ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ ޖެހިފައިވާ މީހަކު މާލެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވެފައިވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއްކަމަށެވެ. މިއީ މާލޭ ތެރެއިން ކޮވިޑް-19 ޖެހިފައި ހުއްޓާ ފެނުނު ފުރަތަމަ މީހާއެވެ. އަދި އެއީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ މީހެއްކަންވެސް އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވުވި ހަވަނަ މީހާއެވެ. މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު 12 ޖަހާއިރަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު. ޑރ. އަލީ ލަތީފެވެ.
މާލެތެރެއިން މީހަކު ކޮރޯނާއަށް ޕޮޒިޓިވުވެފައިވާއިރު މިއަދު ވަނީ ކޮރޯނާ އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 2 މިލިއަނަށް އަރާފައެވެ. މިހާތަނަށް 126 ހާސް މީހުން ވަނީ ކޮރޯނާ ރޯގާގައި ނިޔާވެފައެވެ.
ޚިޔާލުތައް