A wide advertisement which will be shown on all devices. (700 x 100)

ފްލެޓް ރޭޓު ކަނޑައެޅުމުން ފައިދާވާނީ މުއްސަދިންނަށް

ކަރަންޓް ބިލު މިހާރު ހަދާގޮތުގެ ބަދަލުގައި އެއްހަމައަކުން އަގު (ފްލެޓް ރޭޓް) ނަގާގޮތަށް ބަދަލުކުރުމުގެ މަޝްވަރާ މިހާރުކުރިއަށްދާކަމަށް މީޑިއާޔަކުގެ ފަލަ ސުރުޚީއަށް ވަނީ އަރާފައެވެ. ކަރަންޓް ބިލަށް މިގޮތަށް އަގުނަގަން ފެށުމާއިއެކު ކަރަންޓަށް ބިލު 30-50 އިންސައްތައާއި ދެމެދު އަދަދަކަށް ކުޑަވެގެން ދާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުވެސް ވަނީ ބުނެފައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އިތުރަށް ވިދާޅުވެފައިވަނީ ސްޓެލްކޯ އިން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު އަގަކާއިމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، މިފަދަ ގޮތަކަށް އަގު ބަދަލުކޮށްފިނަމަ އަންނާނެ ބަދަލު ވަޒަންކޮށް ދިރާސާކުރުމަކީ މުހިންުމުކަމެކެވެ. އެހެންކަމުން، މިރިޕޯޓް ޚާއްސަކުރަނީ މިބަދަލު ވަޒަންކޮށް ދިރާސާކުރުމަށެވެ..

 މިވަޒަންކުރުމުގައި ބޭނުންކޮށްފައި ވާނީ އަގުގެ ދެ މިންގަނޑަކާއި ކަރަންޓް ބޭނުންކުރާނެ ނިސްބަތުގެ  3 މިންގަނޑެކެވެ. އެވްރެޖްކޮށް ގޭބިސީއަކުން މިހާރު ބޭނުންކުރަމުންދަނީ 504 ޔުނިޓްކަމަށް ސްޓެލްކޯ އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވާތީވެ، މެދުމިން މިންގަނޑެގެ ގޮތުގައި ގޭބިސީއަކަށް މަހަކު 500 ޔުނިޓަކަމަށް މިދިރާސާގައި ބަލާފައިވާނެއެވެ. އަދި އެއަދަދުގެ ދެބައިކުޅަ އެއްބަޔަކީ އެވްރެޖްކޮށް ނިކަމެތިންނާއި ކަރަންޓް މަދުންބޭނުންކުރާ ފަރާތްތައް ބޭނުންކުރާނެ އަދަދު ކަމުގައި ހީކޮށް (އެސިއުމް) ދިރާސާގައި އަލިއަޅުވާފައިވާނެއެވެ. އަދި މުއްސަދިން ނުވަތަ ގިނައިން ކަރަންޓް ބޭނުންކުރާ ފަރާތްތައް ބޭނުންކުރާ އަދަދަކީ އެވްރެޖް އަދަދުގެ ދެގުނަ ކަމަށް ހީކޮށް (އެސަމްޕްޝަން) މިދިރާސާގައި އަލިއެޅުވީމެވެ.

ފްލެޓް ރޭޓް 2.15 އަށް ނަގާނަމަ 

ޔުނިޓަކަށް 2.15 ރުފިޔާގެ ނަގާނަމަ އެއީ މިހާރު ނަގާ ފީސްކޭލަށް ބަލާއިރު އެވްރެޖްކޮށް 19 އިންސައްތައިގެ ކުޑަވުމެކެވެ. މީގެ މާނައަކީ ކަރަންޓް ބޭނުންކުރާ ނިސްބަތަކީ އެވްރެޖްކޮށް 700 ޔުނިޓްނަމަ، ސްޓެލްކޯއަށް މިހާރު ލިބޭ އާމްދަނީގެ 19 އިންސައްތަ ކުޑަވެގެންދާނެއެވެ. ނަމަވެސް، 250ޔުނިޓަށްވުރެ މަދުން ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލުވާނީ ބޮޑެވެ. އެފަރާތްތަކުގެ ކަރަންޓް ބިލު 26 އިންސައްތަ ބޮޑުވެގެންދާނެއެވެ. މިއާ ޚިލާފަށް 1000 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލު 31 އިންސައްތަ ކުޑަވެގެންދާނެއެވެ. އަދި 500 ޔުނިޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލު 0.5 އިންސައްތަ ކުޑަވެގެންދާނެއެވެ. އެހެންކަމުން، މިބަދަލާއިއެކު ފައިދާއެއް ކުރާނީ ގާތްގަޑަކަށް 500 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކަށެވެ. ޔުޓިލިޓީ ކުންފުންޏަށް 19 އިންސައްތަ ގެއްލުންވާއިރު އަދި އެންމެ މަދުން ކަރަންޓް ބޭނުންކުރާ ނިކަމެތިންނަށް 26 އިންސައްތަ ބިލު ބޮޑުވާއިރު މިހުރިހާ ފައިދާއެއް މިވަނީ ގިނައިން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށެވެ.

ފްލެޓް ރޭޓް 1.7 ރުފިޔާ ނަގާނަމަ

ޔުނިޓަކަށް 1.7 ރުފިޔާ ނަގާނަމަ އެއީ މިހާރުގެ ރޭޓް ސްކޭލާއި އަޅާ ބަލާއިރު އެވްރެޖް 36 އިންސައްތަ ކުޑަވުމެކެވެ. މީގެ މާނައަކީ 700 ޔުނިޓް އާންމުކޮށް ބޭނުންކުރާނަމަ ޔުޓިލިޓީ ކުންފުންނީގެ އާމްދަނީ 36އިންސައްތަ ކުޑަވެގެންދާނެއެވެ. މިފަދަ ބަދަލާއިއެކު 250 ޔުނިޓަށްވުރެ ގިނައިން މަހަކު ބޭނުންކުރާ ފަރާތްތަކުގެ ބިލު ކުޑަވެގެންދާނެއެވެ. މަހަކު 250 ޔުނިޓް ބޭނުންކުރާނަމަ ކަރަންޓް ބިލު ކުޑަވާނީ 0.6 އިންސައްތައެވެ. ނަމަވެސް މަހަކު 1000 ޔުނިޓް ބޭނުންކުރާނަމަ ކަރަންޓް ބިލު 46 އިންސައްތަ ކުޑަވާނެއެވެ. އަދި އެވްރެޖްކޮށް 500 ޔުނިޓް މަހަކު ބޭނުންކުރާ ނަމަ ކަރަންޓް ބިލުގެ 21 އިންސައްތަ ކުޑަވާނެއެވެ. އެހެކަމުން މިބަދަލުންވެސް އެންމެ ބޮޑު ފައިދާއެއްކުރާނީ އެންމެ ގިނަ އަދަދަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށެވެ. ޔުޓިލިޓީ ކުންފުންޏަށް 36 އިންސައްތައިގެ ގެއްލުމެއްވާއިރު މިކަން ފޫބައްދަން ސަރުކާރުން ބޮޑު ސަބުސިޑީއެއް ދޭން ޖެހޭނެއެވެ..

ނިންމުން

 ޖުމްލަ ގޮތެއްގައި ބަލާނަމަ ސަރުކާރުން މިގެންނަން ރާވާ ބަދަލުގެ ސަބަބުން ނިކަމެތިންގެ ކަރަންޓު ބިލު ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އަދި ސަރުކާރުން ކަރަންޓަށް ކުރާ ހޭދަ ބޮޑުވެގެން ގޮސްފާނެއެވެ.  ކަރަންޓް ގިނައިން ބޭނުންކުރާނަމަ އަގުބޮޑުވާ ނިޒާމަކީ ކަރަންޓު ބޭކާރު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި، ނިކަމެތިންނަށް ސަބްސިޑައިޒް ކުރުމުގެ އުސޫލުންކުރެވޭކަމެކެވެ. އެހެންކަމުން މިނިންމުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއްކުރާނީ މުއްސަދިންނަށެވެ. ނިކަމެތިންނަކަށް ނޫނެވެ.

މީގެ އިތުރުން، މިދިރާސާއިން ފާހަގަކުރެވުނީ ކަރަންޓަށް ގެންނަ ބަދަލު ޔުނިޓަކަށް 1.7 ރުފިޔާއަށްވުރެ ކުޑަ ނޫން ބަދަލެއް ގެނެސްފިނަމަ ގިނަ ފަރާތްތަކެއްގެ ކަރަންޓް ބިލު ކުޑަނުވެދާނެއެވެ. އަދި ކަރަންޓްގެ އަގު ޔުނިޓަކަށް 1.7 ރުފިޔާއަަށްވުރެ ހެޔޮކޮށްފިނަމަ ޔުޓިލިޓީ ކުންފުނިތަކަށް ބޮޑު މާލީ ގެއްލުމެއްވެ އެގެއްލުން ފޫބައްދަން ދައުލަތުން ބޮޑު ހޭދައެއްކުރަން ޖެހިދާނެކަމަށެވެ. އަދި ޔުނިޓެއްގެ އަގު 2.15 އަށް ގެނެސްފިނަމަ މިހާރު ކަރަންޓް ބޭނުންކުރާ ނިސްބަތަށް ބަލާއިރު ގިނަ ބައެއްގެ ކަރަންޓް ބިލުކުޑައެއްނުވާނެއެވެ. ނަމަވެސް މުއްސަދިން ނުވަތަ ކަރަންޓް ގިނައިން ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލު ކުޑަވާނެއެވެ.  އެހެންކަމުން މިއީ އެންމެ އެދެވޭ ބަދަލެއްތޯއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !