A wide advertisement which will be shown on all devices. (700 x 100)

މާދަރީ ބަހަކީ ކޮބާ؟

މާދަރީ ބަހުގެ ދުވަސް 2022

މިއަދަކީ ބައިނަލް އަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. މާދަރީ ބަހަކީ އެމީހަކަށް ވާހަކަ ދައްކަން އެންމެ ފުރަތަމަ ދަސްވާ ބަސްކަމުގައި ބުނެތެވެ. ހަޔާތުގެ ކަންކަމުގައި އެމީހާގެ ވިސްނުން ގެންގުޅޭނީ މާދަރީ ބަހުންކަމަށް ނުއެވެ. ނަމަވެސް މާދަރީ ބަހުން އެކަމެއް ފަހުމުވާން ނުވަތަ ވިސްނާން ވެސް ފަހި ގޮތްތަކެއް ބެނުންވެއެވެ.

މާދަރީ ބަހަކީ ކޮބައި ހެއްޔެވެ؟ 

ދެތިން ތައާރަފަކަށް ބަލާލާނަމެވެ. މެރިއަމް ވެބްސްޓަރ ޑިކްޝަނަރީގައި ވާގޮތުން މާދަރީ ބަހަކީ “އެމީހަކު ވާހަކަ ދައްކަން ދަސްކުރާ ބަހެވެ. އަދި އެއީ އެމީހެއްގެ މުޖުތަމިއުގައި ވާހަކަ ދައްކާ ބަހެވެ”.

އޮކްސްފޯޑް ޑިކްޝަނަރީގައި ބުނާގޮތުން މާދަރީ ބަހަކީ “ތުއްތު އިރުއްސުރެން ބޮޑުވަންދެން އެމީހަކު ވާހަކަ ދައްކަން ބޭނުންކުރާ ބަހެވެ”.

ކެމްބްރިޖް ޑިކްޝަނަރީގައި ބުނާގޮތުން މާދަރީ ބަހަކީ “ކުޑަކުއްޖެއްގެ ގޮތުގައި އެންމެ ފުރަތަމަ ވާހަކަ ދައްކަން ދަސްކުރާ ބަހެވެ.

މާދަރީ ބަހަކީ އިނގިރޭސި ބަހުން ބުނާނަމަ “މަދަރ ޓަންގު”އެވެ. އެހެން ގޮތަކަށް ބުނެދޭނަމަ އެއީ އެމީހަކަށް ބަސްމޮށުންތެރިކަން ދަސްވާ ބަހެވެ. ނޫންނަމަ އެމީހަކަށް ވާހަކަ ދައްކަން ދަސްވާއިރު މައިންބަފައިންނާއި އާއިލާ އަދި މުޖުތަމިއުގައި އާއްމުކޮށް ވާހަކަ ދައްކަމުންދާ ބަހެވެ. އެއީ ކޮންމެ ހެން އެމީހެއްގެ މަންމަ ވާހަކަ ދައްކާ ބަހަށް ނުދާނެއެވެ.

ވީމާ ރާއްޖޭގައި މާދަރީ ބަހަކީ ކޮބާހެއްޔެވެ؟ އަދިި ފުވައްމުލަކުގައި މާދަރީ ބަހަކީ ކޮބާހެއްޔެވެ؟

ރާއްޖޭގެ މާދަރީ ބަހަކީ ރާއްޖޭގެ ރަސްމީ ބަސް ނުވަތަ ‘މާލޭ ބަސް’ ހެއްޔެވެ؟ އަދި ފުވައްމުލަކުގެ މާދަރީ ބަހަކީ ފުވައްމުލަކު ބަސް ހެއްޔެވެ؟

މާދަރީ ބަހުގެ ތައާރަފަށް ބަލާއިރު އެމީހަކަށް އެންމެ ފުރަތަމަ ވާހަކަ ދައްކަން ދަސްވާ ބަހަކީ މާދަރީ ބަސްކަމުގައި ބޮޑަށް ބުރަވެވޭތީ ފުވައްމުލަކުގެ ކޮންމެ ދަރިއެއްގެ މާދަރީ ބަހަކީ ފުވައްމުލަކު ބަސްކަމުގައި ނިންމޭނެ ހެއްޔެވެ؟

ނޫނެކެވެ. އެކަމަކުވެސް، ފަހުގެ ޖީލުގެ ބޮޑުބައެއް ފިޔަވައި، ފުވައްމުލަކުގެ ގިނަބައެއްގެ މާދަރީ ބަހަކީ ފުވައްމުލަކު ބަސްކަމުގައި ބެލިދާނެއެވެ. އެހެނީ ފުވައްމުލަކުގައި ދިރިއުޅޭ ގިނަ އާއިލާތަކުން ކުއްޖާ ބޮޑުވެގެން އަންނައިރު ވާހަކަ ދައްކަނީ ފުވައްމުލަކު ބަހުން ކަމަށްވާތީ އެވެ. ނަމަވެސް ބައެއް އާއިލާ ތަކުން މިއުސޫލާއި އެއްގޮތަށް އަމަލެއް ނުކުރެއެވެ. އެގޮތުން ބައެއް އާއިލާ ތަކުން ދަރިފުޅަށް ފުރަތަމަ ވެސް “މާލޭ ބަސް” ދަސްކޮށްދޭއިރު އަނެއް ބަޔަކު ފުރަތަމަ ވެސް ދަސްކޮށްދެނީ، އިންގިރޭސި ބަހެވެ. އަދި ފަހުގެ ޖީލުތަކުގެ ކުދިންނަށް ގިނައިން އަޑު އިއްވަނީ ވެސް އިނގިރޭސި ބަހެވެ. ޓީވީ ތަކުންނާއި އަތަށް ދެވޭ ފޯނާއި ޓެބްލެޓް ފަދަ އާލާތްތަކުން ތުއްތުކުދިންނަށް ދިވެހި ބަހަށްވުރެ ގިނައިން އިނގިރޭސި ބަސް އަޑުއިވޭ ކަމީ މިއަދުގެ މާހައުލުގައި ދެބަސްވުން ކުޑަކަމެކެވެ. އަދި އެއުމުރަށްފަހު ކުޑަކުދިންގެ ގޮތުގައި ވެސް ފޯނާއި ޓީވީގެ އިތުރުން ސްކޫލްތެރޭގައި ވެސް ގިނައިން ވާހަކަދައްކާ އަދި އަޑުއިވެނީ، އަދި ގިނަ ފިލާވަޅުތައް ހުންނަނީ އިނގިރޭސި ބަހޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

ދެން އޮތީ ފުރާވަރުގެ ކުދިންނެވެ. އެމީހުންގެ ކިޔެވުމައި ހުސްވަގުތުތައް އަދި ކިޔާ ވާހަކަ ފޮތްތަކާއިމެދު ވިސްނާލުމުގެ އިތުރުން އެމީކުދިންނާއި މުއާމަލާތު ކުރެވޭހިނދުތަކާއި، އެކުދިންގެ އަޑުތައް ކައިރިން އިވޭއިރު އެކުދިންގެ މާދަރީބަހަކީ އިނގިރޭސި ބަހޭ ހިތަށް އަރައެވެ. ދިވެހި ބަހަށްވުރެ އެމީހުން މާބޮޑަށްވެސް ފަރިތައީ އިނގިރޭސިބަހަށެވެ. މިދެންނެވީ ތަޖުރިބާ ކުރެވިފައިވާ ފުވައްމުލަކާއި މާލޭގެ މުޖުތަމިއުގެ ވާހަކައެވެ. މިއީ ލަފާ ކުރެވޭ ގޮތުން މުޖުތަމިއުގެ %85 އަސް ވުރެ ގިނަ ކުދިންގެ ހާލަތެވެ. ނަމަވެސް މިކަން (ހާލަތު) ދިރާސާކޮށް އިތުރަށް ބަލއި ޔަގީން ކުރުރެވިދާނެއެވެ. މިދެންނެވި ފަދަ ކުދިންގެ މާދަރީ ބަހަކީ ދިވެހިބަހަށް ވެދާނެ ހެއްޔެވެ؟ ނުވަތަ އެއީ އިނގިރޭސި ބަސްހެއްޔެވެ؟

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން  2020- އެފްއެސް

މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟

ފަހުގެ އިލްމީ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކިޔަވައިދޭ ބަހަކީ މާދަރީ ބަސް ކަމުގައިވާނަމަ ދަސްވާ އެއްޗެއް ދޭހަކޮށް ފަހުމު ކޮށްގަތުމަށް ފަސޭހަވެއެވެ. ވުމާއެކު ކުރިއަރާފައިވާ ގިނަ ގައުމުތަކުން އުނގަންނައި ދިނުމުގައި ބޭނުންކުރަނީ އެ ގައުމުތަކުގެ މާދަރީ ބަހެވެ. ނަމަވެސް އެއީ އެބަހަކުން އެކަށޭނަ މިންވަރަށް މައުލޫމާތާއި ފޮތްތައް ލިޔެވިފައި ހުރެގެން ނޫނީ ވާނޭ ކަމެއްކަމުގައި ބެލުން މުޅިއަކުން ރަނގަޅުކަމަށް ނުދެކެމެވެ. މިދެންވި ފަދަ ދިރާސާތައް ހެދިފައި ހުރި ތަރައްގިވެފައިވާ ބޮޑެތި ބަސްތަކުގެ މެދުގައެވެ. އެނަތީޖާތައް ދިވެހިބަހަށް ވެސް ނަކަލުކުރެވިގެންދާނެތޯ ސުވާލު އުފެދެއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު ބޭރުގެ އުފެއްދުންތަކަށާއި ބޭރުގެ ތަޢުލީމަށް، ފޮތްތަކަށް، ކައސަކޯސް އިނގިރޭސި ބަހުން ހުންނަ ހަޔާތުގެ ގިނަ ވަސީލަތްތަކަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި އުޅޭ އިރު އިނގިރޭސި ބަހާއި ނުލައި ދިރިއުޅެން މިއަދު ދިވެހިންނަށް ދަތިވެއެވެ. ޚާއްސަކޮށް ފަތުރުވެރިކަމަށް ވެފައިވާ ބަރޯސާވުމާއި، ފަށާ ތައުލީމުގެ މަދަރުސީ ލެވެލުން ފެށިގެން މަތީ ތަޢުލީމު އިނގިރޭސި ބަހުން ހާސިލުކުރަން ޖެހުމާއި މަތީ ތައުލީމު ހޯދަން ރާއްޖޭން ބޭރަށް ދާން މަޖްބޫރުވެފައި ވާތީ، މިއަދު ގިން މީހުންނަށ ްގަބޫލކުރެވިފައިވަނީ އެއީ ލާޒިމުވާ ކަމެއް ކަމުގައެވެ.

ނަމަވެސް ދިވެހިންގެ، ފުވައްމުލަކު މީހުންގެ އާދަކާދަތައް ރައްކާތެރިކުރުމުގެ ގޮތުން މަދަރީ ބަސް ދިރުވަން ޖެހެއެވެ. އެހެންނޫނީ ފުވައްމުލަކު ބަސް ނެތިގެން، ބީވެގެން ދާނެތީއެވެ. ފުވައްމުލަކުގެ އިޖުތިމާއީ ދިރިއުޅުން ސިފަކޮށްދިނުމާއި އާދަކާދަތައް އެހެން މީހުނަށް އަދި ކުރިއަށް އަންނަ ޖީލުތަކަށް ފުރިހަމަޔަށް ބަޔާންކޮށްދިނުމަށާއި ވާސިލުކޮށްދިނުމަށް ފުވައްމުލަކު ބަހުގެ ދައުރު މުހިންމުވެއެވެ. އެހެނީ އެހެން ބަހަކުން އެކަންކަން ފުރިހަމައަށް ސިފަކޮށް ނުދެވޭނެތީއެވެ. ސުވާލަކީ އެކަންކަން މުހިންމު ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ‘ފެނިވަތެން ތޮރޮފުން’، ‘މެދޮއައްތެ ވެޑިވަޑި ޖެއްސުން’ ނުވަތަ ‘ ދޯނި، ވެޑި ބާންނަން ވެޑިވަޑޮ ކޭނުން’ ކުރިޔަށްގެންދަން މުހިންމުވަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އެކަން މުން އޮތް ފައިދާ ބުނެދެވި އެކަން ގަބޫލުނުކުރެވޭ ހިނދު އެބަސްތައް އަލުން ދިރިގެން ދާނީ ކޮންގޮތަކުން ބާވައެވެ؟

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގައި ބޮޑުބައެއް ބިނާވެފައިވަނީ އެހެން ގައުމެއް ނުވަތަ ގައުމުތަކެއްގެ މުގައްރަރަށެވެ. އެގޮތަށް ކިޔަވައިދެމުން އަންނަތާ 50 ހަކަށް އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ދިވެހިންގެ މާދަރީ ބަހާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އިނގިރޭސި ބަހަށް ސަމާލުކަން ދެމުން އަންނަނީ އެކަމުގެ ފައިދާގެ މިންވަރު ބޮޑުވެގެން ނޫންބާވައެވެ؟ މިއީ އެހެން ޤައުމުތަކާއި ރާއްޖޭގެ ތައުލީމީ ނިޒާމް ތަފާތުވާ ބޮޑުވާ އެއް ސަބަބެވެ. ޕްރައިމަރީ ތައުލީމު ކިޔވައިދެނީ އަމިއްލަ މުގައްރަރަކަށްކަމަށް ދައުވާ ކުރިޔަށް އެގައި އެހުރީ ނިއުޒީލޭންޑްގެ ޕްރައިމަރީ ތައުލީމުގެ މުގައިރަރުކަން، މުގައރަރުގެ ދިރާސާގައި ހާމަވެ، އެއްބަސްވެވިފައި ވެއެވެ.

ރާއްޖޭ ތައުލީމީ ނިޒާމަށް ބަލާއިރު ދެތިން މާއްދާއެއް ފިޔަވައި އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި ބޮޑަށް ސަމާލުކަން ދެނީ އިނިރޭސި ބަހަށްތޯ ނުވަތަ ދިވެހި ބަހަށް ތޯ ބަލާލުމަށް ދިރާސާއެއް ހަދައި އެކަން އިތުރަށް ބެލިދާނެއވެ. އެކަމަކުވެސް ނަތީޖާ ތަފާތުވާނެ ކަމަކަށް ނުބެލެވެއެވެ. ދިވެހި ބަހަށް އިސްކަންދިނުމުގެ ގާނޫނެއް ހެދިފައި އޮތަކަސް އެއަށް ގަދަބާރުން އަމަލު ނުކުރެވޭނެއެވެ. ޚުދު ސަރުކާރާއި ވިޔަފާރީގެ ހުރިހާލިޔުންތަކެކޭ ބުޏާހާ ގިނަ ލިޔެކިޔުންތައް ބޭނުންކުރަމުން އަންނަނީ އިނގިރޭސި ބަހުން ކަން ފާހަނގަކުރަން ޖެހެއެވެ. އެއި އެަކމުގައި ފަސޭހަތަކަކާއި ފައިދާތަކެއްވެސް ހުރެގެންނެވެ.

ސްކޫލުތަކުގައި އުގެނޭ ސައިންސާއި ބިޒިނަސް، ތާރީޚާއި އާދަކާދައިގެ މާއްދާތަކުގެ މައުލޫމާތު ދިވެހިބަހުން ލިބެން ނެތުމާއި އަދި އެފަދަ މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުކުރެވި ބެލެހެއްޓިގެންދާނެ ކަމަށް ނުބެލެވޭ ހިނދު، އެފަދަ މަފްހޫމުތައް ދިވެހި ބަހުން ވިސްނާނީ ކޮންގޮތަކުން ހެއްޔެވެ؟ އައު އުފެއްދުންތަކާއި މަފްހޫމުތައް ދިވެހިބަހުން އެހެންމީހުނަށް ބަޔާންކޮށްދިނުން އެއީ ފަސޭހަކމެއް ކަމުގައި ނުބެލެވެއެވެ. ވަޒީފާގެ މަސައްކަތަށް ބާލާއިރު ފިހާރައެއްގެ ސޭޓު އެކައުންޓްސް ބެލެހެއްޓުމާއި މާކެޓުކުރުމަށާއި، ކޮށާރުކުރެވެ ތަކެތީގެ މައުލޫމާތު ބެލެހެއްޓުމަށް ދިވެހިބަސް ފަހިވެފައި ފަސޭހައެއް ނޫނެވެ. ޓުއާގައިޑަކު ނުވަތަ ޓުއާ އޮޕަރޭޓަރަކު ފަތުރުވެރިންނަށް ޚިދުމަތްދޭން ދިވެހިބަސް ފަސޭހަ ހެއްޔެވެ؟

ކިޔަވައިދޭ ކޮންމެ ޓީޗަރެއްގެ އަތުގައި ހަަމައެކަނި ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް، މާސްޓާސް ޑިގްރީއެއް އޮތުމަކުން ނުފުދެއެވެ. އެއަށްވުރެ މުހިންމީ މައުލޫމާތު ދެވޭ (ދިވެހިބަސް ނުވަތަ އިނގިރޭސި) ބަހުގެ ފެންވަރު ރަނގަޅުވުމެވެ. އެހެނީ ޓީޗަތުންގެ އަސާސީ ބޭނުމަކީ ދަރިވަރުންނަށް ފަހުމުވާނެ ގޮތަށް ފަށުވި ބަސްތަކަކުން ފިލާވަޅުތައް ހުށަހެޅުމާއި ސާފުކޮށްދިނުމެވެ. އެގޮތުން ދިވެހިބަސް ވިޔަސް އަދި އިނގިރޭސި ބަސް ވިޔަސް، އެބަހުގެ ފެންވަރު ރަނގަޅުވުމަކީ އުގަންނައިދިނުމުގައި ގިނަގުނަ ފައިދާ ތަކެއް ކުރާނެކަން ދޭހަވާ ހެއްކަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ޓީޗަރުކަމުގެ ތަމްރީނަށް ނުވަތަ ވަޒީފާއަށް ދެވެން އޮންނަ ބަހުގެ މަތީ ޝަރުތެވެ.

ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންނަށް އިނގިރޭސި އަދި ދިވެހިބަސް ރަނގަޅަށް އެނގެނީ ކިހާ މިންވަރަކަށްތޯ ބަލަން މިހާތަނަށް ދިރާސާއެއް ހަދާފައިވާކަން އެނގޭކަށް ނެތެވެ. ނުރަސްމީ ގޮތުން އެއްކުރެވިފައިވާ ބައެއް މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ 70 ޕަސަންޓާ ގާތަށް ތިބީ އިނގިރޭސި މާއްދާއިން އެކަށީގެންވާ ފާހެއް ނެތް ޓީޗަރުން ކަމަށް ‘މިހާރު ނޫހުގައި’ ދިރާސީ ލިޔުންތައް ލިޔުއްވި ހަސަން މުހަންމަދު ހާމަކުރައްވާފައި ވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ ފެންވަރު ދަށް ވެގެންދާނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. ދެން އޮތީ ދިވެހި ބަސް އެނގޭ މިންވަރު ގެ ވާހަކައެވެ. އެޙާލަތު އަދި މާދަށް ކަމަށ ްގިނަ ބަޔަކު ބުނެއެެވެ. ވީމާ އެވާހަކަ ނުދައްކާނަމެވެ.

“އިނގިރޭސި މާއްދާއެއް ނުވަތަ ދިވެހި މާއްދާއެއް އަދި އެހެން މާއްދާއެއް ނަމަވެސް ދަރިވަރުންނަށް އޮޅުންފިލާ ވަރަށް ފިލާވަޅު ބުނެދެވޭނީ ޓީޗަރުންނަށް ވެސް ރަނގަޅަށް ބަސް އެނގި ދެހަވެގެންނެވެ. އަދި އެބަހަކުން ފަރިތަކަމާ އެކު މުއާމަލާތުކުރަން އެނގިގެންނެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ވެސް އެއްޗެއް ރަނގަޅަށް މޭރުންވާނީ އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ފަރިތަވެފައިވާ މިންވަރަކުންނެވެ. ދަރިވަރުން ދެ ބަހަށް ދޫ ފަސޭހަވުމުން އެކަކު އަނެކަކާ މުއާމަލާތް ކުރަން ވެސް ނުހަނު ފަސޭހަވެ އެވެ. ޓެސްޓު ޕޭޕަރަށް ޖަވާބުދޭން ނަގާ ވަގުތު އަވަސް ކުރެވެއެވެ. ކަން މިހެން އޮތުމުން އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ވެސް ސަމާލުކަން ދީގެން ދެ ބަހަށް މޮޅުވުމަށްޓަކައި މަސައްކަތްކުރަން ޖެހެ އެވެ.” ހަސަން މުޙަންމަދު ލިޔުއްވާފައި ވެއެވެ.

ބަވަނަ ވެފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެނަށް ބޮޑަށް ފައިދާ ކުރާނީ ކޮން ބަހަކަށް އިސްކަން ދީގެންހެއްޔެވެ؟ 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !