A wide advertisement which will be shown on all devices. (700 x 100)

އުއްމީދު ގެއްލިފައިވާ އަބްދުﷲ އިބުނު ޖުދުއައިނު ގަދަރުވެރިއަކަށްވުން

ކީރިތި ރަސޫލާ ރަސޫލުކަމާއިގެ ފޮނުއްވުމުގެ ކުރިން މައްކާގެ އެންމެ ދީލަތި އެންމެ މުއްސަދި މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުﷲ އިބުނު ޖުދުއައިނެވެ. އޭނާއަކީ އަބޫބަކުރުގެފާނުގެ ބައްޕާފުޅާއި ދެބެންގެދެދަރި ބޭފުޅެކެވެ. އޭނާގެ ޒުވާން ދުވަސްވަރު އެއީ އެހާ ކާމިޔާބު މީހެއްނޫނެވެ. އަތުގައި ފައިސާފޮއްޗެއްނެތް ނިކަމެއްޗެކެވެ. ބޮޑުވެގެންއައީ ބަނޑުހައިހޫނުކަމުގައެވެ. އެއުޅުމުގައި އެކިއެކި ކުށްތަކަށް އަރައިގަނެފައިވާ ކުށްވެރިއެކެވެ. އެތަކެއް ފަހަރު އޭނާ ވަނީ ތަފާތުއެކިއެކި ކުށްތަކުގެ ސަބަބުން އަތުލައިގަނެވިފައިވާ މީހެކެވެ. އޭނާގެ މިގޯސް ދިރިއުޅުމުގެ ސަބަބުން މައްކާގެ އެތަކެއް ބަޔަކު އޭނާ ދެކެ ނަފުރަތުކުރެއެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވާ ގަބީލާގެ މީހުންގެ އިތުރުން ގާތް ތިމާގެ މީހުންވެސް ހިމެނެއެވެ. އަބްދުﷲ އިބުނު ޖުދުއައިނުގެ މިގޯސް ދިރިއުޅުމުގެ ސަބަބުން އޭނާ އިސްލާހު ވެދާނެކަމަށް ގަބޫލުކުރާ އެކަކުވެސް މައްކާގައި ނެތޭވެސް ދެންނެވިދާނެއެވެ. އޭނާއާއިމެދު ހުރިހާ އެންމެންވެސް ވަނީ އުއްމީދު ކަނޑާލާފައެވެ.

އެއްދުވަހު އޭނާ މައްކާގެ ވާދީތަކުގައި ހިގާފައިދަނިކޮށް ފަރުބަދައެއްގެ ފާޑަކަށްހުރި ހޮހަޅައެއްކަހަލަތަނެއް ފެނުނެވެ. އެއީ ހޮހަޅައެއްކަމަށް ހީވިނަމަވެސް އެތަނުގައި ނުރައްކާތެރި ހަރުފަކަހަލަ ދިރޭ ސޫފި ތިބެދާނެކަަމަށް ޖުދުއައިނަށް ހީވިއެވެ. އަދި އެތަނަށް ކައިރިވެލުމުން އެހޮހަޅައިން ހަރުފައެއްނޫނީ ވިހަގަދަ ބޮނޑެއްނިކުމެ އޭނާ އަށް ހަމަލާދީ މަރާލާނެކަމަށް އަބްދުﷲ އިބުނު ޖުދުއައިނަށް ހީވިއެވެ. މިދުނިޔެމަތިން މާޔޫސްވެފައި މީސްތަކުންގެ ނުރުހުން އަމާޒުވެފައިވާތީވެ އެފަދަގޮތަކަށް ނިމިދިއުން އެދިގެން އެހޮހަޅައާއި ދިމާލަށް ޖުދުއައިނު މިސްރާބު ޖެހިއެވެ.

ހޮހަޅަކައިރި ދެވުނުއިރު ހޮހަޅައިގެ ދޮރުމަތި ފެންނަނީ އަދިރިކޮށެވެ. ނަމަވެސް އިތުރަށް ކައިރިވެލާއިރު ހޮހަޅައިގެ ދޮރުމަތިން ބިރުވެރި ހަރުފައެއްފެނުނެވެ. އޭތި ވަނީ އަބުދުﷲ އިބުނު ޖުދުއައިނަށް ހަމަލާދިނުމަށް ތައްޔާރުވެފައެވެ. މަރުވުން އެދިގެން އައި ޖުދުއައިނަށް އެހަރުފަ އޭނާއަށް ހަމަލާދޭން ތައްޔާރުވެފައިވާ ތަން ފެނުމުން ބިރުން ސިހުނެވެ. އެހަރުފަ ކިބައިން ސަލާމަތްވުމަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް، އެހަރުފަ ހަރަކާތެއް އިތުރަކަށް ނުކުރިއެވެ. އެހެންކަމުން، ޖުދުއައިނު ރަގަޅަށް އެއާ ދިމާލަށް ބަލާލިއެވެ. އަދި އޭނާ ހަރަކާތްކުރި ނަމަވެސް އެހަރުފަ ހަރަކާތްނުކުރާކަން އެގުނެވެ. އެހެންކަމުން އަނެއްކާވެސް އެހޮހަޅައިގެ ދިމާލަށް މިސްރާބު ޖެހިއެވެ. ރަގަޅަށް ކައިރިވެވުުން އެއީ އަސްލު ހަރުފައެއްނޫންކަން އެގުނެވެ. އެހަރުފަ ހެދިފައިވަނީ ރަނުންނެވެ. އޭގެ ދެލޮލުގައިވަނީ އަގުބޮޑު ޖަވާހިރެވެ. ޖުދުއައިނު އަވަސް އަވަހަށް އޭތީގެ ދެލޮލުގައިވާ ޖަވާހިރު ނެގުމަށްފަހު ހޮހަޅައިގެ އެތެރެއަށްވަނެވެ. ހޮހަޅައިގެ އެތެރެއަށް ވަދެގެންދާން ފެށުމުން ހޮހަޅައިގައި ލިޔެފައިވާތަންތަން ފެނުނެވެ. މިލިއުންތަކުން މިއީ މައްކާގައި ދިރިއުޅު ޖުރުހުމުންގެ ރަސްރަސްކަލުންގެ ގަބުރުސްތާނެއްކަން އެގުނެވެ. ކޮންމެ ގަބުރެއްގެ މަހާނަގާ ވަނީ ރަނުންނެވެ. އެގަލުގައި އެމަހާނައިގަވާ ރަސްގެފާނުގެ ކުރު މައުލޫމާލިޔެފައިވެއެވެ. މަހާނަ ވަށައިގެން ރަނާއި ރިހީގެ މައުދަންތަކާއި އަގުބޮޑެތި ޖަވާހިރުތައް ބަހައްޓާފައިވާތަން އަބްދުﷲ އިބުނު ޖުދުއައިނަށް ފެނުނެވެ.

އެތަނުން މަދު އަދަދެއްގެ ރަން ރިއްސާއި ޖަވާހިރު ހިފައިގެން އެހޮހަޅައިން ނިކުތެވެ. އަބްދުﷲ އިބުނު ޖުދުއައިނަށް މިފެނުނު ޚަޒާނާ ރަގަޅަށް ފާހަގަކުރުމަށްފަހު އެތަނުން ނެގި މަދު އެތިކޮޅާއިއެކު މައްކާއަށް އެރިއެވެ. އޭނާއަށް އަލަށް މިލިބުނު ޚަޒާނާއާއިއެކު އޭނާ ދީލަތި މީހަކަށްވިއެވެ. އޭނާގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި ބޭނުން ޖެހިފައިވާ މީހުންނަށް އޭނާގެ ދީލަތި އެހީތައް ފޯރުކޮށްދިނެވެ. އަދި ޚާއްސަކޮށް ބަނޑުފުރާނަ މުއްތިކުރާނެ ފަދައެއްނެތް މީހުންއެއްކޮށް ކާންދޭން ފެށިއެވެ. އަދި އޭނާގެ ދީލަތިކަމުގެ މައްކާއަށް ފެތުރުނެވެ. އެގޮތަށް ހޭދަކުރަމުން ގޮސް އޭނާގެ މުދަލާއި ފައިސާ މަދުވާއިރަށް އެއްކަލަ ހޮހަޅައަށް ގޮސް އެތަނުން ރަންރިއްސާއި ޖަވާހިރު ހިފައިގެން އަނެއްކާވެސް މައްކާއަށް އައިސް އެތަކެތި ހޭދަކުރެއެވެ.

އެއާއިއެކު މައްކާގެ އެންމެން ނަފުރަތުކުރާ އަބްދުﷲ އިބުނު ޖުދުއައިނަށް މީސްތަކުންގެ އިހުތިރާމާއި ގަދަރު ލިބެން ފެށިއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވެގެން ދިޔައިރު އަބްދުﷲ އިބުނު ޖުދުއައިނަކީ މައްކާގެ ގަދަރުވެރިންގެ ތެރޭގައި ހިމެނޭ މީހަކަށްވެ އޭނާއަކީ މައްކާގެ ވެރިއަކަށްވެސް ވިއެވެ.

އަބްދުﷲ އިބުނު ޖުދުއައިނުގެ ދީލަތިކަން ފޯރާފައިވަނީ ހަމައެކަނި މައްކާއަކަށް ނޫނެވެ. ކައިރި ސަރަހައްދުތަކަށްވެސް އޭނާގެ އެހީ ފޯރައެވެ. އެއްފަހަރަކު ޝާމްކަރައަށް އައި ތަދުމަޑުކަމާއި ގުޅިގެން 2000 ޖަމަލުގައި ބަރާކޮށްފައި ކާބޯތަކެތި އޭނާ ޝަމުކަރައަށް އެހީގެ ގޮތުގައި ފޮނުވިއެވެ. އަބުދުﷲ އިބުނު ޖުދުއައިނުގެ ސުފުރާއަށް ކާން އައުމަށް މައްކާގެ ގެފުޅުގެ ފުރާޅަށް އަރާ ގޮވާ މީހަކު ކޮންމެ ރެއަކުވެސް ގޮވާނެއެވެ.

އަބްދުﷲ އިބުނު ޖުދުއައިނުގެ މިދީލަތި ކަމާއި ގުޅިގެން އައިޝާ (ރއ) ކީރިތި ރަސޫލު ﷲ (ސއވ) އަރިހުން އަބްދުﷲ އިބުނު ޖުދުއައިނުގެ އެ ދީލަތިކަމުގެ އެއްވެސް ފައިދާއެއް އޭނާއަށް ގިޔާމަތް ދުވަހުންކުރާނެތޯ އެއްސެވިއެވެ. ރަސޫލު ﷲ (ސއވ) ހަދީސް ކުރެއްވީ އެކަމުގެ އެއްވެސް ފައިދާއެއް އޭނާއަށް ނުކުރާނެކަަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !