ފާއިތުވީ ހައެއްކަ މަސްތެރޭ މުޅި ދިނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކޮރޯނާ ރޯގާގެ ސަބަބުން މިވަނީ އާންމު ދިރިއުޅުމުގެ އެތަކެއްކަމަށް ބަދަލުވެފައިއެވެ. ގައިދުރުކުރުމުގެ އިތުރުން އިޖުތިމާއީ އެތަކެއް ގުޅުމަކާއި ދުރުވާން މިވަނީ މަޖުބޫރުވެފައެވެ. މިނުރައްކާތެރި ރޯގާގައި 21.6 މިލިއަން މީހުންނަށް ޖެހި 768 ހާސް މީހުންމިވަނީ މަރުވެފައެވެ. ދުނިޔޭގެ އިރާއި ހުޅަނގަށް މިރޯގާގެ ބިރުވެރިކަމާއި ކުރިމަތިލާފައިވާ އިރު މިރޯގާ ޖެހިގެން އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައިނުވާ މަދު ގައުމުތަކެއްވެއެވެ. އެގައުމުތަކުން މިރޯގާ ނުފެންނަނީ ކަމެއް ނުވަތަ މިރޯގާއަށް ޓެސްޓުކުރުމުގެ އިންތިޒާމުތަކެއް ހަމަޖެހިފައިނުވަނީ ކަމެއް ނުވަތަ އެމައުލޫމާތު އާންމުކުރަން ބޭނުންނުވަނީ ކަމެއް ސާފެއްނޫނެވެ. އޭގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ؛
1- ކިރިބަތީ
ކޮރޯނާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައިނުވާ ކިރިބަތީއަކީ ފެސިފިކް ކަނޑުގެ މެދުގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. 120 ހާހެއްހާ މީހުން ދިރިއުޅޭ މިގައުމުގެ ރަސްމީ ބަހަކީ އިގިރޭސިއެވެ. ރަސްމީ ފައިސާގެ ގޮތުގައި ކިރިބަތީ ޑޮލަރުގެ އިތުރުން އޮސްޓްރޭލިއާ ޑޮލަރު ބޭނުންކުރާ މިގައުމުގެ ބަލަކަށް ޖެހޭ އާމްދަނީ އަނީ 1599 ޑޮލަރެވެ. މިގައުމު މިނިވަން ވެފައިވަނީ 1979 ވަނަ އަހަރު އިގިރޭސިންގެ އަޅުވެތިކަމުގެ ދަށުންނެވެ.
2- މާޝަލް އައިލެންޑްސް
ފެސިފިކު ކަނޑުގެ ދުނިޔޭގައި ދެބައިހަމައާއި މާދުރުނޫން ހިސާބެއްގައިވާ މާޝަލް އައިލެންޑްސް އިން މިހާތަނަށް ކޮރޯނާ ރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައިނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. 1979 ވަނަ އަހަރު އެމެރިކާގެ އަޅުވެރިކަމުގެ ދަށުން އެސޯސިއޭޓް ސްޓޭޓަކަށް ބަދަލުވި މާޝަލް އައިލެންޑްސްގެ އާބާދީ އަކީ ގާތްގަޑަކަށް 58 ހާސް މީހުންނެވެ.
3- މައިކްރޯނޭޝިއާ
ފެސިފިކުގެ ކަނޑުގެ ހުޅަނގުގައި މާޝަލް އައިލެންޑްސް އާއި އިންވެގެން އޮންނަ މައިކްރޯނޭޝިއާއިން މިހާތަނަށް ކޮރޯނާ ރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައެއްނުވެއެވެ. މާޝަލް އައިލެންޑްސްފަދައިން އެމެރިކާގެ އަޅުވެތިކަމުން މިނިވަންވެފައިވާ މައިކްރޯނޭޝިއަކީ އެމެރިކާގެ އެސޯސިއޭޓް ސްޓޭޓެކެވެ. އެމެރިކާ ޑޮލަރު ފައިސާއެއްގެ ގޮތުގައި ބޭނުކުރާ މިގައުމުގެ އާބާދީއަކީ 104 ހާހެއްހާ މީހުންނެވެ.
4- ނައުރޫ
ކޮރޯނާ ކޭސްއެއް ރިޕޯޓްކޮށްފައިނުވާ ނައުރޫ އަކީވެސް މައިކްރޯނޭޝީއާއި އިންވެގެން އޮންނަ ކުޑަކުޑަ ޖަޒީރާއެކެވެ. މާޝަލް އައިލެންޑްސް ފަދައިން މައިކްރޯނޭޝިއާގެ ބައެއްގެ ގޮތުގައި އޮތްނަމަވެސް ވަކި ދައުލަތެއްގެ ގޮތުގައި އޮންނަ ނައުރޫގެ އާބާދީއަކީ 10 ހާހެއްހާ މީހުންނެވެ. ފައިސާގެ ގޮތުގައި ބޭނުންކުރަނީ އޮސްޓްރޭލިއާ ޑޯލަރެވެ.
5- އުތުރު ކޮރެއާ
ކޮމިއުނިސްޓް ވެރިކަމެއް ކުރާ އުތުރު ކޮރެއާއިން ކޮރޯނާ ރޯގާފެނިގެން އެރޯގާ ފެނުނު މީހުން މަރާލިކަމުގެ ވާހަކައެއް ދެކެވޭ އުތުރު ކޮރެއާއިން މިރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްނުކުރާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.
6- ޕަލާއޫ
ފެސިފިކު ކަނޑުގައި އޮންނަ ޕަލާއޫއަކީވެސް މައިކްރޯނޭޝިއާ ސަރަހައްދުގެ ގައުމެކެވެ. 500 ރަށުގެ މައްޗަށް އެކުލެވޭ ޕަލާއޫގެ އާބާދީއަކީ 18 ހާހެއްހާ މީހުންނެވެ. ފައިސާގެ ގޮތުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިގައުމުގެ ރަސްމީ ބަހަކީވެސް އިގިރޭސިއެވެ.
7- ސަމޯއާ
ކޮރޯނާ ރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައިނުވާ ސަމޯއާ އަކީވެސް ފެސިފިކް ކަނޑުގެ ޖަޒީރާއެެކެވެ. 2 ލައްކައެއްހާ މީހުންގެ އާބާދީގެ މިގައުމަކީ ރަސްމީ ބަހަކީ އިގިރޭސިއެވެ. އަދި ފައިސާއަކީ ސަމޯއާ ތާލާއެވެ.
8- ސޮލޮމޮން އައިލެންޑްސް
ފެސިފިކް ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ސޮލޮމަން އައިލެންޑްސް އިން ކޮރޯނާ ރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައެއްނުވެއެވެ. 650 ހާހެއް އާބާދީގެ މިގައުމުގެ ރަސްމީ ބަހަކީ އިގިރޭސިއެވެ. ފައިސާގެ ގޮތުގައި ބޭނުންކުރަނީ ސޮލޮމަން އައިލެންޑްސް ޑޮލަރެވެ.
9- ޓޮންގާ
ފެސިފިކް ކަނޑުގެ ޖަޒީރާއެއްކަމަށްވާ ޓޮންގާއިން ކޮރޯނާ ރޯގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައި ނުވާ އިރު މިގައުމުގެ އާބާދީއަކީ 1 ލައްކަ 3ހާހެއްހާ މީހުންނެވެ. މިގައުމުގެ ރަސްމީ ބަހަކީ އިގިރޭސިއެވެ.
10- ތުރުކްމެނިސްތާން
އޭޝިއާ ބައްރުގެ މެދުގައި ކަޒަކިސްތާނާއި އުޒުބެކިސްތާނާއި އަފްއާނިސްތާނާއި އިރާނާއި އިންވެގެން އޮންނަ ތުރުކުމެނިސްތާނުން ކޮރޮނާ ރޮގާގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައިނުވާއިރު މިގައުމުގެ އާބާދީއަކީ 6 މިލިއަނެއްހާ މީހުންނެވެ.
11- ތުވާލޫ
ފެސިފިކު ކަނޑުގެ ދެކުނުގައި އޮންނަ ތުވާލޫ އަކީ 11 ހާހެއްހާ މީހުންގެ އާބާދީގެ ގައުމުކެވެ. އިގިރޭސިންގެ އަޅުވެތިކަމުގެ ދަށުން މިނިވަންވި ތުވާލޫގެ ރަސްމީ ބަހަކީ އިގިރޭސިއެވެ. އަދި ފައިސާގެ ގޮތުގައި ތުވާލޫ ޑޮލަރުގެ އިތުރުން އޮސްޓްރޭލިއާ ޑޮލަރުވެސް ބޭނުންކުރެއެވެ.
12- ވަނުއަތު
ފެސިފިކު ކަނޑުގެ ޖަޒީރާ ގައުމެއ ްކަމަށްވާ ވަނުއަތޫ އިން ކޮރޮނާ ރޯގާގެ އެއްވެސް ކޭސް އެއް ރިޕޯޓްކޮށްފައި ނުވާ އިރު މިގައުމުގެ އާބާދީއަކީ 3 ލައްކައެއްހާ މީހުންނެވެ. 1980 ވަނައަހަރު މިނިވަންވި މިގައުމުގެ ރަސްމީ ބަހުގެ ގޮތުގައި ފްރާންސްބަހާއި އިގިރޭސީގެ އިތުރުން ބިސްލާމާ ބޭނުންކުރެއެވެ.
ޚިޔާލުތައް