A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުގެ މިސްކިތްތަކުގައި ނަމާދު ޖަމާއަތުގައި ކުރުން މިއަދު މަޣުރިބު ނަމާދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދާއި ހަމައަށް މެދުކަނޑާލައިފިއެވެ.

މިއަދު މަޣުރިބު ނަމާދަށްފަހު ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފައި ވަނީ ހުކުރު ނަމާދާއި ފަރުޟު ނަމާދަށް ޖަމާއަތް ނެހެދުމަށް އިސްލާމިކް މިނިސްޓްރީއިން އަންގާފައިވާ ސާކިއުލާއާއި ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްޢާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިއަދު މެދުކަނޑާލައިފައިވާ އިރު މިއަދަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވިދުވަހެވެ. މިއަދު މާލެ ތެރެއިން 6 މީހަކަށް ކޮރޯނާ ރޯގާ ޖެހުނުއިރު އަދިވެސް އިންޑެކްސް ކޭސް ތަކެއް ނުހޯދެއެވެ. މިހާތަނަށް މާލެތެރެއިން މިރޯގާ އަށް ޕޮޒިޓިވު މީހުން ބެހެނީ ތަފާތު 3 ކްލަސްޓާއަކަށްކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި މި 3 ކްލަސްޓާގެވެސް އިންޑެކްސް ކޭސް ނުހޯދެއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ މިހާތަނަށް 2.287 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހި 157 ހާސް މީހުންވަނީ މިރޯގާގައި މަރުވެފައެވެ. މިރޯގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިރޯގާ އެންމެ ގިނަ މީހުންނަށް ޖެހުނު އެމެރިކާއިންނެވެ. މިރޯގާޖެހޭ މީހުންގެ ތެރެއިން މިރޯގާއިން ސަލާމަތްވާ ފަރާތްތަކާއި އަޅާ ބަލާއިރު މިރޯގާޖެހި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 21 އިންސައްތާގައެވެ. މީގެ މާނައަކީ މިބަލި ޖެހޭ މީހުންގެ ތެރެއިން 79 މީހުން މިބަލިން ސަލާމަތްވާއިރު 21 މީހުން މިބަލީގެ ސަބަބުން މަރުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !