ފަތުރުވެރިކަމުގެ ސިނާއަތުގައި އަދިވެސް ހައްގު މިންވަރު ޔަގީން ނުކުރެވޭކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ. ސާވިސް ޗާޖާއި ގުޅޭގޮތުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އާންމު ފަރާތަކުން ކުރި ޓްވީޓަކަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައި ވަނީ “ހަގީގީ ތެދު ވާހަކަތަކެއް. ހައްގު މިންވަރު އަދިވެސް ޔަގީން ނުކުރެވޭ.” ކަމަށެވެ. ހުސެއިން ތާއީދު ކުރައްވާފައިވާ ވާހަކަތަކަކީ ރިސޯޓުތަކުގައި ތަފާތުކުރުން އޮތްކަމަށް ބުނެ ވަޒީރު އަލީ ވަހީދު ޓެގުކޮށް ގާފު އަލިފު ކަމުގައި ކޮށްފައިވާ ޓްވީޓަކަށެވެ. “ދޮންމީހެއްވީމާ ސިންގަލް އެކޮމޮޑޭޝަން، އިންޑިއާ މީހެއްވީމާ މުސާރަ ބޮޑު، ޔޫރަޕް މީހެއް ވީމާ ރެސްޓޯރަންޓުން ކެއުން، ލަންކާ މީހެއްވީމާ ސްޓޯ އެލަވަންސް، ޖަޕާނު މީހެއްވީމާ އާރުއެންއާރު އެލަވަންސް ހަމައެއް ވަޒީފާއެއްގައި ދިވެއްސަކު ހުރިއްޔާ ލިބޭ އެލަވަންސާއި އިނާޔަތްތައް ބައެއް ރިސޯޓުތަކުގައި އިންތިހާ ދަރަޖަ ތަފާތު، ރިސޯޓު ވަޒީފާތަކަކީ ނަސްލީ ތަފާތުކުރުން ބޮޑު ހާއްޔެކެވެ.” ހުސެއިން ތާއީދު ކުރެއްވި ޓްވީޓުގައި ވެއެވެ.
މިމޭރުމުން ގިނަ ބަޔަކު މިހާރުވެސް ދަނީ ސޯޝަލް މީޑީއާތަކުގައި ޚިޔާލުފާޅުކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ދަނީ ޓްއަރިޒަމް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. މީގެ ކުރިން އަމިއްލަ ފަރާތަކުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުން އެޗް އާރު ދާއިރާގެ އެސިސްޓެންޓް މެނޭޖަރަކަށް އެފަރާތުން 1 އަހަރު ދުވަހުގެ ޓުއަރިޒަމް ދާއިރާގެ ތަޖުރިބާއާއިއެކު ކުރިމަތިލީ ނަމަވެސް އެމަގާމަށް ނަގާފައި ވަނީ ނަރުހެއްގެ ގޮތުގައި ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކޮށްފައިވާ ފިލިޕީންސް ފަރާތެކެވެ.
ރިސޯޓް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަލް ނޫހާއި ބަދަލުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރިސޯޓް ދާއިރާއަށް އަލަށް ވަނުމަކީ އުދަގޫކަމެކެވެ. އެހެނީ ރިސޯޓްތަކުގެ މަތީ މަގާމުތައް ކޮންޓްރޯލް ކުރަމުންދަނީ ބިދޭސީންނަށްވެފައި، ކިޔަވައިގެން އަންނަ ދިވެހިންނަށް ވަޒީފާ ދިނުމުގައި ރިސޯޓުތަކުން ފަސްޖެހެއެވެ. އެގޮތުން، ޓްއަރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުން ލާޒިމުކޮށްފައިވާތީވެ ކިޔަވައިގެން އަލަށް އަންނަ ދިވެހިންނަށް މެދުފަންތީގެ މަގާމުތަކަށް ދިއުންވެސް ވަނީ ނާދިރު ކަމަކަށެވެ. އޭގެ ބަދަލުގައި ފިލިޕިންސްގެ އާދައިގެ ގެސްޓް ހައުސްއެއްގައި މަސައްކަތްކޮށްފައި އައިސް ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގެ މަތީ ފަންތީގެ ވަޒީފާ ފަސޭހައިން ލިބޭކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ. އަދި ގިނަ ފަހަރަށް އެފަދަ ފަރާތްތަކުގެ ސެޓްފިކެޓްތަކަކީ އެކްރެޑިޓްކުރެވޭ ސެޓްފިކެޓްތަކެއް ވެސް ނޫނެވެ.
ޚިޔާލުތައް