1 އޭޕްރީލް 2020 ގެ ފަހުން ފުވައްމުލައް ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ސިޓީ ކައުންސިލަށް އެންގުމަށް އެކައުންސިލުން އެދިއްޖެއެވެ. އެގޮން ދަތުރުކޮށްފައިވާ ފަރާތްތަކުން އެކައުންސިލަށް އެންގުމަށް އެދި އިއްޔެ ވަނީ އިއްޔެ އިއުލާނެއް ނެރެފައެވެ.
އެ އިއުލާނުގައިވާ ގޮތުން އެކައުންސިލްގެ ހޮޓްލައިން ނަމްބަރު، 1618 ނުވަތަ 7487900 އަށް ގުޅުއްވުމަށް ނުވަތަ އެސްއެމްއެސް ކުރުމަށް އެދިފައިވެފެއެވެ.
މީގެ އިތުރުން އޮންލައިން ފޯމެއް ފުރައިގެން ވެސް މައުލޫމާތު ދެވޭނެ ގޮތް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ގާއިމުކޮށްފައެވެ.
1 އޭޕްރީލް 2020 ގެ ފަހުން ފުވައްމުލަކަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މައުލޫތު ފޮނުވުމަށް
މިއީ މިހާރު ރާއްޖޭގައި ވެސް ފެތުރިގެންފައިވާ ކޯވިޑް-19 އާއި ގުޅިގެން ކުރިޔަށްގެންދާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ވެއެވެ. އެގޮތުން 1689 މީހަކު މިހާރު ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިވާ މީހުން ގޭގައި މަޑުކުރުމަށް ޕަބްލިކް ހެލްތު ޔުނިޓުން ދަނީ އަންގަމުންނެވެ.
މިހާރު ވަނީ މުޅިރާއްޖޭގައި ވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ. ޒާރުރީ ބޭނުންތަކުގައި ނުވަތަ ކާބޯތަކެތި އުފުލުމުގެ ދަތުރުކުރުމަށް ޕަބްލިކް ހެލްތު އޮތޯރިޓީ އާއި ދަތުރުކުރާ ރަށެއްގެ ރަށު ކައުންސިލް އަދި ދަތުރަށް ފުރާތަނަކާއި މިތިން ފަރާތް ގުޅިގެން ޚާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި އޭޕްރީލް މަހު 19 ވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން އޭޕްރީމް މަހު 23 (މާދަމާ)ގެ ނިޔަލަށް ފުވައްމުލައް ސިޓީގެ ފިހާރަތައް އާއްމުންނަށް ބަންދުކުރުމަށް ވެސް ވަނީ އަންގާފައެވެ. ނަމަވެސް ފިހާރަތަކުން ތަކެތި ޑެލިވަރީ ކޮށްދިނުން ކުރިޔަށް ގެންދެވިދާނެ ކަމަށް ވެއެވެ. އަދި ތަކެތި ޑެލިވަރީ ކޮށްދޭން އެދޭ ފިހާރަތަކުން ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ވުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ބޯކޮށާ ތަންތަނާއި ބިއުޓީ ސެލޫންތައް އެކައުންސިލުން ވަކި ގޮތެއް އަންގަންދެން ބަންދުކުރުމަށް ވަނީ އަންގާފައެވެ.
ސިޓީ ކައުންސިލުގެ މިއެންގުންތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ލާމަރުކަޒީ ގާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އަންގާފައި ވެއެވެ.
ޚިޔާލުތައް