ބޮޑު މެޖޯރިޓީ އަކާއެކު ވެރިކަންކުރާ އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ފުވައްމުލައް ސިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ 6 ގޮނޑީގެ ތެރެއިން 4 ގޮނޑި އާއި ސިޓީގެ މޭޔަރުގެ ގޮނޑި އެމްޑީޕީގެ ކަންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
މިކަލް ނޫހަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރެވި 3 ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ކެންޑިޑޭޓް އިސްމާއީލް ރަފީގު ވަނީ ވޯޓުލީ މީހުންގެ %53 އަށް ވުރެ މަތިން ހޯއްދަވާފައެވެ.
އިސްމާއީލް ރަފީޤް ވަނީ ފުވައްމުލަކު 2 ދާއިރާއެއް ފިޔަވައި އަނެއް 4 ދާއިރާއިން ކުރި ހޯއްދަވާފައެވެ. އިތުރަށް ނުގުނިހުރި މަދު ވޯޓުތަކާއެކު ވެސް މި އިންތިޚާބު އިސްމާއިލަށް ގެއްލިގެން ދިއުމުގެ ފުރުސަތެއް ނެތެވެ. ވުމާއެކު ފުވައްމުލައް ސިޓީގެ އައު މޭޔަރަކަށް ވެގެންދާނީ އިސްމާއީލު ރަފީގެވެ.
މި އިންތިޚާބުގައި އިސްމާއީލު އާއި ވާދަކުރައްވާފައިވަނީ ޕީޕީއެމާއި ޖޭޕީގެ 2 ކެންޑިޑޭޓުންނެވެ.
1. އިސްމާއީލް ރަފީޤް (އެމްޑީޕީ) – %53
2. މުހައްމަދު ތާރިޤް (ޕީޕީއެމް) – %46
3. ޒިޔާދު ޒަކަރިއްޔާ (ޖޭޕީ) – %1
މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެއްގޮނޑި ފިޔަވައި އަނެއް 4 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
R1 ފުވައްމުލަކު ހުޅަނގުއުތުރު ދާއިރާ (ދަޑިމަގު/ދިގުވާޑު)
ފުވައްމުލައް ސިޓީ 1 (ހުޅަނގު އުތުރު ދާއިރާ) ކާމިޔާބުކުރީ ޕީޕީއެމް ކެންޑިޑޭޓް އާއިޝަތު އަބްދުލް ޤާާދިރުއެވެ. މިއީ ފުވައްމުލައް ސިޓީގައި ޕީޕީއެމްގެ އެންމެ ބޮޑު ބާރެއް އޮންނަ ސަރަހައްދެވެ. ވުމާއެކު އިންތިޚާބުގެ ކުރިންވެސް ބެލެވިފައި ވަނީ ފަސޭހަކަމާއެކު ޕީޕީއެމް ކެންޑިޑޭޓް މިދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ.
4. އާމިނަތު ސައުސަން (އެމްޑީޕީ) – %40
5. އާއިޝަތު އަބްދުލް ޤާދިރު (ޕީޕީއެމް) – %60
މިދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިއަށް ވާދަކުރީ މިނިވަން ކެންޑިޑޭޓް އާސިފާ އިބްރާހިމް އެކަންޏެވެ. ވުމާއެކު ވޯޓްނެގުމަކާއި ނުލައި އޭނާ ވަނީ މަގާމަށް ހޮވިފައެވެ.
R2 ފުވައްމުލަކު އިރުއުތުރު ދާއިރާ (ހޯދަޑު/ދަޑިމަގު)
ފުވައްމުލައް ސިޓީ 2 (އިރު އުތުރު ދާއިރާ) ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ނާސިރު އަހުމަދު އެވެ. މިއީ ފުވައްމުލައް ސިޓީގައި އެމްޑީޕީގެ ބޮޑު ބާރެއް އޮންނަ ސަރަހައްދެއް ނަމަވެސް މިފަހަރުގެ އިންތިޚާބު ނިމިފައިވަނީ ވަރަށް ވާދަވެރިކޮށެވެ. އިންތިޚާބުގެ ކުރިންވެސް ބެލެވިފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މިދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ.
4. އަބްދުﷲ ނާސިރު އަހުމަދު (އެމްޑީޕީ) – %54
5. މުޙައްމަދު ޝުޖާޢު (ޕީޕީއެމް) – %46
މިދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑި މިނިވަން ކެނޑިޑޭޓް އާމިނަތު އަލީ އާއި ވާދަކޮށް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ނާފިއާއެވެ.
R3 ފުވައްމުލަކު މެދުއުތުރު ދާއިރާ (ދިގުވާޑު/މާދަޑު/މިސްކިތްމަގު)
ފުވައްމުލައް ސިޓީ 3 (މެދު އުތުރު ދާއިރާ) ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ފިކުރީ އެވެ. މިއީ ފުވައްމުލައް ސިޓީގައި އެމްޑީޕީގެ ނިސްބަތުން އެންމެ ބޮޑު ބާރެއް އޮންނަ ސަރަހައްދެވެ. ކޮންމެ އިންތިޚާބެއްގައި ވެސް މިދާއިރާ ކާމިޔާބުކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މިފަހަރު ވެސް މިދާއިރާ ކާމިޔާބުކޮށްފައި ވަނީ އިންތިޚާބުގެ ކުރިންވެސް ބެލެވިފައިވީހާ ފަސޭހަކޮށެއް ނޫނެވެ.
