މިއީ ރައްޔިތުންގެ މަޖުލިސް ޕްރައިމަރީގެ ފޯރިގަދަ ދުވަސްވަރެވެ. ބޮޑެތި ޕާޓީތަކުން އެޕާޓީގެ ޓިކެޓް ދިނުމަށް ޕްރަމަރީ ބާއްވަން ތައްޔާރުވާ ދުވަސްވަރެވެ. ހަމަހަމަ ފުރުސަތެއް ޕާޓީގެ ކެންޑިޑޭޓުންނަށް ދިނުމުގެ ވިސްނުމުންނެވެ. ނަމަވެސް ވަކި ކެންޑިޑޭޓަކަށް ސަޕޯރޓު ނުކުރާ މީހުން އެދެނީ އެ ކެންޑިޑޭޓެއްގެ ހުރި އިޚުލާސްތެރިކަމާއި ތެދުވެރިކަން އަދި ގާބިލުކަން ދެއްކުމަށެވެ. ޚާއްސަކޮށް ނުހައްގު މުއްސަނދިކަން ހޯދުމަށް މަސައްކަތް ނުކުރާނެ ކަމާއި ނުފޫޒުން ވަޒީފާތައް ދިނުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީން ކަމެވެ.
ކެމްޕޭނަރުން ވެސް ބަލަންވީ އެ ޔަގީންކަން ޕާޓީގެ މެންބަރުންނާއި އާއްމު ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށެވެ. އެހެނީ މިފަދަ ކަންކަމަށް ފާޅުގައި ވަކާލާތުކޮށް އަޑު އުފުލައި އަމަލުން ދެއްކުމުން ރައްޔިތުމީހާއަށް އެ ކެންޑިޑޭޓަކާއި މެދު ކުރެވޭ އިތުބާރު އެތައްގުނައެއް ބޮޑުވެގެން ދާނެތީއެވެ.
އެގޮތުން މިހާރު މިވަނީ މީގެ މިސާލެއް ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ފަރާތުން ދައްކައިދީފައެވެ. އެއީ މާލެ ސިޓީގެ ރައްޔިތުންގެ މަޖުލިސް ދާއިރާއެއް ކަމަށްވާ ހުޅުމާލޭ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ޣާނިިމް މުހައްމަދު އޭނާގެ މާލީ ބަޔާން ހާމަކުރައްވައި ދެއްކެވި ނަމޫނާއެވެ.
މިނަމޫނާއަށް ބައްލައވައި ޕްރައމަރީގައި ވާދަކުރާ ފަރާތްތަކުްނ ވެސް އެކެންޑިޑޭޓުްނެގ ޟާލީ ބަޔާން ހާމަކުރަން ވީ ނޫންތޯއެވެ؟ މިސާލެއްގެ ގޮތުންނެވެ. އަދި މަޖުލިސް ގޮނޑިއަށް ކުރިމަތިލާއިރު ވެސް އެކަމަށް އޮންނާނީ ބަސް ބުނެފވިފައެވެ. އަދި ހާމަކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ބޮޑުވެގެންދާނެތީއެވެ.
މިއަދު ޕާޓީ ޕްރައިމަރީ ކަމުގައި ވިޔަސް ކެންޑިޑޭޓަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ބަލަންވީ އެމީހަކު ތާއިދު ކުރާ ކެންޑިޑޭޓު ލައްވައި ނަޒާހަތްތެރިކަމުގެ ޔަގީންކަން ހާމަކޮށް ދިނުމުގެ ގޮތުން މާލީ ބަޔާން ހާމަކުރުމަށް މަސައްކަތް ކުރަންވީއެވެ. މިގޮތުން ތިމާ އެދޭ ކެންޑިޑޭޓްގެ ތާއިދު އިތުރު ކުރުމަށް މަސައްކަތް ކުރަން ވީއެވެ.
“ޕާޓީ މީހާ”، “އަވަށި މިހާ”، “ރަށި މީހާ” ފަދަ ކެމްޕޭން މޮޓޯތަކަށް ވުރެ “ނަޒާހަތްތެރިޔާ”، “މާލީ ބަޔާން ހާމަކުރި ކެންޑިޑޭޓް”، “ގާބިލް ކެންޑިޑޭޓް” ފަދަ ޝިއާރު ތައް ޕްރޮމޯޓް ކުރަން އުނދަގޫ ވަނީ ކީއްވެގެން ބާވައެވެ؟ މިފަދަ ކަންކަމަށް ނޭދެންވީ ސަބަބަކީ ކޮބާ ބާވައެވެ؟
ޕްރައިމަރީން ހޮވަން ޖެހެނީ މަޖުލިސް ގޮނޑި ކާމިޔާބު ކުރެވޭނެ މީހާ ހެއްޔެވެ؟ ނުވަތަ ކަމަށް އެންމެ އެކަށޭނަ ގާބިލް މީހާ ހެއްޔެވެ؟ ގާބިލް މީހާއަށް ވޯޓު ދީގެން ނޫނީ އޭނާ ނުހޮވޭނެއެވެ. ގާބިލް މީހާ ހޮވިގެން ނޫނީ މަޖުލީހުން ރައްޔިތު މީހާއަށް، ރަށަށް ގައުމަށް ފާއިދާ ހުރި ގާނޫނެއް ހެދޭނެ ކަމަށް އުއްމީދުކޮށްގެން ނުވާނެއެވެ. އެމީހާއަކީ މަޖުލީހުގައި ދެން ތިބި މީހުނަށް ވެސް ނުފޫޒު ފޯރުވޭވަރުގެ ގާބިލް މީހަކަށް ވާން ޖެހެއެވެ.
ތިމާ ކެމްޕޭން ކުރާ މީހާއާއި މެދު ޕާޓީ މެންބަރުންގެ އިތުރުން މުޅި ރައްޔިތުންގެ ވެސް އިތުބާރު ވަރުގަދަ ކުރުމަށް މުހިންމު ނުވާން ވީ ސަބަބެއް ނެތެވެ. އިންތިޚާބުވެއްޖެނަމަ، ފަހުން އެކެންޑިޑޭޓް ޖަވާބުދަރީ ކުރުވުމަށް މިކަންކަން މަގަކަށް ނުވާނެ ބާވައެވެ؟
މިއަދު ކެންޑިޑޭޓާއި ސަޕޯރޓު ކުރާ މީހާއާއި ދެމެދު މި ވާހަކަތައް ނުދެކެވޭނަމަ މާދަމާ ގޮނޑިއަށް ހޮވުމުން އޭނާ ޖަވާބު ދާރީ ކުރުވުން ކެމްޕޭނަރަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ.
ކެމްޕޭނަރުން މިފަދަ “ބެސްޓް ޕްރެކްޓިސް” ތަކަށް ނޭދޭނަމަ ނުވަތަ އެވާހަކަ ކެމްޕޭނުގައި ނުދައްކާނަމަ ރައްޔިތުންނަށް އެ ކެމްޕޭނަރާއި މެދުވެސް ސުވާލު އުފައްދާނެ ޖާގަ ލިބެއެވެ. އެ ކެމްޕޭނަރަކީ ކެންޑިޑޭޓުގެ ފަރާތުން ނާޖާއިޒު ފައިދާއެއް ލިބި ނުވަތަ ހޯދުމަށް މަސައްކަތް ކުރާ މީހެއްކަމަށް ތުހުމަތ ުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
“އެވަރުން އަޑު ގަދަކޮށް އެއުޅެނީ ލިބުނު އެއްޗެއްގެ ބޮޑު ކަމުންނޭ!” މިއީ ރަށު ތެރެއިން އަބަދުވެސް އިވޭ އަޑެކެވެ. މިފަދަ އަޑުތައްކުން ތުހުމަތު އެކުރެވެނީ ނާޖާއިޒު ފައިދާތައް ކެމްޕޭނަރުން ހޯދާ ވާހަކައެވެ. ނުވަތަ ލިބޭ ވާހަކައެވެ.
ކެންޑިޑޭޓަށް ވޯޓު ދިނުމުގައި މުހިންމީ އަވަށެއް އާއިލާއެއް ނޫނެވެ. ގާބިލް ކަމާއި ތެދުވެރި ކަމާއި އިޚުލާސްތެރިކަމާއެކު އިންސާފުން ޒިންމާތައް އަދާކުރާނެ މީހެކެވެ. ގާބިލު ކަން ކަނޑައެޅުމަށް ތިމާ އަމިއްލައަށް ވެސް އިންޓެގްރިޓީ މިންގަނޑެއް ކަނޑައަޅައި އެމިންގަނޑުަގއި ހިފަހައްޓާކަން އެހެން މީހުނަށް ފެންނަން ޖެހެއެވެ.
އެކިގޮތްގޮތުން ވޯޓު ހޯދުމަށް ޕްރެޝަރުތައް އަންނާނެއެވެ. އެކަން މެނޭޖު ކުރުމަށް އެކި މީހުން ގެންގުޅެނީ އެއްކި އުކުޅުތަކެވެ. ނޫނެކޭ ބުނަން ނުކެރޭ ނުވަތަ ފަސްޖެހޭ ވަރުގެ މީހުން މެދުވެރިކޮށް ވެސް ރިކުއެސްޓްތައް އަންނާނެއެވެ. އާއިާޅ މީހުންގެ ފަރާތުން ނާއި ރައްޓެހިންގެ ފަރާތުން ވެސް ޕްރެޝަރާއި ކުރިމަތި ވާނެއެވެ. ތިމާ ވަކި ގޮތެއް ނުބުނުމުން އެއީ ވޯޓު ނުދެނީ ކަމަށް ވެސް ބުނެ ޕްރެޝަރާއި ކުރިމަތި ލާން ޖެހޭ ފަހަރު ވެސް އާދެއެވެ. އަދި ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން ނެތްނަަމަ ފަސްފަހަތުން ފާރަވެސް ލާނެއެވެ.
ފާޅުގައި ވާޓުލާނީ ތިމަންނާއަށް އެންމެ ރަނގަޅު ކެންޑިޑޭޓަކަށޭ ބުނަން ކެރޭނެ ހެއްޔެވެ؟ ނުކެރޭ ހާލަތްތަކުގައި ހަނު ހުންނާނީ ހެއްޔެވެ؟ ވިސްނާފައި ގޮތް ނިންމައިގެން ހުންނާށެވެ. ވޯޓު ނުލުމަކީ ހައްލެއް ނޫނެވެ.
މިފަހަރުގެ ޕްރައިމަރީ ތަކުގައި ޕާޓީ ޓިކެޓަށް ވޯޓު ދޭއިރު ގާބިލް ކަމަށް އިސްކަން ދޭށެވެ. ނަޒާހަތްތެރި ތިމާގެ މާލީ ބަޔާން ހަމަކުރަން ފަސްނުޖެހޭ މީހަކަށް ވޯޓު ދޭށެވެ. ނުހައްގުން ވަޒީފާތައް ހޯދއިދޭން މަސައްކަތް ނުކުރާނެ މީހުން ބަލާށެވެ. ނުފޫޒާއި ކުރިމަތިލައި ތިމާގެ ވޯޓުގެ މިނިވަންކަން ޔަގީން ކުރާށެވެ.
ޚިޔާލުތައް