A wide advertisement which will be shown on all devices. (700 x 100)

ދޫޑިގަމި އެދުރުކަލޭގެފާނު

ހާފިޒް އަހުމަދު ސްކޫލް ނިސްބަތްވަނީ ދޫނޑިގަމު އެދުރުކަލޭގެ ފާނަށް

ފުވައްމުލަކަށް އުފަން ދޫޑިގަމި އެދުރުކަލޭގެފާނަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުންނާބުއުސް އިލްމްވެރިންގެ ތެރެއިން އެއް ބޭފުޅެކެވެ. އޭނާގެ ފުރިހަމަނަމަކީ އަލް ހާފިޒުލްފަޤީހު އަހުމަދެވެ. ބައްޕައަކީ އެ ރަށު މާދަޑި މޫސާ ބުނު ހާނަ ދޮން އަބާކިރުއެވެ. މަންމައަކީ މާދަޑި ކޭހަރިތައި މަރިޔަންފާނެވެ. (1)

ދޮން އަބާކިރުގެ ޒަމާނުގައި އޭނާއާއި އާއިލާ ދިރިއުޅުއްވީ މާދަޑު އަވަށުގައެވެ. އެއިރު ފުވައްމުލަކު އެދުރުބޭކަލަކީ އޭނާއެވެ. ދޮން އަބާކިރު ނިޔާވުމުން އޭނާ ފަސްދާނުލެވުނީ އެ އަވަށުގައި އޭނާ ބިނާކުރެއްވި ހާނާރު މިސްކިތުގައެވެ. މިކަން ހިނގީ އޭނާގެ ކާފަދަރި އަހުމަދު ކުޑަކުއްޖެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. (1)

ދޮން އަބާކިރު ނިޔާވުމުން އޭނާއަށް އޮތް އެދުރުބޭކަލެއްގެ މަޤާމު ލިބުނީ އޭނާގެ ދަރި މޫސާއަށެވެ. ފަހުން އެއީ މޫސާ ކާންނާ ކަލޭގެފާނެވެ. ދޮން އަބާކިރު ނިޔާވުމުގެ ކުރިން، އޭނާގެ ދެ ކާފަދަރީންނަށް ތަޢްލީމު އުނގަންނައި ދޭނޭގޮތުގެ ވަސިއްޔަތެއް ކުރެއްވިއެވެ. އެއީ އިބްރާހީމަށް ނުޖޫމީ އިލްމާއި ފަންޑިތަވެރިކަން ކިޔަވައި ދިނުމަށާއި، އަހުމަދށް، ވާދޫ ދަންނަކަލޭގެފާނު އަރިހަށް ފޮނުވައިގެން ދީނީ ޢިލްމް ކިޔަވައި ދިނުމަށެވެ.(1)

އަހުމަދު ވެގެންދިޔައީ ވާދޫ ދަންނަކަލޭގެފާނުގެ އެންމެ އިސް 3 ދަރިވަރުންގެތެރެއިން އެކަކަށެވެ. މީގައި ހިމެނޭ އަނެއް ދެ ދަރިވަރުންނަކީ އައްޑޫ މީދޫ މުހައްމަދު (ފަހުން އަލް ޤާޟީ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު) އާއި ވާދޫ އަބޫބަކުރު (ފަހުން އަލްޤާޟީ އަބޫބަކުރު ފަނޑިޔާރުތަކުރުފާނު) އެވެ. (1)

ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން އަހުމަދު ފިޤްހާއި ޤާރީވެރިކަމާއި ކިޔަވައިވިދާޅުވެ ހާފިޒަކަށް ވިއެވެ. ދަންނަކަލޭގެފާނު ނިޔާވުމުގެ ކުރިން ދުއާއެއް ކުރެއްވިއެވެ. އެއީ މާލޭގައި އިސްލާމީ ރަސްކަމެއް ދެމިއޮތުމަށާއި، އައްޑޫ މީދޫގައި ފިޤްހު އިލްމް ދެމިއޮތުމަށާއި ފުވައްމުލަކުގައި ޤާރީވެރިކަން ދެމިއޮތުމަށެވެ. އެ ކަލޭގެފާނުގެ ދުއާ އިޖާބަވިކަމުގެ ނިޝާންތައް މިހާރުވެސް ފެންނަމުންދެއެވެ.

ކާފަގެ ވަސިއްޔަތާ އެއްގޮތަށް އެދުރުކަލޭގެފާނާއި އެއްބަނޑު އިބްރާހީމަށް ނުޖޫމީ އިލްމް އުނގަންނައި ދެވުނެވެ. އޭނާ ވެގެން ދިޔައީ އެ ދުވަސްވަރު ރާއްޖޭގައި ނެތްވަރުގެ ނުޖޫމީ އިލްމުވެރިއަކަށެވެ. އޭނާ ފަހުން ވެގެންދިޔައީ އިބުރާހީމް އެދުރުތަކުރުފާނަށެވެ. މީގެ އިތުރުން އޭނާ ފަންޑިތަވެރިކަން ވެސް ހަމަ އެ ފެންވަރަށް ދަސްކުރެއްވިއެވެ. ފަންޑިތަ ދަސްކުރަން އުޅުއްވުމުގައި ހާދިސާއެއް ދިމާވިކަމަށް ކިޔައިއުޅެއެވެ. އެއްފަހަރަކު ކިޔެވެއްޔެއް ކިޔަވައި ވިދާޅުވެގެން ބިމުން ދާއްބައެއް މައްޗަށް ނެންގެވިއެވެ. އޭނާއަށް އެ ދާއްބަ ތިރިއެއް ނުކުރެއްވުނެވެ. ގޮތް ހުސްވެގެން ބޭބެ، އަހުމަދުގެ، އެހީ ހޯއްދެވިއެވެ. އެދުރުކަލޭގެފާނު ވަޑައިގެން ދާއްބަ ތިރިކުރަން ކިޔަވާ އެއްޗެތި އިބްރާހީމަށް ދަސްކޮށްދެއްވައިގެން އެސޮރު ތިރިކޮށް ދެއްވިއެވެ. (4)

ކިޔަވައި ވިދާޅުވެ ނިމިގެން އެދުރުކަލޭގެފާނު ވަޑައިގެންނެވީ ރަށަށް ފުވައްމުލަކަށެވެ. މާގިނަ ދުވަހެއްނުވެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަތެވެ. އެނބުރި މާލެ ވަޑައިގަތުމަށްފަހު އެ ކަލޭގެފާނު ވަޑައިގަތީ ބައްޕައާއި ކާފަގެ އުފަން ރަށް ހައްދުންމަތީ ދަނބިދޫއަށެވެ. އެ ރަށުގައި ހުންނެވި ދުވަސްވަރު އިސްދޫ ކަތީބުގެ އާމިނާ މަނިކެއާ ކައިވެނި ކުރެއްވިއެވެ. މިކަން ހިނގީ ކަލާފާނުގެ ރަސްކަމުގައެވެ. ކަލާފާނު ރަސްކަން ކުރެއްވީ 1580 އިން 1609 އަށެވެ. (2)

އެދުރުކަލޭގެފާނު ދަނބިދޫއަށް ވަޑައިގަތީ އެ ރަށުގައި ވަޒަންވެރިވެވަޑައިގަތުމަށް ގަސްދުކުރައްވައިގެންނެވެ. އެހެނަސް އެ ރަށުގައި މާ ގިނަ ދުވަހަކު ނުހުންނެވުނެވެ. ފުވައްމުލަކު ރައްޔިތުން އޭނާ އަރިހުން އެ ރަށަށް ވަޑައިގެން ދެއްވުމަށް އެދުނެވެ. އެއީ އެ ދުވަސްވަރު އެރަށުގައި ފެތުރެމުންދިޔަ ރޯގާބަލިކަމަކުން މީހުން މަރުވަމުން ދާތީ އެކަމަށް ކިޔެވެލި ކިޔަވައިދެއްވުމަށެވެ.

އެދުރުކަލޭގެފާނު މުލަކަށް ވަޑައިގެން ފަންޑިތަހައްދަވައި ރަށް އަމާންކުރެއްވުމަށްފަހު ރަށުވަށައި ހިންގެވިއެވެ. މިހެން ވަޑައިގެން ދޫޑިގަމު ބޮޑުފަންނުން އެއްގަމަށް އަރުއްވައި ރަނގަޅު ބިމެއް ފާހަގަ ކުރެއްވިއެވެ. އަދި އެތަނުގައި ގެއެއް އަޅައިދިނުމަށް ރަށުމީހުން ކައިރިން އެދިވަޑައިގަތެވެ. އެމީހުން އެ ބިމުގައިގެއެއްއަޅައި ދިނެވެ. އެއީ ދޫޑިގަމި އެދުރުގެއެވެ.

އެގޭގައި ހުންނެވި ހުންނެވުމުގައި އެދުރުކަލޭގެފާނު ނަމާދުކުރައްވައި ޤުރުއާން ކިޔަވައި ވިދާޅުވާން އިންނަވަނީ އެ އަވަށު ކާރިގަޑިގޭ ފަންނުގައި ހުރި މިސްކިތެއްގައެވެ. މިހެން އިންނަވަނިކޮށް ރޯދަމަހުގެ ރެއެއްގެ ހާރުދަމުގައި މިސްކިތު ޤަބުރުސްތާނުތެރެއިން މައްޗަށް އަރައިފައި ހުރި އައްޔެއް ފެނިވަޑައިގަތެވެ. ފަތިސް ނަމާދުން ފައިބާވަޑައިގެން މިސްކިތް އެހެން ތަނަކަށް ބަދަލުކުރަން މީހުންކައިރިން އެދިވަޑައިގަތެވެ. އެ އެދިވަޑައިގެންނެވިގޮތަށް ހަމަ އެ ދުވަހު މިސްކިތް ރޫޅާލައިގެން އުނެކެޑެ ފަންނަށް ގެންދެވުނެވެ. (1) އެ މިސްކިތް، ނުވަތަ އުނަކެޑެ މިސްކިތް މިހާރުވެސް އެބަހުއްޓެވެ. (4)

އައް ސުލްޠާނު މުހައްމަދު އިމާދުއްދީން 1 ގެ ރަސްކަމުން 5 ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެއަށް ހަމަލާ ދިނެވެ. މިކަން ހިނގީ 1625 ގައެވެ. އިމާދުއްދީން 1 ރަސްކަން ކުރެއްވީ 1620 ން 1648 އަށެވެ. (3) މި ހާދިސާއާއި ގުޅިގެން ރާއްޖޭގެ ސަލާމަތަށް ދުއާވެރިކަން ކުރެއްވުމަށްމަށް އިބްރާހީމް އެދުރުތަކުރުފާނު މާލެއަށް ގެންދެވިއެވެ. އޭނާ މާލެ ވަޑައިގެންނެވީ އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުން އެދރުކަލޭގެފާނާ ހަވާލުކުރައްވައިފައެވެ. (1)

އިބްރާހީމް އެދުރުތަކުރުފާނަކީ ފަންޑިތަވެރިއެއްކަމުން އޭނާގެ ދުޝްމިނުން ޖިންނިންގެތެރޭގައި އުޅުނުކަމަށް ބުނެވެއެވެ. ޖިންނިން އަބަދުވެސް ތިބެނީ އެ ތަކުރުފާނަށް ފާރަލައިލައެވެ. މާލޭގައި ހުންނެވިއިރު ވެސް ޖިންނީން އެކަން ކުރިކަމަށް ބުނެވެއެވެ. އެއް ފަހަރަކު އޭނާ ވަޑައިގެންނެވި ޖާފަތެއްގައި ނަގޫސޭސަރު ކިޔާ ޖިންނިއަކު ކޭމަށް އަރައި އިންދާ ފެނިވަޑއިގެންނެވިއެވެ. އަދި، ކަލޭ ވެސް މިތާ އެބައިނިންދޯއޭ ވިދާޅުވެފައި ނަގުލުގައި ހިއްޕަވައި ހޫރާލެއްވިއެވެ. މިކަމަށް ބަދަލު ހިފުމުގެ ގޮތުން އެ ތަކުރުފާނު ގަޟާ ހާޖަތް ކުރައްވަން އިންނެވި ވަގުތެއް އެސޮރު ހޯދިއެވެ. އެއީ އެ ވަގުތު އޭނައަށް އެއްވެސް އެއްޗެއް ކިޔަވައި ވިދާޅުނުވެވޭނެތީއެވެ. މިގޮތުން ދަނޑިވަޅުބަލައި ނަގޫސޭސަރު އެ ތަކުރުފާނަށް ވަރަށް އަނިޔާކުރިއެވެ. ބުނެވޭގޮތުން އެދުރުތަކުރުފާނު ނިޔާވީ އެކަމުގައެވެ. އެ ތަކުރުފާނު ފަސްދާނުލެވިފައިވަނީ މާލޭގައެވެ. (4)

