މި އަހަރުގެ، 1444ގެ ކުޑަ އީދު، ނުވަތަ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ފުވައްމުލައް ސިޓީގައި ކުރުމަށް ހަމަޖެހިފައިވާ ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައެވެ. މިފަހަރުގެ އީދު ދުވަސް ކަނޑައަޅާ ޖަލްސާކުރުން އޮންނާނީ މާދަމާ، 20 އޭޕްރީލް 2023 ވާ ބުރަސްފަތި ދުވަހުގެ ރޭ 8:45 ގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހަމަކުރައްވައެވެ.
އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30 ގައެވެ. ހުކުރު ނަމާދާއި ތަފާތުކޮށް އީދު ނަމާދުގައި ޚުތުބާ ކިއުން އޮންނަނީ ނަމާދުކޮށް ނިމިގެންނެވެ. ވުމާއެކު ގަޑިޖެހުމުގެ ކުރިން ނަމާދަށް ނުދެވިއްޖެނަމަ އީދު ނަމާދު ލައްވައެއް ނުލާނެއެވެ. ހުކުރު ނަމާދުގެ ޚުތުބާ ކިޔަން ފަށާ ފަހުން ނަމާދަށް ދިޔަޔަސް އެނަމާދު ލައްވާލާ ނަމަވެސް އީދު ނަމާދު އެގޮތަށް ލައްވައެއް ނުލާކަން މަދުން ނަމަވެސް ބައެއް މީހުން ވަނީ ތަޖުރިބާ ކޮށްފައެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދަށް އަންނަ ފަރާތްތަކުން ސަމާލުވުމަށް އިންތިޒާމު ކުރާ ފަރާތުން ފާހަގަ ކުރާ ބައެއް ކަންތައްތަކެއް އެބަހުއްޓެވެ.
ގެއިން ވުޟޫ ކޮސްގެން ދިއުމާއި
ނަމާދުކުރުމަށް މުސައްލައެއް ގެންދިއުމާއި
ކުޑަ ފެންފުޅިއެއް ގެނަދިއުމާއި
ފައިވާނަށް ސަމާލުވާނެ ނުވަތަ ރައްކާކުރާނެ ގޮތެއް ވިސްނުމަށެވެ. މިފަދަ ހާލަތްތަކުގައި ފައިވާން ރައްކާކުރުމަށް ބައެއް މީހުން ހެޔޮވަރުގެ ކޮތަޅެއް ގެންގުޅެއެވެ.
ފަލަކީ ހިސާބުތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކރާ ގޮތުގައި މިއހަރުގެ ފިތުރު އީދު ދުވަސް ރާއްޖެއަށް ދިމާވާނީ 21 އޭޕްރީލް 2023 ވާ ހުކުރު ދުވަހަށެވެ. ނަމަވެސް މިކަން ކަނޑައަޅައި އިއުލާންކުރާނީ އިސްލާމިކް މިނިންސްޓްރިއިންނެވެ.
އިދު ކަނޑައެޅުން ނުވަތަ ޝައްވާލުމަހުގެ ފެށުން (ހަނދު ސާބިތުކުރުމަށްޓަކައި) ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހަނދުބެލުން އޮވެއެވެ. ހަނދު ފެނުނުކަން ސާބިތުކުރަނީ، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސް ދީގެންނެވެ. ރާއްޖެއިން ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ފޮރިން މިނިސްޓްރީއަށް ހިއްސާކުރާ ގޮތަށް ވަނީ ހަމޖެހިފައެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަހަކަށް ވެއްޖެ ނަމަ ހެންދުނު އީދު ކުރުމަށްފަހު ހުކުރު ނަމާދު ކުރުންވެސް އޮންނާނެއެވެ. ޖަމާއަތުގައި ހުކުރު ކުރުން އޮންނަނީ މެންދުރު 12:35 ގައެވެ.
ފިތުރު އީދުގެ ބަންދު ދުވަހުގެ ގޮތުގައި ލިބެނީ 3 ދުވަހެވެ.
ޚިޔާލުތައް