ރައީސް ސޯލިހުގެ ދަތުރުފުޅުގައި ގިނަ ކަންތައްތަކެއް ކޮށްދެވުމަށް ވައުދުވެ ވަޑައިގެންފި

ރައީސް ސޯލިހުގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ދެއްވި މާހެފުން 2022 މާރިޗް 25
Share on facebook
Share on twitter
Share on google

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފިއެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމެއްގައި، ފުވައްމުލަކު ރަސްމީ ބޯޅަދަނޑަށް ހާޒިރުވެ ތިބި ގިނަ ބައެއްގެ ހާޒިރުގައި ރައީސް ސޯލިހު ފުވައްމުލަކު ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތަތައްކުގެ ދިގު ލިސްޓެއް ވިދާޅުވެ ދެއްވިއެވެ.

ރައީސް ސޯލިހުގެ ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން 2022 މާރިޗު 25

އެގޮތުން ރައީސް ފާހަގަ ކުރެއްވީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ވައުދުތަކާއި ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގެ ވައުދުތަކުގެ އިތުރުން ސިޓީ ކައުންސުލް އިންތިޚާބުގައި އެމްޑީޕީގެ މެމެބަރުން ވެފައިވާ ވައުދުތައް ފުއްދަވާ ދެއްވާނެ ކަމަށެވެ.

ނަމަވެސް ރޭ ރައީސް ސޯލިހު ފާހަގަ ކުރެއްވި ގިނަ ކަންކަމަކީ ކުރިން ވެފައިވާ ވައުދު ތަކެއް ނޫނެވެ. ނަމަވެސް ދާދި ފަހުން ސިޓީ ކައުންސިލް މެމްބަރުންނާއި މަޖުލިސް މެމްބަރުން ރައީސް އާއި ބައްދަލުކުރައްވައި ހުށަހަޅުއްވާފައިވާ ކަންކަން ކަމަށް ފާހަގަ ކުރެއްވިއެވެ.

ރޭގެ ހަފުލާއި ރައީސް ފުވައްމުލައް ސިޓީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން

1. ފުވައްމުލައް ސިޓީގެ 1200 މީޓަރުގެ އެއާޕޯޓު އިތުރަށް ބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. “އަޅުގަނޑު މިހާރުވާނީ ޕްލޭނިން މިނިސްޓްރީގައި ދަންނަވާފައި. އެއާޕޯޓް ބޮޑުކުރެވޭނީ ކިހާވަރަކަށްތޯ ބެލުމަށް ޓެކްނިކްލް ސާވޭއެއް ހެދުމަށް. އެއަށްފަހުގައި މިރަށުގެ އެއާޕޯޓް ބޮޑުކުރެވޭނެ އެންމެ ބޮޑުމިނަކަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް މިރޭ އަޅުގަނޑު އަރުވަން”. ރައީސް ވިދާޅުވިއެވެ. މިކަން މިހެން ކުރަން ޖެހެނީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި ދުއްވާ މަތިންދާބީޓުތަކުގެ ސައިޒު ބޮޑުކޮށް ބަދަލު ގެންނަމުންދާތީ އެފަދަ ބޯޓުތަކަށް ޖެއްސުމަކީ ދަތިކަމަކަށް ވާނެތީ އެއާޕޯޓްގެ ރަންވޭ ރަންވޭ ދިގުކޮށް ބޮޑު ކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަންވޭގެ ސައިޒު 1800 މީޓަރަށް ދިގުކުރެވޭނެ ކަމަށް ވެއެވެ. މިކަމަށް ބެނުންވާ “ޓެކްނިކަލް ސާވޭއާއެކުގައި ކުރެވެން އޮތް އެންމެ ބޮޑު މިނަކަށް، ކުރިންވެސް ދެންވިފަދައިން އަޅުގަނޑުމެން އެކަން ކުރާނަން” ރައިސް ތަކުރާރު ކުރެއްވިއެވެ.

