(ކިޔުންތެރިއެއް)
އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށްފަހު ގައިގާ ރިހުމާއި، ބޮލުގައި ރިހުމާއި ހުން އައުމަކީ ހަމައެކަނި ދިވެހިރާއްޖޭގައި ދިމާވާކަމެއް ނޫނެވެ. ޔޫރަޕުގައި ވެސް މިވެކްސިން ޖަހާ މީހުންނަށް މިއަލާމާތްތައް ދަނީ ދިމާވަމުންނެވެ.
މި ވެކްސިން ޖެހުމުން އަލާމާތްތައް މެދުވެރިވާތީ، މަސައްކަތް ނުކުރާ ދުވަސްތަކުގައި އަލާމާތްތައް މެދުވެރިވާ ގޮތަށް، ވެކްސިން ޖަހަން ޔޫރަޕުގައި ވެސް މީހުން އެބަދެއެވެ. މިގޮތުން ޖަރުމަންވިލާތުގެ ހަސްފަތާލެއްގެ މުވައްޒަފުން ވެކްސިން ޖަހަން ދަނީ ހުކުރު ދުވަހުގައެވެ. އޭރުން ހޮނިހިރާއި އާދީއްތަ ދުވަހު އަލާމާތްތައް ތަހައްމަލުކޮށްފައި ހޯމަ ދުވަހު މަސައްކަތަށް ނުކުމެވެއެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުގައި މީޑިއާއިން ފެތުރި ހަގީގަތާއިޚިލާފު ބައެއް ވާހަކަތަކުގެ ސަބަބުން އަދިވެސް އެ ގައުމުތަކުގައި އާންމުންގެ މެދުގައި މި ވެކްސިނާއި މެދު ނުތަނަވަސްކަމެއް އެބައޮތެވެ. އަދި އަލާމާތްތައް ތަހައްމަލުކުރަން ބޭނުންނުވާތީ ބައެއް ހަސްފަތާލުތަކުން ވެސް ދަނީ މޮޑާނާ އަދި ބަޔޯއެންޓެކް/ފައިޒާގެ ވެކްސިން ޖަހަން ބޭނުންވާކަމަށް ބުނަމުންނެވެ.
ޖަރުމަން ވިލާތް ފަދަ ގައުމުތަކުގެ ސިޔާސީ ފަރާތްތަކުން މިހާރު ދަނީ އެސްޓްރާޒެނެކާ ވެކްސިން ވެސް ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. އެސްޓްރާޒެނެކާގެ ވެކްސިނަކީ ޓެސްޓްތަކުގައި %60 އިފެކްޓިވް ވެކްސިނަކަށް ވާއިރު، ބަޔޯއެންޓެކްގެ ވެކްސިނާއި މޮޑާނާގެ ވެކްސިނަކީ %95 އިފެކްޓިވް ވެކްސިންތަކެވެ.
ނަމަވެސް، އެސްޓްރާޒެނެކާގެ ވެކްސިނަކީ ރައްކާކޮށްގެން ގެންގުޅެން ފަސޭހަ އަދި އެއްތަނުން އަނެއްތަނަށް ގެންދަން ފަސޭހަ ވެކްސިނެކެވެ. ބަޔޯއެންޓެކްގެ ވެކްސިނާއި މޮޑާނާގެ ވެކްސިނަކީ ރައްކާކޮށްފައި ބަހައްޓަންޖެހޭ ފިނިހޫނުމިނުގެ ސަބަބުން ގެންގުޅެން އުދަގޫ ވެކްސިންތަކެކެވެ.
އެސްޓްރާޒެނެކާގެ ވެކްސިނަކީ އަގުވެސް ހެޔޮ ވެކްސިނެކެވެ. އޭގެ ޑޯޒެއް ގާތްގަނޑަކަށް 5 ޑޮލަރަށް ލިބޭއިރު، ބަޔޯއެންޓެކާއި މޮޑާނާފަދަ ކުންފުނިތަކުގެ ވެކްސިންގެ ޑޯޒެއް ލިބެނީ 20 ޑޮލަރަށްވުރެ އަގުބޮޑުކޮށެވެ.
މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި ބުނެވެނީ އެސްޓްރާޒެނެކާގެ ވެކްސިނަކީ ރައްކާތެރި، އަދި ކޮވިޑް-19 ގެ ނުރައްކާ ވަރަށް ބޮޑު ތަނުން ކުޑަކޮށްދޭ ވެކްސިނެއްކަމަށެވެ. އެސްޓްރާޒެނެކާގެ ޗީފް މެޑިކަލް އޮފިސަރ ބުނާގޮތުން ކޮވިޑް-19 ގައި ބަލިމީހާ ސީރިއަސް ހާލަތަކަށް ދިއުމާއި މަރުވުން ހުއްޓުވުމަށް މިވެކްސިނަކީ %100 އިފެކްޓިވް އެއްޗެކެވެ.
ޚިޔާލުތައް