އެދުރުކަލޭގެފާނަށް އަޅައިދިން ގެޔަކީ ފަހުން ކިޔާގޮތުން ދޫޑިގަމި ގަނޑުވަރެވެ. އެގޭގައި އުޅުއްވަމުން އެ ދެމަފިރިކަނބަލުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެދުރުކަލޭގެފާނު ނިޔާވީވެސް އެ ގޭގައެވެ. ފަސްދާނުލެވިފައި ވަނީ އުނެކެޑެ މިސްކިތާއި ހޭޅިފަށާ ދެމެދުގައެވެ. އެދުރުކަލޭގެފާނު ނިޔާވުމަށް ފަހު އެ ކަލޭގެފާނުގެ އަނބި ކަނބަލުންނާއި ދެ ކުދިން، އެކުދިންގެ ބޮޑުބޭބެ އިބްރާހީމް އެދުރުތަކުރުފާނަށް ޒިޔާރަތް ކުރައްވަން މާލެއަށް ދަތުރު ކުރައްވަނިކޮށް ދޯނި ހުވަދު އަތޮޅު ރިބިދޫ ފަރަށް އަރައި ކަނޑުވެގެން އެބޭފުޅުން އަވަހާރަވީއެވެ. އެއިރު އިބުރާހީމް އެދުރުތަކުރުފާނުގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ވެސް ވަނީ އަވަހާރަވެފައެވެ.

އުނަކެޑެ މިސްކިތް ސަރަހައްދު

އެދުރުކަލޭގެފާނުގެ ދަރިފަސްކޮޅެއް ނެތީމާ ގަނޑުވަރުގައި ފަހުން އުޅުއްވީ އިބުރާހިމް ފާމުދޭރިކިލެގެފާނުގެ މަރިޔަމް ދީދީއެވެ. އޭގެ ފަހުން އެކަމަނާގެ ދަރިފަސްކޮޅެވެ. އެބޭބޭފުޅުން އެދުރުކަލޭގެފާނު އުޅުއްވި ބައިގެ ކައިރީގައި އެހެން ބައެއް ހެއްދެވިއެވެ. އެ ބޭފުޅުން ފަހުން އުޅުއްވީ އެ ބައިގައެވެ. އެދުރުކަލޭގެފާނު އުޅުއްވި ބައި މަޤާމުފުޅެއްގެ ގޮތުގައި ބަހައްޓާފައި ހުރީއެވެ. (4)

އެދުރު ކަލޭގެފާނުގެ ޒިޔާރަތް ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ އެވަގުތަކު ގަނޑުވަރުގައި ދިރިއުޅޭ މީހަކަށެވެ. އޭނާ ޒިޔާރަތް ކުނިކަހައި ފޮޅާ ސާފުކުރެއެވެ. އަދި ހުކުރު، ހޯމަ ވިލޭރޭ ސަލަވާތްފާތިހާ ކިޔައި އުޅެއެވެ. ޒިޔާރަތުގެ ޚާދިމުގެ ހައިސިއްޔަތުން އެ ތަނަށް ނަދުރު ބުނެގެން ގެންނަ ތަކެތި ބަލައިގަންނަނީ ވެސް އޭނާއެވެ. މިކަމުގެތެރޭގައި ދޭތެރެދޭތެރެއިން ޒިޔާރަތުން ޤުރުއާން ކިޔަވާ އަޑު އިވޭކަމަށް ބުނެވެއެވެ. ނަމަވެސް ކިޔަވާ މީހަކު ނުފެނެއެވެ. (4)

