބަލަމުން ގޮސްފައިވަނީ ނިސްބަތުން ވަރަށް މަދުބައެކެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކުރެވުނު ގޮތް.

މިޖަލްސާއަށް، ކުރުނދުމާ މާލަމަށް ހާޒިރުވެފައި ތިބީ އާއްމުންގެ 7 މީހުންނެވެ. އަދި ލައިވް ފީޑް ބަލަމުން ދިޔައީ 60 އެއްހާ މީހުންނެވެ. ރޭގެ ޖަލްސާގައި ވެސް، އާއްމުކޮށް ދިމާވާ އަޑުގެ ކެނޑިކެނޑިގެން ދިއުމުގެ މައްސަލަތައް ދޭތެރެ ދެތެރެއިން ދިމާވަމުން ދިޔައެވެ. ވުމާއެކު ބައެއް ވާހަކަ ތަކުގެއަޑު ލައިވް ފީޑުން ބަލަމުންދިޔަ މީހުނަށް ނީވުނުކަމަށް ވެއެވެ.

ރޭގެ ޖަލްސާގައި ފާއިތުވި އަހަރުގެ ބަޖެޓުން ޚަރަދު ކުރެވުނު ގޮތާއި ބާކީ ހުރި ފައިސާގެ ތަފުސީލް ހުށަހަޅައި ދީފައި ވެއެވެ. އަދި މިއަހަރުގެ ބަޖެޓް ތައްޔާރު ކުރެވިފައިވާ ގޮތުގެ ޚުލާސާއެއް ހުށަހެޅިގެން ދިޔައެވެ. އަދި ބަޖެޓާއި ގުޅޭގޮތުން ހުރިހާ ކައުންސިލް މެމްބަރުން ވެސް ވާހަކަދައްކާފައި ވެއެވެ.

މި އަހަރުގެ ބަޖެޓް ތައްޔާރުކުރެވިފައި ވަނީ ކުރިޔަށް އޮތް 5 އަރަށް ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނާއި އެއްގޮތަށް ކަމަށް މޭޔަރ އިސްމާއީލު ރަފީގު ފާހަގަކުރެއްވިއެވެ.

އެގޮތުން ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި 5 ދާއިރާ އަކަށް ބަޖެޓް ކުރެވިފައި ވެއެވެ. އެއީ:

ދެމެހެއްޓެނިވި ތަރައްގީ – 2.9 މިލިޔަން
އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަން – 2.7 މިލިޔަން
ޕްލޭން ކުރެވިފައިވާ ދިރިއުޅުމަށް ހިތްގައިމު ސިޓީ – 1.2 މިލިޔަން
ފެހި، ސާފު އަދި ރީތި ސިޓީ – 13.7 މިލިޔަން
ޒިންމާދާރު، ހިންގުންތެރި ކައުންސިލެއް – 1.4 މިލިޔަން އެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓް

މިއަހަރު ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަލާފައި ވަނީ 29.068 މިލިޔަން ރުފިޔާއެވެ. ފާއިތުވި، 2021 ވަނަ އަހަރު ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.137 މިލިޔަން ރުފިޔާއެވެ.

ފާއިތުވި އަހަރު ދައުލަތުގެ ގްރާންޓްގެ ގޮތުގައި ލިބިފައިވާ 34.670 މިލިޔަން ރުފިޔާއާއެކު މުޅި ޖުމުލަ 41.806 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އދި ޚަދަރުގެ ގޮތުގައި ހިނގާފައިވަނީ 41.764 މިލިޔަން ރުފިޔާއެވެ. ވުމާއެކު ބާކީ ހުރީ 2.465 މިލިޔަން ރިފިޔާއެވެ.

މިއަހަރު، 2022 ގައި ދައުލަތުގެ ގްރާންޓްގެ ގޮތުގައި ލިބޭނެ ކަމަށް ބަލާފައިވަނީ 41.850 މިލިޔަން ރުފިޔާއެވެ. އަދި އެކި ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއެކު އެކު މުޅި ޖުމުލަ 113.581 މިލިޔަން ރުފިޔާ އަށް ބަޖެޓް ކޮށްފައި ވެއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !