A wide advertisement which will be shown on all devices. (700 x 100)

ނޭޗާ ޕާކަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި

ރައީސް ސޯލިހު ފުވައްމުލަކު ނޭޗާޕާކަށް ޒިޔާރަތް ކުރެއްވުން 25 މާރިޗު 2022

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލަކު ނޭޗާ ޕާކަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ނާއިބު ރައީސް ފައިސަލް ނަސީމާއި ފުވައްމުލައް ސިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ރައީސްގެ ދެކަނބަލުން ނޭޗާ ޕާކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވީ އެޕާކް ހިންގުމުގައި އިސްކޮށް އުޅުއްވާ އަލީ އަހުމަދު އެވެ.

ރޭގައި ބޭއްވި މާހެފުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ “ވަރަށް ހިތްގައިމު ވަރަށް ފުރިހަމަ ތަނެއް. އަޅުގަނޑު ހިތުން އެތަން ހިމާޔަތްކޮށް އެތަން ބަލަހައްޓަން އެބަހެޖޭ” ކަމަށެވެ.

ރައީސް ވަޑައިގަތުނުން ފުވައްމުލަކު ނޭޗާ ޕާކްގެ ފަރާތުން، އެތަން ހިންގަން ހަވާލުވެފައިވާ ފަރާތުން ބައެއް ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަންތައްތައް ތަފުސީލާއެކު ހުށަހަޅައި ދެއްވުމަށް ރައީސް ސޯލިހު އެދެިވަޑައިގެންފައި ވެއެވެ.

ރައީސް ސޯލިހު ފުވައްމުލަކު ނޭޗާޕާކަށް ޒިޔާރަތް ކުރެއްވުން 25 މާރިޗު 2022

އެއާއެކު އެތަން ތަރައްގީކޮށް ބެލެހެއްޓޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޭޗާ ޕާކު ތަރައްގީ ކުރުމަށް ވިސްނާ ކަންކަމުގެ ތެރޭގައި ޗަސްބިން ތެރޭގައި ވޯކްވޭއެއް ހެދުމާ، ކޮންވެންޝަން ސެންޓަރެއް އަދި ވިޒިޓާ ސެންޓަރެއް ގާއިމުކުރުން ހިމެނޭކަމަށް ސިޓީ ކައުންސިލުން ރައީސް އާއި ހިއްސާކުރެއްވި މަޢުލޫމާތުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމްކުރެވުނު ނޭޗާ ޕާކަކީ ފުވައްމުލަކުގައި ގާއިމުކުރެވުނު ޕާކެވެ. އެ ޕާކު ހުޅުވާފައި ވަނީ 14 ސެޕްޓެމްބަރ 2018 އެވެ. ފުވައްމުލަކު ނެޗާޕާކްގައި އެކުލެވިގެންވަނީ ދަޑިމަގު ކިޅިއާއި އެކުޅިއާއި ގުޅިގައިވާ ޗަސްބިން ސަރަހައްދާއި، ދިގުވާޑު ހޯދަޑު ހިމެނޭ ސަރަހައްދުގެ ޗަސްބިމުގައިވާ ބޯޑްވޯކާއި ބަންޑަރް ކިޅިއާއި އެކިޅި ހިމެނޭ ސަރައްހަދުގެ ޗަސްބިންތަކާއި ކޮޑަކިޅިއާއި މާލެގަމާއި ފުނާޑު ހިމެނެ ސަރައްދުގައިވާ ބޯޑުވޯކެވެ.

ފުވައްމުލަކު ނޭޗާ ޕާކުގެ އަމާޒަކީ ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ދެ ކުޅި ރައްކާތެރިކޮށް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ހޯދުމަށް ރައްޔިތުންނަށް މަގުފަހިކޮށްދީ، މުސްތަޤުބަލުގެ ޖީލުތަކަށް މި ތަންތަން ފޯރުކޮށްދިނުމެވެ.

ފުވައްމުލަކު ނޭޗާ ޕާކުން ބަލަހައްޓާ ސަރަހައްދުތަކުގެ ތެރެގައި ހިމެނޭ ޚާއްސަ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަކި ވެސް މިޕާކްގެ އެއްބޭނުމެވެ. އެގޮތުން ވަލިކުކުޅު އަދި ކޯވެން، ގަސްގަހާގެހީގެ ތެރެއިން މާވަށޮ، ލޮންސި ފަދަ ނެތިގެންދާނެ ކަމުގެ ބިރުހީވެފައިވާ ގަސްހަގާއި ފަތްޕިލާވެލީގެ ގިނަ ބާއްތަކެއް ދިރުވައި އާލާކުރުންމަށް ފުވައްމުލައް ނޭޗާޕާކުން މަސައްކަތް ކުރެއެވެ. މީގެ ގިނަ ބާވަތްތަކަކީ ފަތްޕިލާވެލީގެ ބޭސްވެރިކަމާ، ދިރިއުޅުމާ، ތާރީޚާއި ސަޤާފަތާ ގުޅިލާމެހިފައިވާ ތަކެއްޗާއި ތަންތަން ވެސް މެއެވެ.

ރައީސް ސޯލިހު ފުވައްމުލަކު ނޭޗާޕާކަށް ޒިޔާރަތް ކުރެއްވުން 25 މާރިޗު 2022

ފުވައްމުލަކުގެ ދެކުޅިއާއި ގުޅިފައިވާ ޗަސްބިން ސަރަހައްދުތަކުން ރަށުގެ ފެންފަށަލައިގެ ހިމާޔަތްކޮށްދިނުމާއި، ފެން ދައުރުކުރުމަށް މުހިއްމު ރޯލެއް އަދާކުރާހިނދު ދެ ކުޅިއަކީ ސާފު ފެނުގެ ބޮޑު ދެ ރިޒާވެވެ. ޗަސްބިމާއި ކުޅީގެ ސަބަބުން ފުވައްމުލަކުގެ ވައި ސާފުކޮށްދޭން އެހީތެރިވެއެވެ.

ފުވައްމުލަކު ދެ ކުޅީގައި އުޅޭ ދިރުންތަކުގެތެރޭގައި ބޭނގު، ކޯވެން، ފެންމީރުމަސް (ފެނަމަހަ)، ރާބޮނދި، މާކަނާ އިރުވާހުދު، ކަނބިލި، މައިނާ، ލަގަނާ، ކާޅު ހިމެނެއެވެ.

ފުވައްމުލަކު ނޭޗާ ޕާކަކީ ކޮންޓްރޯލް ކުރެވިގެން އާއްމުންނަށް ހުޅުވާލަފައިވާ ޕާކެކެވެ. ޕާކުގައި ހިމެނޭ ދަޑިމަގުކިޅި ސަރަހައްދުން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ބައިސްކަލު ދުއްވުމާއި، ކެނޯއާ ޕެޑަލް ބޯޑު ދުއްވުން ފަދަ ކަންކަން ހިމެނެއެވެ.

ރައީސް ސޯލިހު ފުވައްމުލަކު ނޭޗާ ޕާކަށް ޒިޔާރަތް ކުރެއްވުމުން ފުވައްމުލަކުގެ ގުދުރަތީ ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި ނޭޗާ ޕާކު ފެންނަ ތަސްވީރެއް ވެސް ރައީސްއަށް ހަދިޔާކުރައްވާފައި ވެއެވެ.

ރައީސް ސޯލިހު ފުވައްމުލަކު ނޭޗާޕާކަށް ޒިޔާރަތް ކުރެއްވުން ފުވައްމުލަކުގެ މާހައުލުގެ މައުލޫމާތު އެކުލެވޭ ފޮތެއް ރަައީސަށް އެރުވުން-
މޭޔާ އިސްމާއީލް 25 މާރިޗު 2022

ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއާ ގޮތުގައި “ފުވައްމުލަކަށް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް” ކަމަށް ކަނޑައަޅާފައި ވަނީ 28 އޮކްޓޫބަރު 2020 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !