މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހަކީ މަލާބާރީން ނުވަތަ ހޮޅިންގެ އަތްދޮށުން ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ހުރަވީ ދުވަސް ފާހަގަ ކުރަނީ ހިޖުރީ ކަލަންޑަރަށް ބަލައިގެން، 3 ޖުމާދުލް އާޚިރާ ގައެވެ.
ދޮންބަންޑާރައިންނަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އޭނާއަކީ ހުރާގެ ދަރިކޮޅުން ރާއްޖޭގެ ރަސްކަން ފެއްޓެވި ރަސްގެފާނެއެވެ. ރަސްކަމަށް ވަޑައިގަތުމަށްފަހު ނަންފުޅަކީ އަލްޣާޒީ ހަސަން އިއްޒުއްދީން ހުރަވީ، ދޮންބަންޑާރައިން ނެވެ.
ދޮންބަންޑާރައިން ހޮޅިންނާއި ހަނގުރާމަކުރައްވައި ދިވެހިރާއްޖޭ މިނިވަން ކުރެއްވީ 1753 އޭޕްރީލް 3 ގައެވެ. އެދުވަސްވަރު ރާއްޖެގައި ތާރީޚު ބަލައި އުޅުނީ ހިޖުރީ ގޮތުން ކަމަށް ވުމާއެކު، ހިޖުރީ ގޮތުން އެދުވަހަކީ 3 ޖުމާދުލް އާޚިރާ 1143ހ.އެވެ.

ދޮންބަންޑާރައިންގެ ވާހަކަ
ހުރަވީ ދުވަސް
ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ 3 ޖުމާދުލް އާޚިރާ އަކީ، މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން، މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެވި ދުވަހެ އެވެ. މިދުވަހަށް ހުރަވީ ދުވަހޭ ކިޔެނީ ދޮންބަންޑާރައިން ނިސްބަތް ވަނީ ހުރާ ދަރިކޮޅަށް ކަމަށް ވާތީ އެވެ. ހުރަވީ ދުވަހަށް ހިޖުރީ ގޮތުން މިރެއަށް 278 އަހަރު ފުރުނީއެވެ.
މަލަބާރުން (ހޮޅިން) ރާއްޖެ ހިފުން
އިންޑިއާގެ މަލަބާރުން (ހޮޅިން) ދިވެހި ރާއްޖެ ހިފީ 1166 ވަނަ އަހަރުއެވެ. އެމީހުންގެ ބާރުވެރިކަމުގައި ރާއްޖެ 3 މަހާއި 20 ދުވަހު އޮތްކަމަށް ތާރީޚީ ފޮތްތަކުގައި ވެއެވެ.
ހޮޅިންގެ އަތްދަށަށް ރާއްޖެ ދިއުމަށް މެދުވެރިވީ ރާއްޖޭގެ ވެރިކަން ހޯދުމަށް ބޮޑުންގެ ތެރޭގައި އުފެދުނު ދެކޮޅުވެރިކަމެއްގެ ތެރެއިން ނެވެ. އެގޮތުން ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމަށްވާ ގާޟީ މުހައްމަދު ޝަމްސުއްދީނާއި، އަހުމަދު މުހުޔިއްދިނުް ޚަތީބު މަނިކުފާނު ގުޅިގެން ވެރިކަމަށް އައުމުގެ ބޭނުުމުގައި އިންޑިއާގެ ކަންނަންނޫރު އަލީ ރާޖާގެ އެހީތެރިކަމާއެކު ރާއްޖެއަށް ހޮޅިން ގެނުވީއެވެ.
ހޮޅިން ރާއްޖެ އަރަައި އޭރު ރަސްކަމުގައި ހުންނެވި ރަދުން، މުކައްރަމު މުހައްމަދު އިމާދުއްދީނު ރަސްކަމުގެ ދަރުބާރުން ނެރުއްވައި، ގަނޑުވަރާއި ކައިރީގައި ވާތަންތަނުގައި ހުޅުޖަހައި އަންދާލީއެވެ. އެގޮތުން 3 ގަނޑުވަރާއި 3 މިސްކިތަކާއި 63 ގެއެއް އަނދައިގެން ދިޔަކަމަށް ތާރީޚީ ލިޔުންތަކުގައި ވެއެވެ. އެއާއެކު ރަސްގެފާނާއި ވަލީއަހުދު އަދި ބައެއް ވަޒީރުން އިންޑިއާގެ ކޮއްޗޭ (ކޮޗިންއަށް) އަށް ގެންދިޔައީ ކަމަށްވެއެވެ.
ހޮޅިންގެ ބާރުގެ ދަށަށް ރާއްޖެ އައުމުން މާގިނަ ދުވަހެއްނުވެ އެމީހުން ރާއްޖެ ގެނައި ދެމީހުން ކަމަށްވާ ގާޟީ މުހައްމަދު ޝަމްސުއްދީނާއި، އަހުމަދު މުހުޔިއްދީނު ޚަތީބު އާއި ދެ މީހުން ކަނޑުފައިތައި މަރާލީ ކަމަށް ވެއެވެ.
މަލަބާރުންގެ ބާރުގެ ދަށުގައި ރާއްޖެ އޮވެ، އެމީހުންގެ އަނޔާވެރިކަމާއި އުދަގޫތައް ބޮޑުވަމުން ދިއުމުން އާއްމުން ދިޔައީ އެކަމާއި ދެކޮޅަށް ނުކުންނާނެ މީހަކަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުގައި ތިއްބާ މުލީގޭ ދޮން ހަސަން މަނިކުފާނު އެކަމަށް ނުކުތުމުން 200 އެއްހާ މީހުން އެމަނިކުފާނާއި އެއްބައިވިއެވެ.
ވެޔޮދޮށު ގަނޑުވަރު
މަލަބާރުން ވެރިކަން ކުރަމުން އައީ މާލޭގެ ވެޔޮދޮށު ގަނޑުވަރުގައެވެ. ދޮންހަސަން މަނިކުފާނާއި އެކު ތިބި 200 އެއްހާ މީހުން ނިންމީ ރޭގަނޑުގެ ފަތިސް ވަގުތުގައި ކުއްލިއަކަށް ވެޔޮދޮށު ގަނޑުވަރަށް ވަދެ ހަމަލާ ދީ ހޮޅިން ބަލިކުރުމަށެވެ. އެގޮތުން ހޮޅިން ނިދާ ގަޑިކަމަށްވާ ފަތިސް ނަމާދުގެ ކުރިން ގޮވާ މުނާޖާގެ ވަގުތު 3 ޖަހާއިރަށް އަވަސް ކުރުވައި، ގަނޑުވަރުގެ ދޮރުވާނު ލައްވައި ދޮރޯށި ހުޅުވައިގެން ވަދެ ކުއްލިއަކަށް ހަމަލަދީ ހޮޅިން ބަލި ކުރީއެވެ.
ދޮންހަސަން މަނިކުފާނު ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުމުން، ރައްޔިތުން އެދުނީ ރާއްޖޭގެ ރަސްކަމަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމަނިކުފާނު ޖަވާބުދެއްވީ ހޮޅިން ގެންދެވި ރަސްގެފާނު، މުކައްރަމު މުހައްމަދު އިމާދުއްދީން ދުނިޔޭގައި ހުންނެވިކަމާއި އެއީ ރާއްޖޭގެ ރަސްގެފާނު ކަމަށެވެ. ނަމަވެސް އެރަސްގެފާނުގެ ނަންމަތީގައި ރާއްޖޭގެ ރަސްކަން ކުރައްވަމުން ގެންދެވީ ދޮން ބަންޑާރައިންނެވެ.
ރަސްކަމަށް އިސްވެ ވަޑައިނުގެން މުކައްރަމު މުހައްމަދު އިމާދުއްދީންގެ އިންތިޒާރުގައި ގިނަ ދުވަސްތަކެއް (3 އަހަރަށް ވުރެ ގިނަ ދުވަސް) ވުމަށް ފަހު ދޮންބަންޑަރައިން ރަސްކަމަށް އިސްވެ ވަޑައިގަތީ 1756 ޑިސެމްބަރު 6 ގައެވެ. ރަދުންނާއި ވަލީއަހުދު ސަލާމަތް ކުރެއްވުމަށް ދެ ފަހަރެއްގެ މަތިން ދޮން ބަނޑާރައިންގެ ވަފުދު ކަންނަންނޫރަށް ފޮނުވައިގެން ވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ކުރީގެ ރަދުން މުކައްރަމު މުހައްމަދު އިމާދުއްދީން އަވަހާރަވީ 1767، ފެބްރުއަރީ 1 ގައި އިންޑިއާގެ މަލިކުގައެވެ.

ދޮންބަންޑާރައިންގެ ވާހަކަ
ފަރަންސޭސި ސިފައިން ރާއްޖެ ގެނައުން
ހޮޅިންނަށް ދެވުނު ކުއްލި ހަމަލާގައި އެމީހުން ބަލިކޮށް ރާއްޖެއިން ފައްސާލެވުނު ކަމުގައި ވިޔަސް އެމީހުން އަލުން ރާއްޖެ ހިފުމަށް 3 ފަހަރެއްގެ މަތިން، 1753، 1755 އަދި 1761ގައި ވެސް ކުރި މަސައްކަތް ނާކާމިޔާބުވީއެވެ.
އެއާއެކު އެމީހުންގެ އުނދަގުލުން ސަލާމަތް ވުމަށް ދޮންބަންޑަރައިން ރާއްޖެއަށް ފަރަންސޭސި ސިފައިން ގެނައެވެ. އެއީ އެމީހުންގެ ހުރިހާ ޚަރަދެއް ދިވެހި ދައުލަތުން ބަލަހައްޓާގޮތަށް 4 އަހަރު ދުވަހުގެ މުއްދަތަކަވެ. ނަމަވެސް އެމީހުން ރާއްޖޭގައި ތިބުމުގެ ތެރޭގައި ހިނގި ހާދިސާއެއް ހަމަޖެއްސުމަށް އެތަނަށް ވަޑައިގަތް ހަސަން ރަންނަބަނޑޭރި މަނިކުފާނުގެ ގަޔަށް ފަރަންސޭސި ސިފައިންގެ މީހަކު ބަޑިޖަހައި (ފިސްތޯލަ) މަރާލުމުން އެމީހުންއަނބުރާ ފޮނުވާލެއްވީ މުސާރަ ދިނުމަށްފަހުއެވެ.

ހުރަވީދުވަހުގެ ހަނދާން – ބޮޑު ލާރި – ރާއްޖެގެ އޭރުގެ ސިއްކަ
ދޮންބަންޑާރައިންގެ ޚިދުމަތްތަކުގެ ތެރޭގައި
ދޮންބަންޑާރައިންގެ ޚިދުމަތްތަކުގެ ތެރޭގައި އަލުން ވެރިކަމުގެ ގަނޑުވަރު ބިނާކުރެއްވުމާއި، ވެރިކަން ވެޔޮދޮށު ގަނދުވަރުން އަލަށް ބިނާކުރެވުނު ރަސްކަމުގެ ގަނޑުވަރަށް ބަދަލުކުރެއްވުން ހިމެނެއެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ފަތްތޫރަތައް މުޅިރާއްޖެއަށް ފޯރުކޮށް ދެއްވެވިއެވެ.
މިސްކިތްތައް ބެލެހެއްޓޭނެ ގޮތް ހަމަޖައްސަވައި އެތަންތަނުގެ ފޮތްކޮޅުތައް އައު ކުރެއްވިއެވެ.
ދައުލަތް ހިންގަންވީ ގޮތުގެ އިންތިޒާމުތައް ހަމަޖައްސަވައި ރާއްޖެއިން ބޭރާއި ގުޅޭ ކަންކަން ކުރައްވާނޭ ގޮތް ވެސް އިންތިޒާމު ކުރެއްވިއެވެ.
ރާއްޖޭގެ އައު ސިއްކައިގެ ގޮތުގައި ލާރި އާއި ބޮޑުލާރި 1959 އަދި 1763 ގައި ނެރުއްވިއެވެ.
މައުލޫމާތު: މުހައްމަދު ޝާތިރު 2022
ދިވެހިރާއްޖޭގެ ވާހަކަ
5
4
3
2
1
ވަރައް ބެނުން ތެރި ޕުރިހަމަ މައުލުމލއް