ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަސައްކަތުގެ އަދިވެސް ކުރިޔަށް އެބައެއެވެ. އެތެރޭގެ މަގުތަކުން މި ޕްރޮޖެކްޓްގައި ހިމަނާފައިވާ 31 މަގުގެ ތެރެއިން ބޮޑުބައެއް މިހާތަނަށް ނިންމާލެވިފައި ވީނަމަވެސް މަސައްކަތް ނިންމަން ކަނޑައެޅި އެތައް ތާރީޚެއް ވަނީ ފާއިތުވެގެން ގޮސްފައެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީ އިން މަސައްކަތް ނިންމުމަށް އެންމެ ފަހުން ދީފައި ވަނީ މި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މިވަނީ އެ މުއްދަތުގެ އިތުރަށް ވެސް 3 މަހެއްހާ ދުވަސް ވެފައެވެ. އަދިވެސް ކަނޑައެޅި 31 މަގު ގެ މަސައްކަތް އެއްކޮށް ނިންމޭނެ ދުވަހެއް ނޭގެއެވެ. މިއަދާއި ހަމަޔަށް 20 ވަރަކަށް މަގުގެ ތާރުއެޅުމުގެ މަސައްކަތް ނިންމާފައި ކަމަށް ވެއެވެ.
ބަހާރުމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ހަވިއްތަ މަގުގައި ތާރު އެޅުމުގެ މަސައްކަތް އިއްޔެ އާއި މިއަދު އަންނަނީ ކުރުމުންނެވެ.
ކުރިން ނިންމާފައިވާ ބައެއް މަގުތައް މިހާރު ވަނީ ކުރަހާފައެވެ. ނަމަވެސް ކުރެހި މަގުތަކުގައި އަރިމަތީ ރޮނގު ނުދަމާ ހަމައެކަނި މެދުން ރޮނގެއް ދަމާފައި ނިންމާލާފައި ވާތީ އެކަމުގެ ކަންބޮޑުވުން މިކަލް ނޫހާއި ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައި ވެއެވެ.
ފުވައްމުލައް ސިޓީގެ މަގުތައް ހެދުން ލަސްވާތީ އެމައްސަލާގައި ރައްޔިތުންގެ މަޖުލިހުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު 6 ގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު ރަޝީދު ސުވާލު ވެސް ކޮށްފައި ވެއެވެ.
ފުވައްމުލަކު އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް 730 ދުވަހުގެ (ގާތްގަޑަކަށް 2 އަހަރު) ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ގެ ޖުލައި މަހުގައެެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ނުދާކަން ފުވައްމުލަކުގެ ގިނަ ބަޔަކު ފާހަގަ ކުރަމުން އާދެއެވެ.
މި މަސަކައްކަތަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާޏް ކައިރިވެފައި ވަނިކޮށް 2021 ވަނަ އަހަރު އެމްޓީސީސީން ހާމަކޮށްފައިވަނީ މަސައްކަތް ނިންމަން އަދި އިތުރު 1 އަހަރު ދުވަސް ނަގާނެއެވެ. އެގޮތުން މަސައްކަތް ނިންމަން ކަނޑައެޅީ 2021 ވަނަ އަހަރު ނޮވެމްބަރު މަހު މެދެއްހާ ހިސާބަށެވެ. ނަމަވެސް މިހާރު މިވަނީ 2022 ވެސް ނިމި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމާއި ގާތުގައެވެ.
ޕްރޮޖެކްޓަށް ކަނޑައެޅި 2 އަހަރު ދުވަހުގެ ބަދަލުގައި 4 އަހަރުގެ ތެރޭގައި ވެސް އެމްޓީސީސީ އަށް މިމަސައްކަތް ނިންމޭނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެމްޓީސީސީއަށް މަސައްކަތް ނުނިމި ލަސްވަނީ ކީއްވެގެން ކަން ސާފުވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ޕްރޮޖެކްޓްގެ ކުރީކޮޅު ފުވައްމުލަކުގައި ބަހައްޓާފައި ހުރި މަސައްކަތް ކުރާ ސާމަނުތައް ވަނީ އައްޑޫ ސިޓީ ހުޅުމީދޫގެ މަގުގެ މަސައްކްތ ނިންމަުމަށް ބަދަލުކޮށްފައެވެ. ނަމަވެސް އައްޑޫ ހުޅުމީދޫ މަގުގެ މަސައްކަތަކީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކަށް ފުރެ ފަހުން އެމްޓީސީސީއާއި ހަވާލު ކުރި ޕްރޮޖެކްޓެކެވެ.
ނަމަވެސް ސިޔާސީގޮތުން ބާރުފޯރުވައި އެރަށުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެއްޗެހިތައް ބަދަލުކުރީ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކަ މީހަކު ހާމަކުރިއެވެ. ވުމާއެކު އެއީ ވެސް ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުން ލަސްވި އެއް ސަބަބު ކަމަށް ބެލެވެއެވެ.
ޚިޔާލުތައް