މި އަހަރު ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި

ހުޅަނގު މޫސުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަނީ 2023
Share on facebook
Share on twitter
Share on google

މިއަހަރު ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި(ހުޅަންމަހަ) އަރަން ފަށައިފިއެވެ.

މިއަދު ފުޅަނގި އަރާފައިފައި ވަނީ ނެރަގަނޑާއި (ދަޑިމަގު ނެރެ، އާރު ސަރަހައްދުން އުތުރަށް) މެދުފަންނާއި ދެމެދުގެ ހިސާބުތަކަށް ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުޅަނގި ނެގުމުގައި ބަލަނީ ވީހާވެސް ގިނައަކުން ނެގޭތޯއެވެ. ނަގާ ފުޅަނގިތައް އިލޮއްޓަކުން ފާނޗެއް (ފާނތި) ހަދާފައި އަމުނަމުން ދެއެއެވެ.

ހުޅަނގު މޫސުމުގައި ފުވައްމުލަކު ހުޅަނގު ފަރާތަށް ފުޅަނގި އެރުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެގޮތުން އަރާ ފުޅަނގި ނަގަން ނުވަތަ ހިފަން ދިއުމަކީ ފުވައްމުލަކުގެ ގިނަ ބަޔަކު، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިން ވެސް ވަރަށް ފޯރި ހުންނަ ކަމެކެވެ.

ހުޅަނގު މޫސުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަނީ 2023- ފުޅަނގި ނަގަން ގޮސް މީހުން ފޯރީގައި

ބައެއް މީހުން ބުނެފައިވާ ގޮތުގައ މިއަދު ހެނދުނު ވެސް އައިނުއައިނަށް ފުޅަނގިތައް އުދުހިގެން ފަރު ހުރަސްކޮށް ރަށާއި ދިމާލަށް އައެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ފުޅަނގެއް ނާރައެވެ. ނަމަވެސް ފުވައްމުލަކައް ފުޅަނގި އެރުމަކީ ކޮންމެ އަހަރަކު ހުޅަނގު މޫސުން އައުން ފަދަ ކަމެކެވެ.

ފުވައްމުލަކަށް ގިނައިން ފުޅަނގި އަރަނީ ކީއްވެ؟ 

ފުވައްމުލަކު އެއްގަމަށް ފުޅަނގި އަރަން މެދުވެރިވާ ކަމަށް ބެލެވެނީ މާކަނޑާއި ގާތުގައި ރަށް އޮތުމާއި ފަޅެއް ނެތި ކުޑަ ފަރެއް އޮތުމުގެ ސަބަބުންނެވެ.

ހުޅަނގު މޫސުމާއެކު ކަނޑުގައި އޮއި ބަދަލުވެ ކަންނެލި ފަދަ ބޮޑެތި މަސްތައް ކުދި މަސައްތައް- ފުޅަނގި ކާން ވެގެން ތިލަވާން ފެށުން ފުޅަނގިތައް ސަލާމަތްކަން ހޯދަންވެގެން ފެނުން މައްޗަށް އުދުހިގަންނަނީއެވެ. އުދުއި ފެނުން މައްޗަށް އަރާތަނުން ހޯރަތައް ފުޅަނގި ކާލަން އެދިމާލަށް ތިރިކުރެއެވެ. އެއާއެކު ފުޅަގިތަކަށް ޖެހެނީ ވައިގެ ވީހާ ތިރިން ކަނޑުގެ މަތިން، ފިޔައިގައި ވައި އަޅުވައި ވައިހުރި މިސްރާބަކަށް އުދުހޭށެވެ. އިސާހިތަކު ފުޅަނގަށް ދެވެނީ ރަށުގެ އެއްގަމަށް ނުވަތަ ގޮނުދޮށަށެވެ. ނުވަތަ ފަރު މައްޗަށެވެ. ފަރުމަތިން ވެމާއި ބޮޑެތި އެހެނިހެން މައްސަތަކުން ސަލާމަތްވާން ތިލަ ތަނަށް (އެއްގަމާއި ދިމާލަށް) ދާން ޖެހެއެވެ. އެއާއެކު ފުޅަނގި ނަގަން އައިސް ތިބޭ މީހުންނާއި ކުދިން ފުޅަގި ހިފައެވެ. ނުވަތަ ނަގަނީ އެވެ.

ފުޅަނގި ރަށަށް އަރަނީ މައިގަނޑު ދެ ގޮތަކަށް ކަމަށް ވެއެވެ. އެއްގޮތަކީ ކަނޑުން ނުވަތަ ފަރުމަތިން ސީދާ އުދުހޭ ގޮތަށް ގޮސް ރަށުގެ އެއަގަމަށް ނުވަތަ ދޮންވެލިގަނޑު މައްޗަށް ޖެއްސުމެވެ. އަނެއް ގޮތަކީ މާކަނޑުން އެއްބަޔަށް، ފަރުމައްޗަށް އުދުހުފައި އައިއިސް ފަރުމަތިން ކަނޑުން ދުވެފައި ގޮޑުދޮށަށް ގޮސް ބީއްސާލުމެވެ.

ޅަނގު މޫސުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަނީ 2023- ފުޅަނގި ނަގަން ގޮސް މީހުން ފޯރީގައި

ގިނައިން ފުޅަނގި އަރާ ދުވަސްވަރު އެ ދިމާލަށް މާކަނޑުން ކަންނެލި ފުމޭތަން ވެސް ފެނެެއެވެ. އަދި ބޮޑެތި އައިން އައިނަށް އުދަރެސް ކަޅުކޮށްލާފައި ފުޅަގިތައް ބައިބަޔަށް އުދުހި އެއްގަމައި ދިމާލަށް އަންނަ މަންޒަރު އެއްގަމުގައި ތިބޭ މީހުންނަށް ސާފުކޮށް ފެނެއެވެ.

މިފާދަ ހާލަތްތަކުގެ ފޯރީގައި ފުވައްމުލަކު މީހުން ކިޔައި އުޅެނީ “ބޯއް ކަންނާލާ…ނަގައި ހާލި، ނަގައި ހާލި” މިހެންނެވެ.

ފުޅަނގަށް މިދިމާވާ ހާލަތަށް ނިސްބަތް ކޮށް ފުވައްމުލަކު މީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. އެއީ “ހުޅަންމަހަށް ވި ރައްކަލެއް ވެސް ނުވިތާ” މިބަހުން ދޭހަކޮށްދެނީ މީހަކު ބޭނުންނުވާ ކަމަކުން އެއްވެސް ގޮތަކުން ސަލާމަތްކަމެއް ނުލިބޭ ހާލަތްތުގެ ވާހަކައެވެ.

ފުޅަނގި ނަގަން ދިއުމަކީ ފުވައްމުލައް ސިޓީގައި މަޖާ، އުފާވެރި ކަމެކެވެ. ފުވައްމުލަކު ބަހުން ފުޅަނގި ނަގަން ދިއުމަށް ކިޔައި އުޅެނީ “ހުޅަންމަހަ ދިޔަރޭ ހާ ގެއުން” ނުވަތަ “ހުޅަންމަހަ ނަގަންނަ ގެއުން” އެވެ. މީގެ ތެރެއިން ކުރީގައި ބުނި ގޮތަށް ގިނައިން ބޭނުންކޮށް އުޅެނީ ތަންކޮޅެއް އުމުރުން ދުވަސްވީ މީހުންނެވެ. ޒުވާނުން ބޮޑަށް ބޭނުންކުރަނީ ފަހުން ބުނި ގޮތެވެ.

5.0/5.0 Article rating
5 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
trackback
މި އަހަރު ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި – ދިވެހި ނޫސް
22 days ago

[…] Content retrieved from: https://mikalnews.com/report/22119/. […]