ނަމަވެސް ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވާ މިހާރު ހުރި އެއާޕޯޓްގެ ޚިދުމަތުގެ ފެންވަރު ދަށްވުމާއި މަރާމަތު ނުކުރެވުމުގެ މައްސަލައެވެ. އެގޮތުން ފުރާ މީހުންގެ ލަގެޖް ސްކޭން ކުރެވޭނެ މެޝިނެއް ނެތި އެތައް އަހަރެއް ވެގެން ހިނގައްޖެ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އެތަނަށް އަމާޒުވެފައި ވެއެވެ. އެންމެ ފުރަތަމަ އެފަދަ ކުދިކުދި ކަންތައް ރަނގަޅުކޮށް ދެއްވުމަށް އެދި ރައީސްގެ ވާހަކަ ފުޅަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

2. ބޯހިޔާވަހިކަމަށް 400 ހައިސިން ޔުނިޓް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދާދި އިހަކަށްދުވަހު ޓެންޑާ ކުރި 200 ހައުސިން ޔުނިޓްގެ އިތުރުން 200 ހައުސިން ޔުނިޓް ކުރީގެ މަޝްރޫއުގެ ތެރެއަށް ލައިގެން ކުރިޔަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އެއީ މަޖުލސިް މެމްބަރުންނާއި ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ހަމަޖެއްސެވި ބައެއް ކަމަށް ވެސް ވިދާޅުވިއެވެ. “އަޅުގަނޑަށް އެނެގޭ މިީ އަކީ އަދި މިރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އެންމެ ރަނގަޅު އަދަދު ނޫންކަން. އެހެންވީމާ ސަރުކާރުގެ ހައުސިން ޕްލޭން ކުރިޔަށްދާއިރު އަދިވެސް އިތުރަށް، މި 400 ޔުނިޓްގެ އިތުރަށް މިރަށަށް ބޭނުންވާ ހައުސިން ޔުނިތްތައް އިތުރުކޮށް ދޭނެކަމުގެ ޔަގީންކަން މިރޭ ރައްޔިތުންނަށާއި، ކައުންސިލަށް އަދި މެމްބަރުންނަށް އަޅުގަނޑު އަރުވަން”. ރައީސް ވިދާޅުވިއެވެ.

3. މިހާރު ހަދަމުންދާ 18 ކިލޯމީޓަރުގެ މަގުގެ އިތުރަށް 10 ކިލޯމީޓަރުގެ މަގުހެދުން އެ މަޝްރޫޢުގެ ފޭސް 2 އަށް އިތުރުކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. “އަޅުގަނޑު ހިތުން އެއީ ކުރަން ޖެހިފައިވާ ކަމެއް” ކަމަށް ރައީސް ވިދާޅުވިއެވެ. “އެގޮތުން މިހާރު، އެމަޝްރޫޢު، މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާއިރު މެދުނުކެނޑި ދެވަނަ ފޭސްއަކަށް ގެންގޮސް އިތުރު 10 ކިލޯމީޓަރުގެ މަގުހެދުމަށް އަޅުގަނޑުމެން ވާނީ މިހާރު މަގުހެދުމުގެ މަޝްރޫއަށް އިތުރުކޮށްދީފައި” ރައީސް ތަފުސީލުކޮށް ދެއްވިއެވެ.

4. ސިއްހީ ޚިދުމަތް ތަރައްގީ ކުރުމަށްޓަކައި 50 އެނދުގެ ހޮސްޕިޓަލެއް ގާއިމުކޮށް އެހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ޚިދުމަތްތަކަށް ޚާއްސަ ހޮސްޕިޓަލަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.

މިސިޓީގައި ދެވޭ ޚިދުމަތްތައް ވެސް ހުންނަންވާނީ ރާއްޖޭގެ އެހެން ސިޓީތަކުގައި ހުރި ޚިދުމަތްތަކާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ. އެއީ ތައުލީމީ ޚިދުމަތް ކަމަށްވިޔަސް، ސިއްހީ ޚިދުމަތް ކަމަށްވިޔަސް އަދި އެނޫން ވެސް ޚިދުމަތް ކަމަށްވިޔަސް އެހުންނަން ޖެހޭނީ އެއްހަމަޔަކުން ކަމަށް ދެކޭ ކަމަށް ވިދާޅުވިއެވެ. “އެގޮތުން މިރަށުގެ ސިއްހީ ޚިދުމަތް ތަރައްގީ ކުރުމައްޓަކައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް އެބަގެންދަމު” ރައީސް ވިދާޅުވިއެވެ. އެހޮސްޕިޓަލުން ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

“ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް އަޅުގަނޑުމެން ތަރައްގީކުރުމަށް މިވިސްނަނީ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ޚިދުމަތްތައް، ސްޕެޝަލިޓީ ޚިދުމަތް ލިބޭ ގޮތަށް”. ރައީސް އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ އެމަޝްރޫއު މިއަހަރު ތެރޭގައި ފެށިގެން ކުރިޔަށް ދާނެކަމަށެވެ.

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް ސަބް-ސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމުގެ ވައުދަކީ ރިޔާސި ވައުދެކެވެ. އަދި އެމަސައްކަތުގެ ޕްލޭނިން މަރުހަލާ ކުރިޔަށް ދާކަމަށް ކުރިން ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވާފައި ވެއެވެ.

ނާއިބްރައީސް ފައިސަލް ނަސީމު – ރައީސް ސޯލިހާއެކު

5. ފުވައްމުލަކުގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފުވައްމުލަކު ބަނދަރު ހަދާފައިވަނީ 2003 ވަނަ އަހަރު އެވެ. ނަމަވެސް މިހާރު ވަނީ އެބަނދަރު ކުޑަވެ، ތޮއްޖެހިފައެވެ. ‘ރަށުގެ ބަނދަރު ބޮޑު ކުރުމައްޓަކައި އެބަ ބޭނުންވޭ. އެކަމުގެ ސާވޭ ހެދުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ ކުރިންވެސް އެތަނުގައި ބަނދަރުގެ ހެދި ނިރާސް ކުންފުންޏާއި ހަވާލުކުރުމަށް ނިންމާފައި. އެ ދިރާސާއަށްފަހު އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރު ބޮޑުކުރެވެން އޮތްވަރަކަށް، ޓެކްނިކަލް ސާވޭއަށް ފަހުގައި، އަޅުގަނޑުމެން ބޮޑުކުރާނަން”. ރައީސް ސޯލިޙު ވިދާޅުވިއެވެ.

6. ފަތާފެންގަޑެއް ހެދުންވެސް ބަދަރު ބޮޑުކުރުމުގެ މަޝްރޫއާއެކު ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. މިއީ ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް ވެފައިވާ ވައުދެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. “އެއާ އެކީގައި (ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު) އިރާދަކުރެއްވިއްޔާ އެ ހެދޭނެ ދިމާއެއް ބެލުމަށްފަހުގައި މިރަށުގައި އެކަންވެސް އިރާދަކުރެއްވިއްޔާ ކުރެވިގެންދާނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

7. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ފައިސާ ހަމަޖެހި އެކަމަށް އެކަށީގެންވާ ކުންފުންޏަކާއި ހަވާލުކުރެވިގެން އެމަސައްކަތް ކުރިޔަށް ދާކަމަށް ރައީސް ވިދާޅުވިއެވެ. “އިރާދަކުރެއްވިއްޔާ މިރަށުގެ ގިރާ ސަރަހައްދު ރަނގަޅަށް ހިމާޔަތް ކުރެވިގެންދާނެ” ރައީސް ވިދާޅުވިއެވެ. ދާދިފަހުން ފުވައްމުލަކުގެ އިރު އުތުރު ފަރާތުން ގިރާ ސަރަހައްދުތަކުގެ “ސޮއިލް ސްޓްރެންތު’ ޓެސްޓް ތަކެއް ކޮށްފައި ވެއެވެ. އަދިވެސް ކުރިޔަށް ދަނީ އެސަރަހައްދު ސާވޭކުރުމުގެ މަސައްކަތް ކަަމަށް ވެއެވެ. މިއީ 16 ވަރަކަށް އަހަރަށް ވުރެން ވެސް ދުވަސްވެފައިވާ، އބަދުވެސް ވާހަކަ ދެކެވި ސާވޭ ކުރެވި އަމަލީ މަސައްކަތެއް ނުވެފައި އޮތް ބޮޑު ޕްރޮޖެކެޓެކެވެ.

8. ގިރާސަރަހައްދުގައި ތޮށިލެވިގެންދާއިރު އެފަރާތުގައި (ރަށުގެ އިރު އުތުރުފަރާތުގައި) މިހާރު ރަށް ވަށާ ކުރިޔަށްގެންދާ ރިންގްރޯޑް އާއި ގުޅުވައިގެން ރަނގަޅަށް ދުއްވާލެވޭނެ ހައިވޭއެއް ހެދުމުގެ މުހިންމުކަން ނާއިބުރައީސް ފައިސަލް ނަސީމު ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންވީމާ ނިމިގެންދާއިރު އަޅުގަނޑުމެން ބަލާނަން އެތަނަށް ހެދޭނީ ކިހިނަކުންތޯ. ހެދުމައްފަހުގައި. އެއީވެސް ކުރެވޭނެ ކަމެއްކަމަށްވަންޏާ އަޅުގަނޑުމެން އެކަން މިރަށުގެ ތަރައްގީގެ މަޝްރޫއު ތަކުގެތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާނަން” ރައީސް ވިދާޅވުިއެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކުގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތެއް ކުރަމުންގެންދާ ކަން ރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ދެއްވި މާހެފުން 2022 މާރިޗު 25

9. ސްޕޯޓްސް ކޮމްޕްލެކްސް އަކާ އެކީގައި ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތުގެ ޓެންޑާ ޕްރޮސެސް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. “އެތަން ނިމިގެންދާއިރު، މިރަށުގައި ހެދޭ ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނެ އެންމެ ފުރިހަމަ، ހުރިހާ ޚިދުމަތެއް ލިބޭ ތަނަކަށް’ ކަމަށް ވިދާޅުވިއެވެ.

10. ފުވައްމުލަކުގައި ސިންތެޓިކް ޓްރެކެއް، ދުވާ ޓްރެކެއް އެޅުމަށް މިހާރުވަނީ ބިޑު ކުރެވިފައެވެ. “އެއީ މިރަށުގެ ޒުވާނުންނައްޓަކައި، އާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންހިފޭނެ އެތައް ކަންތައްތަކެއް މީގެ ތެރޭގައި ހިމެނިގެންދާނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

11. ފުވައްމުލަކު ބަނދަރުގައި އެހުރި “މަސްގަނެވޭ ގޮތަށް ކުރިން ތައްޔާރުކޮށްފައި ތަނަށް މިފްކޯއިން މަސްގެނެވޭ ގޮތް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެން ހަދައިދޭނަން” ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން އެމަގުން ކުރެވެން އޮތީ ސިޓީ ކައުންސިލުން މިހާރު އެހުރި ފެސިލިޓީސް މިފްކޯއަށް ބަދަލުކުރުމާއި ބެހޭގޮތުން ޕްލޭނެއް ހަދައި މިހާރުން މިހާރަށް ސަރުކާރަށް ހުށަހަޅާއި އެކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރަށަށް ބާނާ މަސް ފަސޭހައިން ރަށަށް ކިރޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ފުވައްމުލަކު މަސްވެރިންގެ ފަރާތުން އެދިފައިވާ އެދުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިޙު ވިދާޅުވީ މިއީ މިވަގުތަށް ލިބިފައި ހުރި ކަންތައްތަކުގެ ތެރެއިން މިހާރު ފަށަން ނިންމަވާފައި ހުރި މަޝްރޫޢުތައް ކަމަށެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ދެއްވި މާހެފުން 2022 މާރިޗް 25

ރިޔާސީ ވައުދުގައި ފުވައްމުލައް ސިޓީއަށް ކުރުމަށް 25 ކަމެއް ހިމެނިފައި ވެއެވެ. މިރޭ ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަ ނުކުރެއްވި ނަމަވެސް އޭގެތެރެއިން ގިނަ ކަންކަން ވަނީ އަމަލީ މަސައްކަތުގެ އެކި މަރުހަލާތަކުގައެވެ. ނަމަވެސް ރިޔާސީ އައު ދައުރެއްގެ ކެމްޕޭން މިއަހަރުގެ ފަހުކޮޅު ފެށިގެންދާއިރު އަދިވެސް އެއްގޮތަކަށް ވެސް ރައްޔިތުންނަށް އެނގުން ނުވާ ބައެއް ކަންކަން އެބަހުއްޓެވެ.

އެގޮތުން ސްކޫލް ބަހާއި، ފުވައްމުލަކު ހަވިއްތަ ސަރަހައްދުގައި އޯޕަން މިއުޒިމެއް ހެދުމާއި ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގެ ވަސީލަތްތައް ފުރިހަމަ ކުރުން، ސްޓޭޑިއަމް ތަރައްގީކޮށް 1000 މީހުނަށް ކުޅިބެލޭނެ ސިޑިބަރި ގާއިމުކުރުމައި ރޭގަނޑު މެޗުތައް ކުޅެވޭ ފެންވަރަށް ސްޓޭޑިއަމްގައި ލައިޓް ޖެހުން، ފުވައްމުލަކު ހޮސްޕިޓަލުގައި ޕްރައިވެޓް ކޮޓަރި ތަރައްގީކުރުން، އައިސީޓީ ދާއިރާއިން ފުވައްމުލަކުގައި އިންވެސްޓް ކުރާ ރާއްޖެއާއި ރާއްޖެއިން ބޭރު ކުންފުނިތަކަށް ހަމަޖައްސައިދޭން ވައުދުވެފައިވާ އިންސެންޓި ގެ ޚަބަރެއް ވެސް ވެފައެއް ނުވެއެވެ.

އަދި ފުވައްމުލަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 1000 ޓްވަރިސްޓް އެނދު ރަށުގެ ޚައްސަ ސަރަހައްދެއްގައި ތަރައްގީކުރުމުގެ އަޑެއްވެސް ނީވެއެވެ.

 

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments