A wide advertisement which will be shown on all devices. (700 x 100)

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސް- އޮކްޓޯބަރު

އުރަމަތީގެ ކެންސަރު - ބްރެސްޓް ކެންސަރަށް ސަމާލުވެ ދެނެގަންނަން ޖެހޭ.

އުރަމަތީގެ ކެންސަރަކީ ދިވެހި ރާއްޖޭގައި ވެސް ނިސްބަތުން ގިނައިން ފެންނަމުންދާ ބައްޔެކެވެ. ރާއްޖެގެ އަންހެނުންނަށް ޖެހޭ ކަންސަރު ބަލީގެ ވައްތަރުތަކުން އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސްރު (ނުވަތަ ބްރެސް ކަންސަރު) އެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފާހަގަ ކުރެވިގެން މުޅި ދުނެިޔެއެކޭ އެއްޮގޮތަށް ދިވެހި ރާއްޖޭގައިވެސް އަންނަނީ ޕިންކް ރިބަން ނުވަތަ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކެންސަރު ބައްޔަކީ ފަރުވާއެއް އަދި ހޯދިފައިނުވާ ބައްޔަކަށް ވިޔަސް ކެންސަރު ބަލިން ސަލާމަތްވާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ގިނަފަހަރާ އެއީ ބަލީގެ ކުރީކޮޅު ބަލި އެނގި، ފަރުވާ ހޯދިއްޖެނަމަ ފަހިވެގެންދާ ބަލިން ސަލާމަތް ވުމުގެ ފުރުސަތެކެވެ.

މި ރިޕޯޓު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ފުވަައްމުލައް ސިޓީގައި ބާއްވާ ހިގާލުން- 15 އޮޮކްޓޯބަރު 2022

އުރަމަތީގެ (ބްރެސްޓް) ކެންސަރަކީ ކޮބާ؟

އުރަމަތީގެ ކެެންސަރު ޖެހެން މެދުވެރިވަނީ އުރަަމަތީގެ ސެލްތައް ކޮންޓްރޯލް ނުކުރެވޭ ވަރަށް އުފެދި، ގިނަވެ ބޮޑުވާން ފެށުމުންނެވެ. ކެންސަރު ސެލްތައް އުފެދިގެން އަންނަނީ އުރަމަތީގެ ޓީޝޫތަކާއި ސެލްތަކުންނެވެ. ސެލްތައް އުފެދުމުގައި އަސްލު ޖީންތައް ބަދަލުވެގެން (މިއުޓޭޓް ވެގެން) ކޮންޓްރޯލް ނުކުރެވޭ ވަރަށް ގިނައިން ޓިޝޫ އުފައްދާން ފެށުމުންނެވެ. އެގޮތުން އުފެދޭ ޓިޝޫ ގިނަވެ އެކުވެފައި ވުމުން ޓިއުމަރަކަށް ބަދަލުވެއެވެ.

އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ކެންސަރުގެ ވައްތަރު ބިނާވެގެންދަނީ ކެންސަރު ސެލް ފުރަތަމަ އުފެދިގެންދާ އުރަމަތީ ބައިތަކަށް ބިނާކޮށްގެނެވެ.

އުރަމަތީގެ އެކި ހިސާބުތަކުން ވެސް އުރަމަތީ ކެންސަރު ޖެހެން ފެށިގެން ދެއެވެ. އުރަމަތި އުފެދިފައި ވަނީ މައިގަނޑު ތިންބައެއްގެ ބައިތަކުގެ މައްޗަށެވެ. އެއީ:

ލޮބިއުލްސް

ޑަކްޓްސް ނުވަތަ ހޮޅިތައް އަދި

ޓީޝޫތަކެއް ގެ މައްޗަށެވެ.

ލޮބިއުލްސް އަކީ ކިރު އުފައްދާ ޖާގަ (ގްލޭންޑްސް) އެވެ. ހޮޅިތައް ނުވަތަ ޑަކްޓްސް އަކީ ކިރު އުރަމަތީގެ ވައްގަނޑާއި (ނިޕުލް- ކޮޅު) ހަމަޔަށް ގެންގޮސްދޭ ބައެވެ. އުރަމަތީގެ ބޮޑުބައިގައި ހިމެނޭ ޓީޝޫތަކަކީ މުޅި އުރަމަތި އެއްކޮށް އެއިގެ ސިފާގައި ހިފަހައްޓައިދޭ ބައިތަކެވެ. މިބައިގައި ލާނބު (ފައިބަރަސް) ތަކާއި ހިމަ ނާރުތައް އަދި ފެޓްސްގެ ބައިތައް ހިމެނެއެވެ.

އެންމެ އާއްމުގޮތެއްގައި އުރަމަތީގެ ކެންސަރު ފެށިގެން އަންނަނީ ލޮބިއުލްސް ނޫނީ ހޮޅި (ޑަކްޓްސް)ގެ ތެެރެއިންނެވެ. އުރަމަތީގެ ކެންސަރު މުޅި ހަށިގަނޑަށް ފެތުރިގެން ދަނީ ލޭ ހޮޅިތަކުންނާއި ހަށިގަނޑުގެ ދިފާއީ-ދިޔަތައް މެދުވެރިވެގެންނެވެ. އެގޮތަށް ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކެންސަރުގެ ޖެހުމުން ކިޔަނީ ‘މެޓާސްޓޭސައިޒްޑް’ އެވެ.

އުރަމަތީގެ ކެންސަރުގެ ވައްތަރުތައް

އެންމެ އާއްމުކޮށް ފެންނަ އުރަމަތީގެ ކެންސަރުގެ ދެ ބާވަތަކީ:

އިންވޭސިވް ޑަކްޓަލް ކާސިނޯމާ: މިއީ އުރަމަތީގެ ހޮޅިތަކުގެ އެތެރޭގައި ސެލްތައް ކޮންޓްރޯލް ނުކުރެވެ ވަރަށް އުފެދެން ފަށައި ހޮޅީގެ ބޭރަށް އަދި އުރަމަތީގެ އެހެން ބައިތަކަށް ފެތުރިގެންދާ ކެންސަރު ސެލެތަކެވެ. މިގޮތުން އުފެދޭ ކެންސަރު ސެލްތައް ފެތުރިގެންދާއިރު އުރަމަތީގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ފެތުރިގެން ދެއެވެ.

އިންވޭސިވް ލޮބިއުލާ ކާސިނޯމާ: މިއީ އުރަމަތީގެ ލޮބިއުލްސްތަކުގައި ސެލްތައް ކޮންޓްރޯލް ނުކުރެވެ ވަރަށް އުފެދެން ފަށައި އަދި އުރަމަތީގެ އެހެން ބައިތަކަށް ފެތުރިގެންދާ ކެންސަރު ސެލެތަކެވެ. މިގޮތުން އުފެދޭ ކެންސަރު ސެލްތައް އުރަމަތީގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ފެތުރިގެން ދެއެވެ.

މީގެ އިތުރުން ވެސް ކެންސަރުގެ އެތައް ވައްތަރެއް ހުރެއެވެ. އެގޮތުން ޕެގެޓްސް ޑިޒީސް، މެޑުއްލަރީ، މިއުސިނަސް، ޓްރިޕްލް ނެގަޓިވް ބްރެސްޓް ކެންސާ (TNBC) އާއި އިންފްލެމޭޓަރީ ބްރެސްޓް ކެންސަރު (ދިފާއި ނިޒާމަށް ޖެހޭ ކެންސަރު) ހިމެނެއެވެ.

ޑަކްޓަލް ކާސިނޯމާ އިން ސިޓޫ (DCIS) އަކީ އުރަަމައްޗަށް ޖެހޭ ބައްޔެކެވެ. އެބަލީގެ ސަބަބުން އުރަމަތީގެ ކެންސަރަށް ވާސިލުވާން ފުރުސަތު ހުޅުވިގެންދެއެވެ. އެގޮތުން ޖެހެ ކެންސަރުގެ ސެލްތައް ހުންނަނީ ހަމައެކަނި އުރަމަތީގެ ހޮޅީގައެވެ. އެ ކެންސަރު ސެލްތައް އުރަމަތީގެ އެހެން ބައިތަކަށް ނުޖެހެއެވެ. ޑަކްޓަލް ކާސިނޯމާ އިން ސިޓޫ އަކީ ކެންސަރުގެ ސްޓޭޖް 0 އެވެ.

އުރަމަތީގެ ކެންސަރަކީ ހަމަ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އުރަމަތީގެ ކެންސަރު 5 ސްޓޭޖަކަށް މާހިރުން ބަހާފައި ވެއެވެ. އެއީ 0 އިން 4 އަށެވެ. 0 އެއީ އެންމެ ދަށް ސްޓޭޖެވެ.

ފާއިތުވި 2020 ވަނަ އަހަރު އެކި ގައުމުތަކުގައި 2.3 މިލިޔަން މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި 6 ލައްކަ 85 ހާސް މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއީން ހާމަކުރެއެވެ. 2020 އައި ހަމަޔަށް، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އުރަަމަތީގެ ކެންސަރު ޖެހުނު މީހުންގެ އަދަދު 7.8 މިލިޔަނަށް އަރާކަމަށް ވެސް ޑަބްލިޔުއެޗްއޯއީން ހާމަކުރެއެވެ.

ދިވެހިރައްޖޭގެ ކެންސަރުގެ ހާލަތު 2020

ރާއްޖޭގައި އުރަމަތީ ކެންސަރު ބަލީގެ 421 މީހުން 2018 ގެ ނިޔަލަށް ރެކޯޑުކުރެިވފައި ވެއެވެ. އަދި އެބަލީގައި 227 މީހަކު މަރުވެފައި ވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި އެންމެ ގިނައިން ޖެހޭ ކަމަށް 2018 ވަނަ އަހަރު ދައްކާފައިވަނީ އުރަމަތީގެ ކެންސަރެވެ. އެއީ %17.3 އެވެ. އަދި %11.9 މީހުން އެބަލީގައި މަރުވެފައި ވެއެވެ. ނަމަވެސް ކެންސަރު ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފުއްޕާމޭގެ ކެންސަރުގައި ކަމަށް ވެއެވެ. އެއީ %15.4 އެވެ.

ރާއްޖޭގެ އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރުތަކަށް ބަލާއިރު އެންމެ ގިނައިން ފެންނަމުން ދަނީ އުރަމަތީގެ ކެންސަރު ކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ސާބިތުވެއެވެ.

ކެންސަރު ބަލީގެ ފަރުވާ

ކެންސަރަށް ދެވޭ ފަރުވާތަކުގެ ތެރޭގައި ބަލީގެ އަސަރު ހުންނަ ގުނަވަނެއް ސާޖަރީއެއް ހަދައި ހަށިގަނޑުން ވަކިކުރުމާއި، ރޭޑިއޭޝަން ދިނުމާއި، ކީމޯތެރަޕީ ދިނުމާއި، އިމިއުނޯ ތެރަޕީ ދިނުމާއި، ހޯމޯން ތެރަޕީ އަދި ޖީން ތެރަޕީ ވެސް ހިމެނެއެވެ.މިއީ ރާއްޖޭއިން ވެސް ފެންނަ ބައްޔެކެވެ. މިބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަމާޒަކީ 2050 ވަނަ އަހަރުން ފެށިގެން މިބަލި ޖެހޭ އެންމެނަށް ވެސް ޝިފާ ދެވި ރަނގަޅު ކުުރުމެވެ.

އައިޖީއެމްއެޗްގެ ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ ހާމަކުރެވި ގޮތުގައި އެންމެ މުހިންމީ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުން ނުވަތަ ޓެސްޓް ކުރުމެވެ. ޚާއްސަކޮށް އާއިލީ މީހެއްގެ ފަރާތުން ކެންސަރު ބަލި ފެނިފަިއވާ ނަމަ މިކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ބަލީގެ ކުރީކޮޅުގައި ކެންސަރު ހުރިކަން އެނގިއްޖެނަމަ އެބަލީން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެއެވެ.

އުރަމަތީގެ ކެންސަރު- ޕިންކް ރިބަން ނިޝާން

ޕިންކް ރިބަން ނިޝާނަކީ އުރަމަތީގެ ކެންސަރަށް ބޭނުންކުރާ ކޯޑް ނަމެވެ. އެއީ މިދުވަސް ފާހަގަ ކުރުމަށް ބައިނަލް އަގުވާމީގޮތުން ބޭނުންކުރާ ނިޝާނަކީ ޕިންކް ރިބަން އަށް ވާތީއެވެ. އަދި ބައެއް މީހުން މިދުވަހުގެ ހަރަކާތްތަކުގައި ޕިންކް ހެދުން އަޅައި އުޅެއެވެ.

ބްރެސްޓް ކެންސަރ – ޕިންކް ރިބަން ނިޝާން

ޕިންކް ރިބަންގެ ޚާއްސަ ނިޝާން އެންމެ ފުރަތަމަ ބޭނުންކުރީ 1991 ވަނަ އަހަރު،  ޗާލޮޓް ކިޔާ އެމެރިކާގެ ކެލިފޯނިއާގެ އަންހެނަކު އޭނާގެ ގޭގެ ކާކޮޓަރީގައެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންކުރި ނިޝާނުގައި ހުރީ ޕިންކް ކުލައެއް ނޫނެވެ. ޕީޗް ކުލައެވެ. ނަމަވެސް ފަހުން، މަޝްހޫރު އަންހެންނުގެ މަޖައްލާއެއްގެ އެޑިޓަރ އާއި ކޮސްމެޓިކް ކުންފުންޏެއްގެ ވައިސް ޕްރެޒިޑެންޓް އާއި ގުޅިގެން މިނިޝާން ޕިންކު ކުލައިން ބޭނުން ކުރަން ފެށުމާއެކު މިނިޝާން ވައިގައި ހިފާ މުޅި ދުނިޔޭގެ ސަމާލުކަމަށް އައީއެވެ. މިހާރު އެއީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ ބްރެސްޓް ކެންސަރ ނިޝާނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !