ފޮޓޯއިން (މަތީގައިވާ) އެފެންނަނީ ދުނިޔޭގެ އުތުރު ކޮޅުގެ ކަނޑުގައި ދަތުރުކުރަމުން ދާ އާގުބޯޓެކެވެ. މިފޮޓޯ ޚާއްސަވާކަމަކީ ފޮޓޯއިން ފެންނަ އާގު ބޯޓު ދުއްވާފައި ދަނީ ޖައްވުގައި ކަމަށް ފެންނާތީއެވެ. ކަނޑުގައި ޖެހިފައިވާ ތަން އެއްވެސް ވަރަކަށް ފެންނާކަށް ނުހުރެއެވެ. ބޯޓު ފެންނަނީ ކަނޑުގެ އުދަރެހަށްވުރެ މާމަތިންނެވެ.
މިއީ އެއްވެސް ވަރަކަށް ފޮޓޯ އެޑިޓްކޮށްގެން ހަދާފައިވާ ފޮޓޯއެއް ނޫނެވެ. ޑޭވިޑް މޮރިސް ކިޔާ މީހަކަށް މަންޒަރު ފެނިގެން އޭނާ ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި ދަތުރުކޮށްފައި ދާ ބޯޓުގެ ތިރިން ވެސް ޖައްވު ރީތިކޮށް ފެންނަން ހުރެއެވެ. އަދި ކަނޑު ފެންނަނީ ބޯޓާއި މާބޮޑަށް ތިރިން، ދުރުކޮށެވެ.
އިނގިރޭސި ވިލާތުގެ ހުޅަގުދެކުނުގެ ސަރަހައްދެއް ކަމަށްވާ ކޯންވޯލްގެ ފޯލްމައުތުގައި ޑޭވިޑް މޮރިސް ހިނގާފައި ދަނިކޮށް މަންޒަރު ފެނިގެން އޭނާ މިފޮޓޯނަގައި ހިއްސާކުރުމުން ގިނަބައެއްގެ ސަމާލުކަން ފޮޓޯއަށް ލިބިފައިއެވެ.

އުތުރު ތަނޑީގައި މަދުން ފެންނަ އާދަޔާއި ޚިލާފު މަންޒަރެއް. އިނިގިރޭސިވިލާތުގެ ކޯންވޯލްގައި ނަގާފައިވާ ފޮޓޯއެއް
މިފޮޓޯގައި ފެންނަ ގޮތަށް ދިމާވަނީ ކިއްވެގެން ބާވައެވެ؟
މިކަމާއި ގުޅޭ ގޮތުން ބީބީސީގެ މީޓިއޮރޮލޮޖިސްޓް ޑޭވިޑް ބްރަޔަން ވިދާޅުވެފައިވަނީ މިގޮތަށް (ސުޕީރިއަރ މިރާޖް) ދިމާވަނީ ފިނިމޫސުމުގައި ދުނިޔޭގެ އުތުރު ތަނޑީގެ ޖައްވުގެ ފިނިހޫނުމިނަށް އަނަން އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން ޖައްވުގައިވާ ތެތްފިނި ވައި ބަރުވެ، ތިރިއަށް ޖެހި އެއަށްވުރެ ހޫނު ވައި ލުއިވެ، މައްޗަށް ދިއުމެވެ. އެގޮތުން މިއަންނަ ބަދަލަށް ކިޔަނީ “ޓެމްޕަރޭޗަރ އިންވާޝަން” ކަމަށެވެ. އެބަދަލާއެކު ސީދަލަށް ދަތުރުކުރާ އަލި ވަކިކޮޅަކަށް ލެނބިގެން ދާކަމަށެވެ. މިގޮތަށް އަލި ލެނބިގެން ގޮސް އެއްގަމުގައި ނުވަތަ ގޮނޑުދޮށުގައި ހުންނާ މީހާގެ ލޮލަށް އާގުބޯޓުގެ ތަސްވީރު ފެންނާނީ މާދުރުގައި، މާމަތީގައި ވާ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އަސްލު ބޯޓު ފެންނަލެއް ދުރުވުމުގެ ސަބަބުން އެ އެއްޗެއް (ބޯޓު) ފެނުގެ ސަތަހައިން (އުދަރެހުން) ނެއްޓި މާމަތިން ވެސް ފެނެއެވެ. އަދި ބައެއްފަހަރު އެގޮތަށް ދުރުވެގެން ގޮސް ދުނިޔޭގެ ސަތަހައިން އޮބާލައި ލޮލަށް ގެއްލޭ ގޮތްވެސް ވާކަމަށެވެ.
މިއީ އާކްޓިކް ސަރަހައްދުގައި އާއްމުކަމެއް ނަމަވެސް ފިނިމޫސުމުގައި ޔޫކޭ ހިސާބުން މިފަދަ މަންޒަރަކީ ވަރަށް ނާދިރުހާލަތެއްގައި، މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށް ބިބީސީގެ މޫސުމާއިބެހޭ އޮފިޝަލް ވިދާޅުވިއެވެ.
“ސުޕީރިއާ މިރާޖް”ގެ ސަބަބުން މިނޫންވެސް މަދު އެހެން ގޮތްގޮތަށް އެއްޗެހި ފެންނަގޮތް ވެއެވެ. އެގޮތުން މި ފޮޓޯގައި ފެންނަނީ ދުރުގައިވާ އާގުބޯޓު ފެނުން އުފުލި ޖައްވުގެ ތެރޭގައި ވާތަނެވެ. ބައެއްފަހަރު ހަމަ ލޮލަށް ނުފެންނަ ހިސާބު ދުރުގައި، އުދަރެހުގައި ހުންނަ އެއްޗެހި ފެންނަގޮތް ވެސް ދިމާވާކަމަށެވެ.
ޚިޔާލުތައް