A wide advertisement which will be shown on all devices. (700 x 100)

ނިކުތީ ޚިޔާނާތުގެ ފައިސާ ހޯއްދަވަން، ނިންމަވާލެއްވީ ޚިޔާނާތްތެރިންނަށް ދެއްވި މައާފާއިއެކު

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ 2018 ވަނަ އަހަރުވެރިކަމަށް ކުރިމަތިލެއްވީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާ ހޯއްދަވާނެކަމަށް ވެވަޑައިގެންނެވި ވައުދާއިއެކުގައެވެ. ނަމަވެސް، ރިއާސީ ދައުރު ނިމިގެން ދިޔައީ އެޚިޔާނާތުގައި ހިމެނޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ލޯލާރިއެއްވެސް ނުލިބިއެވެ. އެއަށްވުރެ ބޮޑަށް ރައްޔިތުންނަށް ލިބުނު މާޔޫސްކަމަކީ އެބޮޑު ޚިޔާނާތް ސާބިތުވެ އެތަކެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީކޮށް އެޚިޔާނާތުގެ މުގުލުގައި ތިބި އަދީބާއި ޒިޔަތަށް ރައީސް ދިން މައާފެވެ. މިއީ އެމަނިކުފާނު މިގައުމަށްވެވަޑައިގެންނެވި އެންމެ ބޮޑު އެއްޚިޔާނާތެވެ. މިއަމަލުން ދައްކައިދެނީ އެމަނިކުފާނަށް ދިވެހި ރައްޔިތުންގެ ފައިސާ ފޭރުމަކީ މައްސަލައެއް ނޫންކަމެވެ. މިއީ ކުށްވެރިންނަށް މައާފު ދެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތަސް، އެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ނަމޫނާ މިސާލެކެވެ.

އަދީބާއި ޒިޔަތު ހިންގި ޚިޔާނާތަކީ އާދައިގެ ވައްކަމެއްނޫނެވެ. މިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަން ނުވަތަ ފޭރުމުގެ އަމަލެވެ. ރާއްޖޭގެ އިގްތިސާދަށް އަބަދުގެ އަބަދަށް ގެއްލުންވާނެފަދަ ބޮޑު ޚިޔާނާތެކެވެ. އެވައްކަމުގެ ބޮޑުމިން ޕްރެޒެކިއުޓާ ޖެނެރަލް ކުރިން ބުނެފައިވާ ބަސްތަކުންވެސް އެގެއެވެ. “އަދީބުގެ އިއުތިރާފު ބަޔާނާ ނުލައި ކުރިއަށް ގެންގޮސްގެން ކުރާނެ 150 އަށް ވުރެ ގިނަ ދައުވާ އެބަ ހުއްޓޭ. މިއީ ޑޮކިއުމެންޓްރީ އެވިޑެންސްގެ ވާހަކަ. އެ ދައުވާތައް ސާބިތުކޮށް ދެވިއްޖެއްޔާ 800 އަހަރުގެ ހުކުމް އަންނަ ވަރުގެ ލިޔެ ކިޔުން އަޅުގަނޑުމެންގެ އަތުގައި އެބަހުރި.” ދިވެހި ދައުލަތުގެ މުއައްސާތަކުން މިގައުމުގެ އެންމެ ބޮޑެތި ޚިޔާނާތްތެރިންގެ ގޮތުގައި ނިންމުމުން އެއީ މައްސަލައެއްނޫންކަމަށް ނިންމަވައި މައާފު ދެއްވުމަކީ ކިހާބޮޑު ޚިޔާނާތެއްތޯއެވެ. ރައީސް ސޯލިހަށް މިކަން އެގިވަޑައިގަނޭތޯއެވެ. ނޫނީ އެމަނިކުފާނަކީ އެކަން ވިސްނާގަތުމުގެ ގާބިލުކަންވެސް ނެތް ބޭފުޅެއްތޯއެވެ.

މިހާބޮޑު ވައްކަމުގެ އަމަލެއް ސާބިތުވެފައިވާ މީހަކަށް ކުއްލިއަަކަށް ރިއާސީ ގަނޑުވަރުންވެސް ނިކުމެފައި ގެއަށްދަމުން މައާފު ދެއްވުމުން، ދިވެހިން އެފަދަ ވެރިއަކަށް އަބަދުގެ އަބަދަށް ދެކޭނީ މިގައުމަށް ޚިޔާނާތްތެރިވި ބޮޑު ޚިޔާނާތްތެރިއެއްގެ ގޮތުގައި ނޫންތޯއެވެ.

ރައީސް ސާލިހު މިކުރެއްވީ، ދިވެހި ތާރީޚުގައި ދިވެހި ގައުމަށް ޣައްދާރުވި ޚިޔާނާތްތެރިންގެ ލިސްޓުން ޖާގަހޯދުން ނޫން ކޮށްކަމެއްތޯއެވެ.

+1
29
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !