މިދުވަސްކޮޅު ޗައިނާގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން ޑައިވުކުރުމަށް ފުވައްމުލަކަށް ޒިޔާރަތްކުރާ މިދުވަސްވަރު އެބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު ތަކާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ދަނީ ކަމާއި ގުޅޭ ވުޒާރާތަކާއިއެކު މަޝްވަރާ ކުރަމުންކަމަށް އެކައުންސިލުން ހާމަކުރެއެވެ.
މިހާތަނަށް ރާއްޖެއިން މިވައިރަސް ފެނިފައިނުވި ނަމަވެސް އަވަށްޓެރި ސްރީލަންކާ އާއި ނޭޕާލުން މިބަލި ފެނިގެން ދިއުމަކީ ރާއްޖެއިންވެސް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭކަމަށްކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. މިވަގުތަށް މުހިންމީ ފައިސާއަށްވުރެ ބޮޑަށް ފުރާނަކަމަށް ބުނެ ޗައިނާ ފަތުރުވެރިން ރާއްޖެގެނައުން މި ވަގުތަށް ހުއްޓާލަން ސޯޝަލް މީޑިއާގައި އާއްމުން ވަނީ ގޮވާލަން ފަށައިފަ އެވެ.
މިދުވަސްވަރު ކޮރޯނާ ވައިރަސް ޗައިނާގައި ދަނީ އާދަޔާ ޚިލާފަށް ފެތުރެމުންނެވެ. ޗައިނާގެ ވޫހާން ސިޓީއިން ފެނުނު މިިބަލި އެސިޓީގައި އާދަޔާ ޚިލާފަށް ބާރަށް ފެތުރެމުންދާއިރު މިހާރު އެބަލި ވަނީ ޗައިނާގެ އިތުރު ސިޓީތަކާއި އެހެން ގައުމުތަކަށްވެސް ފޯރާފައެވެ. އެސިޓީއަކީ ޗައިނާ އިން ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށްވާތީ، ދިވެހިންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ބައްދަލުވެސް ކުރައްވާފައެވެ. އަދި އެބަލިން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއްޖޭގައި ވެފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފި އެވެ.
ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ވައިރަހުގައި މިހާތަނަށް 106 މީހުން ވަނީ މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 4،515 އަށް އަރަ އެވެ.
ޚިޔާލުތައް