ކުރިން ޓްރާންސްޕޯރޓް އޮތޯރިޓީން ފުވައްމުލަކުގައި ދެމުން ގެންދިޔަ ޚިދުމަތްތައް މިއަދުން ފެށިގެން ފުވައްމުލައް ސިޓީ ކައުންސިލުން ދޭގޮތަށް ހަމަޖެހިއްޖެއެވެ. މިކަން މިއަދު ވަނީ ސިޓީ ކައުންސިލުން އާއްމުކޮށް އިއުލާން ވެސް ކޮށްފައެވެ. މިއަދު ހެނދުނު ކުރުނދުމާ މާލަމުގަިއ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯރތް އޮތޯރިޓީން ވަނީ ރަސްމީކޮށް އެމަސައްކަތައް ފުވައްމުލައް ސިޓީ ކައުސިލާއި ހަވާލުކޮށްފައެވެ.
ކުރިން ޓްރާންސްޕޯރޓް އޮތޯރިޓިގެ ކަންކަން ފުވައްމުލަކުގައި ކުރަމުން އައީ އެކަމަށް ގާއިމުކުރެވުނު ޔުނިޓެއްގެ ދަށުންނެވެ.
އެގޮތުން ޓްރާންސް ޕޯރޓާއި ގުޅުން ހުރި ކަންކަމަށް އެދި ފޯމު ހުށަހެޅުމަށް ކަނޑައޅާފައިވާ ގަޑިއަކީ ހެނދުު 8:30 ން މެދުރު ފަހު 1:00 އާއި ދެމެދުގެ ވަގުތު ތަކުގައެވެ.
ޓްރާންސް ޕޯރޓް އޮތޯރިތީން ދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްގަމާއި ކަނޑު އުޅނދު ރަޖިސްޓރީ ކުރުމާއި އެ އުޅަނދުތައް ދުއްވުމުގެ ހުއްދަތައް ދޫކުރުމާއި އެއްގަމާއި ކަނޑުގައި މުދާ އުފުލާ އުޅަނދުތައް ބަރުކުރަން ޖެހޭ ގޮތާއި ދުއްވުމުގެ މިންގަނޑުތައައް ކަނޑައެޅުން ހިމެނެއެވެ.
މީގެ ތެރެއިން އުސޫލުތައް ހެދުން ފިޔަވައި އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި ގުޅޭ ޚިދުމަތްތައް ދިނުން ފުވައްމުލަކު ސިޓީ ކައުންސިލުން ދެން ކުރެވޭނެއެވެ.
ލާމާރުކަޒުކޮށް ސަރުކާރު ހިންގުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ބާރުތައް ކައުންސިލްތަކަށް ސަރުކާރުން ދޫކޮށްލުން ހިމެނެއެވެ. މިއީ ވެސް އެގޮތުން ގެނެވުނު ބަދަލެކެވެ.
ދާދި ފަހުން ޓްރާންސް ޕޯރޓް އޮތޯރިޓީން ވަނީ އެއްގަމު އުޅަދު ދުއްވުމުގެ އުސޫލަށް ބަދަލުގެނެސްފައެވެ. އެގޮތުން 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާ މަގުތަކުގައި މޮޓޯސައިކަލުގައި ދުއްވަން ޖެހޭނީ ހެލްމެޓް އަޅައިގެންނެވެ. ސައިކަލުގެ ފަހަތުގައި އިންނަ މީހާވެސް ހެލްމެޓް އަޅަން ޖެހޭނެއެވެ.
ފުވައްމުލަކު ނާއިބު ތުއްތު މަގު (ތާރުމަގު) ގައި އާއްމުކޮށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދުތައް ދުއްވައެވެ. 2.5 ކިލޯމީޓަރު މިމަގު ރަނގަޅު ފެންވަރަކަށް ހަދާފައި ވިޔަސް މި މަގުގައި އުޅަނދު ދުއްވަން ވަކި ސްޕީޑެއް ކަނޑައަޅާފައެއް ނުވެއެވެ. ނުވަތަ އެކަން އަންގައިދޭ ނިޝާން ތަކެއް ނުހުރެއެވެ. ވުމާއެކު ރާއްޖޭގައި ބެލެެވެނީ ރާއްޖޭގައި އާއްމުކޮށް ދުއްވުމަށް ކަނޑައަޅާފައިވާ 25 އަދި 30 ކިލޯމީޓަރުގެ ބާރުމިނަށެވެ. ނަމަވެސް މިމަގުގަިއ ބާރު ސްޕީޑުގައި ދުއްވުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި އެއިގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ.
މި މަގުގައި ދުއްވާ ސްޕީޑް 30 ކިލޯމީޓަރަށް ވުރެ ބާރުކަމަށް ކަނޑައޅާއިފިނަމަ އެމަގުގައި ވެސް މޮޓޯ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅާން ޖެހޭނެއެވެ. ސައިކަލު ދުއްވާ މީހުން މަގުމަތީ މުޑިއެރުންތަކުގައި އެންމެގިނައިން ފުރާނަ ގެއްލި އަދި ނުކުޅެދޭ ހާލަތަށް މީހާ ކުރިމަތި ލަނީ ބޮލަށް ލިބޭ އަނިޔާތަކުން ކަން ދުނިޔޭގެ ތަޖުރިބާތަކުން ވަނީ އެނގި ހާމަވެފައެވެ. އަދި ހެލްމެޓް އެޅުމުން، އެފަދަ ހާދިސާތަކުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުމާއި ނުކުޅެދުންތެރިކަމުން ސަލާމަތް ކުރެވިގެން ދެއެވެ.
ޚިޔާލުތައް