ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓި ސްކޭން މެޝިނެއް ބަހައްޓަން ނިންމާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ހާމަކުރައްވައިފިއެވެ.
ފުވައްމުލައް ސިޓީގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ބެހެއްޓުމަށް ނިންމާފައިވާ ސިޓީ ސްކޭން މެޝިން މިހާރު ވަނީ އޯޑަރުކުރެވި ރަށަށް އައުމުގެ މަގުމަތީގައި ކަމަށް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ބައްދަލުވުމުގައި ހާމަކުރެއްވިއެވެ. އެމެޝިން ބަހައްޓާ ތަނުގެ އިންތިޒާމު ހަމަޖައްސައިގެން ޚިދުމަތް ދިނުމަށް 6 މަސް ދުވަސް ވަރު ވާނެ ކަމަށް ވެސް ހާމަކުރައްވާފައި ވެއެވެ.
މީގެ އިތުރުން މި ޚިދުމަތާއެކު މެމޯގްރާމްގެ ޚިދުމަތާއި މިހާރު ހުރި އެކްރޭ މެޝިން ފަހުގެ ޑިޖިޓަލް އެކްސްރޭ މެޝިނަކަށް އަޕްގްރޭޑް ކުރެިވގެންދާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު ފުވައްމުލަކު ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިމަހު 25 ވަނަ ދުވަހު ސިއްހަތާބެހޭ ވަޒީރު އަހުމަދު ނަސީމް ވަނީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސްފަރާތްތައް ބައިވެރިވެ ސިޓީ ކައުންސިލާއެކު ފުވައްމުލަކު ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާއެކު ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި ފުވައްމުލަކު ރައްޔިތުންނަށް ލިބެމުންއަންނަ ސިއްހީ ޚިދުމަތާއި މެދު އޮތް ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރެއްވި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ޚިޔާލުތައް