4. މުހައްމަދު ފިކުރީ (އެމްޑީޕީ) – %52
5. ހައްމާދު އަބްދުﷲ (މިނިވަން) – %35
6. އަހުމަދު އަސްލަމު (ޕީޕީއެމް) – %14
މިދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އެވެ.
R4 ފުވައްމުލަކު ހުޅނގު ދެކުނު ދާއިރާ (މިސްކިތްމަގު/ފުނާޑު/)
އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ފުވައްމުލައް ސިޓީ 4 (ހުޅަނގު ދެކުނު ދާއިރާ) ވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު އިނާޔާ އެވެ. މިއީ ފުވައްމުލައް ސިޓީގައި އެމްޑީޕީއިން އެންމެ ބޮޑު އިންސައްތައެއް ހޯދައިގެން މިފަހަރު ނަތިޖާ ނުކުތް ދާއިރާއެވެ. އިންތިޚާބުގެ ކުރިންވެސް ބެލެވިފައި ވަނީ ފަސޭހަކަމާއެކު ޕީޕީއެމް ކެންޑިޑޭޓް މިދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ.
4. އާމިނަތު އިނާޔާ (އެމްޑީޕީ) – %61
5. އާމިނަތު ނާފިއާ (ޕީޕީއެމް) – %39
މިދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލޭޚާ އާސިމާ އެވެ.
R5 ފުވައްމުލަކު މެދުދެކުނު ދާއިރާ (މިސްކތްމަގު/މާލެގަމު)
ފުވައްމުލައް ސިޓީ 5 (މެދު ދެކުނު ދާއިރާ)ގެ ކައުންސިލް ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިސްމާއީލެވެ. މިއީ ފުވައްމުލައް ސިޓީގައި ވަރަށް ހަމަހަމަ ދާއިރާއެއް ނަމަވެސް މިފަހަރުގެ އިންތިޚާބު ތަފާތު ބޮޑުކޮށް ކާމިޔާކޮށްފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. އިންތިޚާބުގެ ކުރިން ބެލެވިފައި ވަނީ މިދާއިރާގެ ވޯޓީ ވަރަށް ވާދަވެރިކޮށް ގޮސް ކޮންމެ ކެންޑިޑޭޓަކު ވެސް ކާމިޔާބުކޮށްފާނެ ކަމަށެވެ. ނަމަވެސް ކުރީގެ ލަފާކުރުންތަކަށް ވުރެވެސް ފަސޭހަކޮށް ޕީޕީއެމް އިން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.
4. އަލީ ސައީދު (އެމްޑީޕީ) – %37
5. މުހައްމަދު އިސްމާއީލް (ޕީޕީއެމް) – %63
ޕީޕީއެމް އަށް ކާމިޔާބުކުރެވުނު ހަމައެކަނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިއަކީ މިދާއިރާގެ ގޮނޑިއެވެ. މިގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މަރްޔަމް ދިޔާނާ އެވެ.
R6 ފުވައްމުލަކު އިރުދެކުނު ދާއިރާ (ދޫނޑިގަން)
ފުވައްމުލައް ސިޓީ 6 (އިރުދެކުނު ދާއިރާ)ގެ ކައުންސިލް ގޮނޑި ކާމިޔާބުކުރީ ވެސް އެމްޑީޕީގެ އެމްޑީޕީގެ ކެންޑިޑެޓެކެވެ. ކުރިގެ ދޫނޑިގަމު ކައުނސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބްރާހިމް މުޙައްމަދު (އިބްރާ) އެވެ. އިންތިޚާބުގެ ކުރިން ވެސް ލަފާކުރެވިފައިވަނީ އިބްރާ އެގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ. މިއިންތިޚާބާއި ދިމާކޮ މިކަލް ނޫހުން އާއްމުކޮށް ހުޅުވާލި “ކެންޑިޑޭޓުން ގެ ތައާރަފު” ފުރުސަތު ބޭނުންކުރައްވައި އިބްރާހިމް މުހައްމަދު ވަނީ މިކަލް ނޫހޫގައި އޭނާގެ ތަފުސީލް ތައާރަފެއް ހިމަނުއްވާފައެވެ.
4. އިބްރާހިމް މުހައްމަދު (އެމްޑީޕީ) – %56
5. އަބްދުﷲ އިބްރާހިމް (ޕީޕީއެމް) – %44
މިދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ޒަހީނާ އަޙުމަދު އެވެ.
ލޯކަލް ކައުންސިލް އިންތިޚާބައި އަންހެނުންގެ ތަރައްގީއަށް ްމަސައްކަތް ކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނާއި ވަކިން ޚާއްސަކޮށް އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މިކަލް ނޫހުން މަރުހަބާ ކިޔަމެވެ.
ނޯޓް: މިކަލް ނޫހުން ގެނެސް ދީފައިމިވާ އަދަދު ތަކަކީ މި އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ވޯޓުލުމަށް ކޮންމެ ދާއިރާއެއްގައި ބެހެއްޓުނު މައިގަނޑު 3 ފޮށީގެ ނަތީޖާއަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ނަތީޖާއެކެވެ. މި ނަތީޖާއަށް ކޮންމެވެސްވެރެއްގެ ބަދަލުތަކެއް އަދި އަންނާނެއެވެ.
ޚިޔާލުތައް