މިސަރުކާރުގެ ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި ވަޒީރު މުހައްމަދު މަލީހު ޖަމާލަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މަންފާ ލިބުނު ކަމަށް ޕްރޮޒެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމު ތުހުމަތު ކުރުމާއި ގުޅިގެން ޕީޖީ އާއި ދެކޮޅަށް މަލީހު ހޫނު ރައްދު ދީފިއެވެ. އިއްޔެ ޓުވިޓާ މެދުވެރިކޮށް މަލީހު ވިދާޅުވެފައިވަނީ ޕީޖީ އޮފީހުގެ ހަތަރުފާރު ތެރޭ ހިމެނޭ އެއްވެސް ލިއުމެއްގައި އަދި ޕީޖީ އޮފީހުގެ އެއްވެސް ޑޭޓާބޭސްއެއްގައި މިއަދާއި ހަމައަށް އެންމެ ކުޑަމިނުން އަޅުގަނޑުގެނަންވެސް ލިޔެފައި ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި މެންދުރު ނިދީގައި ޕީޖީ މިދައްކާ ވާހަކައިގެ ފޮރުވިފައިވާ ހަގީގަތް ހާމަވެގެންދާނެ ކަމަށެވެ.
“އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ނެރުނު 776 ސަފުހާގެ މިބޮޑު ރިޕޯޓުގެ އެއްވެސް ގޮތަކަށް ނެތްނަމެއް (މަލީހުގެ ނަން) މެންދުރު ނިދީގައި ސިއްރު ކޮޓާރީގައި އުފަންކުރުވީ ކިހިނެތްތޯ؟” ވިދާޅުވެ މަލީހު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަމާއި ޕީޖީ ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެކަމާއިމެދު ޝައްކުނުކުރެއްވުމަށް ވެސް މަލީހު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މަލީހުވަނީ ޕީޖީގެ އިޚުލާސްތެރިކަމާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. “ފާއިތުވީ 5 އަހަރު އެތަށް ބޭއިންސާފު ދައުވާއެއް އެތަށް ރައްޔިތުންނާއިކޮށް މުޅި ޕީޖީ ގެ މުއައްސަސާ (އޮފީސް) ޚަރާބުކޮށްފައި އިން ޕީޖީއަކު ދައްކާވާހަކަ ގަބޫލުކުރަން ނުޖެހޭ” މަލީހުގެ ޓްވީޓުގައި ވެއެވެ. މަލީހު އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ޕީޖީ ގެންދަންވީ އިންސާފުގެ ކުރިމައްޗަށެވެ.
ޕީޖީގެ މިއަމަލަކީ ކޮމިޓީގެ އިތުބާރު ގެއްލި ވަކިކުރަން ނިންމުމުން ކުރާކަމެއްކަމަށް މަލީހު ވަނީ ސިފަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓު އާންމުކުރިއިރު ޚިޔާނާތުގެ ފައިސާ އެތަށް ކުންފުންޏަކަށާއި އާންމު ފަރުދުންގެ އެކައުންޓުތަކަށް ވެދެފައިވާއިރު އޭގެ ތެރޭގައި މަލީހުގެ މަސްލަހަތު އޮންނަ އެއްވެސް އެކައުންޓެއް ހިމެނިފައެއް ނުވެއެވެ.
ޚިޔާލުތައް