ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ ފައިނަލަށް ދިގުވާޑު އަފުން ޓީމާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމު ދަތުރުކޮށްފިއެވެ. މިދެ ޓީމު މުބާރާތުގެ ފައިނަލަށް ދިޔައި އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް މެޗުތައް ކާމިޔާކު ކޮށްގެންނެވެ.
ސެމީފައިނަލް ފުރަަތަމަ މެޗުގައި މެޗުގައި އިއްޔެ ހަވީރު 4:00 ގައި ވާދަކުރީ ގްރޫޕް އޭ ގެ 1 ވަނަ ދިގުވާޑު އަފުން ޓީމާއި ގްރޫޕް ބީ ގެ ދެވަނަ ޓީމު މާދަޑު ފިސްޑާ ޓީމެވެ. މިމެޗު ދިގުވާޑު އަފުން ޓީމުން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. ދިގުވާޑު އަފުން ޓީމު މިމުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ.
އިއްޔެ ހަވިރު ހަވީރު 5:00 ގައި ގްރޫޕް ބީ ގެ 1 ވަނަ ޓީމު މިސްކިތްމަގު ޖޫނިއަސް އާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ވާދަކުރި ސެމީ ފައިނަލް ދެވަނަ މެޗު ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް އިން ކާމިޔާބުކުރީ 6-1 ގެ ބޮޑު ތަފާތަކުންނެވެ. ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމަކީ ގުރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުގައި ކުޅުނު ޓީމެކެވެ.
މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ގްރޫޕް އޭ ގައި ހިމެނުނު ދެޓީމު ކަމަށްވާ ދިގުވާޑު އަފުން ޓީމާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމެވެ.
ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށް ގެންދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 4 ޑިސެމްބަރު ވާ ހުކުރު ދުވަހު ހަވީރު 4:30 ގައެވެ.
މިއީ މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ 16 އަހަރުން ދަށުގެ އަންހެންކުދިންގެ ހޭންޑްބޯޅަ މުބާރާތެކެވެ.
ފުވައްމުލަކުގައި މީގެ ކުރިން ހޭންޑްބޯޅަ ދެ މުބާރާތެއް ބާއްވާފައި ވެއެވެ. އެއީ މިއަހަރު ސެޕްޓެމްބަރުމަހު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި މުބާރާތަކާއި ފާއިތުވި 2019 ވަނަ އަހަރު ބޭއްވި ޕޮލިސްކަޕް ހޭންޑްބޯޅަ މުބާރާތެވެ.
ޚިޔާލުތައް