ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އައުޓް ބްރޭކް ނުވަތަ ސިއްހީ ނުރައްކަލެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ކޮރޯނާ ވައިރަސް ދުނިޔޭގެ24 ގައުމަކުން މިހާތަނަށް ފެނިއްޖެއެވެ. މި ވައިރަސް އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދަނީ އެ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގައެވެ. ޗައިނާއިން މިހާތަނަށް މިބަލި ޖެހިގެން 304 މީހުން މަރުވެފައިވާ އިރު 14،380 މީހުން މިބައްޔަށް ޕޮޒިޓިވު ވެފައިވެއެވެ. ޗައިނާގެ އިތުރުން މިބަލި ޖެހިގެން މީހަކު މަރުވެފައިވަނީ ޕިލިޕީންސްއިންނެވެ. ފިލިޕިންސްއިން މަރުވެފައިވާ މީހަކީ މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއިން މިބަލި ޖެހުނު މީހެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މިބަލިޔަށް ޝައްކުކުރެވޭ ކޭސް އެއް ރާއްޖެއިން ފެނިފައިވީ ނަމަވެސް އަދި އެފަރާތުގެ ޓެސްޓްތަކުގެ ނަތީޖާ ނުލިބޭތީ އެކަން ކަށަވަރުވަނީ ނުވެފައެވެ. ނަމަވެސް، ޝައްކުކުރެވޭ ހަމައެކަނި ފަރާތް މިހާރުވަނީ ކަރަންޓީނު ކުރެވި ފަރުވާ ދެމުންކަމަށް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. އަދި އެފަރާތުގެ ހާލު ރަގަޅު ކަމަށް ސިއްހީކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވެއެވެ.
ޗައިނާގައި މިވައިރަސް އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ވޫހާން ގައި ތިބި 7 ދިވެހިން މިއަދު އިންޑިއާގެ ދިއްލާއަށް ގެންގޮސްފައިވާކަމަށް ޚާރިޖީ ވަޒީރުވަނީ މިއަދު ވިދާޅުވެފައެވެ. ދިއްލީގެ ވައިގެ ބަދަރުން މި 7 މީހުން ދިއްލީގެ ޗައުލާ ކޭމްޕަށް ގެންދާނެ ކަަމަށާއި އެކޭމްޕުގައި ކަރަންޓީނުގެ މުއްދަތު އެފަރާތްތަކުން ފުރިހަމަ ކުރާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މިވަގުތު ޗައިނާގައި އިތުރު 43 ދިވެހިން ތިބިކަމަށާއި އެފަރާތްތަކުގެ ހާލު ރަގަޅު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެފަރާތްތަކަށް ދެވެންއޮތް ހުރިހާ އެހީތެރިކަން އެފަރާތްތަކަށް ދެވޭނެކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މިބަލިން ރައްކާތެރިވުމަށް ގައުމުތަކުން ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން، އެމެރިކާ އާއި ސިންގަޕޫރުންވަނީ މިދުވަސްވަރު ޗައިނާއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން އެގައުމަށް ނުވައްދަން މިދިޔަ ހުކުރު ދުވަހު ނިންމާފައެވެ. އަދި ހޮންކޮން އިން ދަނީ ޗައިނާއާއި ގުޅޭ މަގުތައް ބަންދުކުރުމަށް ވެސް ގޮވާލަމުންނެވެ. ރާއްޖެއިންވެސް ވަނީ ޗައިނާގެ ދޭތެރޭ ކުރާ ސީދާ ދަތުރުތައް ހުއްޓާލާފައެވެ. މިކަމާއި ގުޅިގެން ދިވެހި ޓްއަރިޒަމަށް ހީނަރުވަމުންދާތީވެ އެކަމުގެ ކަންބޮޑުވުން ދަނީ ބައެއް ފަރާތްތަކުން ފާޅުކުރަމުންނެވެ.
ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 24 ގައުމަކުން މިވައިރަސް ވަނީ ފެނިފައެވެ. އެގައުމުތަކަކީ:
14،380 | ޗައިނާ |
12 | އޮސްޓްރޭލިއާ |
1 | ކެމްބޯޑިއާ |
4 | ކެނެޑާ |
6 | ފްރާންސް |
1 | ފިންލޭންޑް |
8 | ޖާމަނީ |
2 | އިންޑިއާ |
2 | އިޓަލީ |
20 | ޖަޕާން |
8 | މެލޭޝިއާ |
1 | ނޭޕާލް |
2 | ފިލިޕިންސް |
2 | ރަޝިއާ |
18 | ސިންގަޕޫރު |
15 | ދެކުނު ކޮރެއާ |
1 | ސްޕެއިން |
1 | ސްރީލަންކާ |
1 | ސްވިޑްން |
10 | ޓައިވާން |
19 | ތައިލޭންޑް |
2 | ޔޫކޭ |
8 | ޔޫއެސް |
5 | ޔޫއޭއީ |
6 | ވިއެޓްނާމް |
ޚިޔާލުތައް