މަޤާމުފުޅަކަށް ހެދުމުގެ ފަހުން އެދުރުކަލޭގެފާނު އުޅުއްވި ބަޔަށް އާއްމުކޮށް މީހުން ވަދެ ނުއުޅެއެވެ. ވަދެ އުޅުނީ ހަމައެކަނި ކުނިކަހައި ސާފުކުރަން ވަންނަ އެގޭ މީހުންނެވެ. ބޭރުމީހަކު ވަދެ އުނދޯލިދާންކޮޅު ފަދަ ތަނެއްގައި އިށީނދެއްޖެއްޔާ ނުފެންނަ ފަރާތަކުން އެ މީހާ ވައްޓާލާ ކަމަށް ބުނެވެއެވެ. ކިޔައި އުޅޭ ގޮތުން އެކަން ކުރަނީ އެދުރުކަލޭގެފާނުގެ ހަޔާތްޕުޅުގައި ގެންގުޅުއްވި ޖިންނިއެކެވެ. ކޮންމެއަކަސް މިގޮތުގެމަތިން ގަނޑުވަރު ދާދި ފަހަކާ ޖެހެންދެން ވެސް ހުއްޓެވެ. (4)

އަލް ހާފިޒު އަހުމަދު ނުވަތަ ދޫޑިގަމި އެދުރުކަލޭގެފާނަކީ ފުވައްމުލަކު މީހުން ވަރަށް ޤަދަރުކުރާ ބޭފުޅެކެވެ. އެ ރަށުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ސްކޫލަށް ދީފައިވާ ނަމަކީ ހާފިޒު އަހުމަދު ސްކޫލެވެ. އެ ސްކޫލް ހުންނަނީ އެދުރުކަލޭގެފާނު ދިރިއުޅުއްވި ހިސާބާ ތަންކޮޅެއެއް ދުރުގައި ފުނާޑު އަވަށުގައެވެ.

މިލިޔުމުގައި ދީފައިވާ ބައެއް މައުލޫމާތަކީ ތުންތުންމަތިން ފޯކްލޯރގެ ގޮތުގައައިސްފައިވާ މައުލޫމާތެވެ. އެހެންކަމުން އެފަދަ މައުލޫމާތު ތާރީޚީގޮތުން ޘާބިތެއް ނުކުރެވެއެވެ. މި ވާހަކައިގެ ބައެއް ތަންތަންކޮޅު ތަފާތުގޮތްގޮތަށް ވެސް އައިސްފައި އެބަހުއްޓެވެ. މި ފަދަ އެއް ތަފާތުގައި ބުނާގޮތުން ދޮން އަބާކިރަކީ ރަށްފަޅުވެފައި އޮތްއިރެއްގައި ރށް އަލުން އާބާދުކުރައްވަން ސަރުކާރުން ފޮނުއްވި ބޭކަލެކެވެ. އެހެން ތަފާތެއްގައި ބުނާގޮތުން މާލެއަށް ވަޑައިގަންނަވަނިކޮށް ނިޔާވީ އިބުރާހީމް އެދުރުތަކުރުފާނުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނެވެ.

 

ރިފަރެންސް:
ލިޔުމުގެ ތެރޭގައި ނަންބަރުތަކުން އިޝާރާތްކުރަނީ ތިރީގައިވާ ރިފަރެންސް ނަންބަރުތަކަށެވެ.
1. ދިވެހިބަހުގެ އެކެޑަމީ (2016) “ހާފިޡު އަހުމަދު ސްކޫލްގެ ނަން ނިސްބަތްވާ ފަރާތް”
2. އަމީން، މުހައްމަދު (1949) ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު، “އައްސުލްޠާނު އިބުރާހީމް ކަލާފާނު”، ސ. 170
3. އަމީން، މުހައްމަދު (1949) ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު، “އައްސުލްޠާން މުހައްމަދު އިމާދުއްދީން 1،” ސ.185، 186
4. ހަމީދު، އަބްދުލް، ލައިޓް، ފުވައްމުލައް (2021) ޓެލެފޯން އިންޓަރވިއު
+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !