A wide advertisement which will be shown on all devices. (700 x 100)

އެއީ ސަޕޯޓަރުންނެއް ނޫން، އަހަރެމެން އެމީހުން ބޭނުމެއްނޫން – ހެރީ ކޭން

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އަމިއްލަ ގައުމުގައި ޕެނަލްޓީ ޖަހައިގެން ބަލިވުމާއިއެކު އިގިރޭސިވިލާތުގެ ބައެއް ސަޕޯޓަރުން ކަޅު ނަސްލުގެ ކުޅުންތެރިންނާއި ދިމާކޮށް ފުރާސަކުރުމާއި ވިދިގެން މިކަން ކުށްވެރިކޮށް އިގިރޭސި ޓީމުގެ ކެޕްޓަން ހެރީ ކޭން ފާޅުގައި ވާހަކަ ދައްކައިފިއެވެ. “އެއީ އިގިރޭސިންގެ ސަޕޯޓުންނެއް ނޫން، އެފަދަ މީހުން އަހަރެން ބޭނުމެއްނޫން” ހެރީ ކޭން ބުނެފައިވެއެވެ. ހެރީ ބުނެފައިވަނީ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ކުޅުންތެރިންނަށް ދިމާކޮށް ފުރައްސާރަކުރަންވީ ނޫން ކަމަށާއި އެމީހުންނަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު ކަމަށެވެ.

ޔޫރޯ ފައިނަލް މެޗުގައި އިޓަލީ އާއި ވާދަކޮށް އިގިރޭސިން ބަލިވި މެޗަށްފަހު ސޯޝަލް މީޑިއާގައި ނަސްލީ ދިމާކުރުންތައް ކުރިއަށް ދިޔައެވެ. މިކަމާއި ވިދިގެން މީގެ ކުރިން އިގިރޭސި ކޯޗުވެސް ވަނީ ވާހަކަ ދައްކާފައެވެ. ސޯޝަލް މީޑިއާގައި ލިޔުނު ގިނަ ލިއުންތައް މިހާރުވަނީ އެމީޑިއާތަކުން ނަގާފައެވެ. އަދި އެމީޑިއާތައް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވަނީ ބުނެފައެވެ. އެގޮތުން ޓްވިޓާއިން 1000 އަށްވުރެ ގިނަ ޓްވީޓުތައް އުނިކޮށް އެފަދަ އެކައުންޓަށް ބޭންކުރި ކަމަށް ޓްވިޓާއިން ހާމަކުރެއެވެ. އިގިރޭސި ބައެއް ސަޕޯޓަރުންވަނީ ފައިނަލް މެޗު ބެލުމަށް ވަން އިޓަލީ ސަޕޯޓަރުންނަށް ހަމަލާދީ މަނަނުޖެހުންވެސް ހިންގާފައެވެ.

އިގިރޭސި ސަޕޯޓަރުން ނަސްލީދިމާކުރުންތައް ކަޅު ނަސްލުގެ ކުޅުންތެރިންނަށް އަމާޒުކޮށްފައިވަނީ ފައިނަލް މެޗުގައި އިގިރޭސި ޓީމުގެ ކަޅު ނަސްލުގެ ތިން ކުޅުންތެރިއަކު ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އިގިރޭސި ޕެނަލްޓީތައް ނާކާމިޔާބުވުމުގެ ޒިންމާވަނީ އެޓީމުގެ ކޯޗު ސައުތުގޭޓް ނަގާފައެވެ. “ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނަގަނީ އަހަރެން. އެއީ ޓްރެއިނިން އަށް ބަލާފައި އަހަރެން ކުރާ ކަމެއް. އެެއީ ކުޅުންތެރިން އަމިއްލަ އަށް ނިންމާ ނިންމުމެއް ނޫން. މިކަމުގައި ނަސީބުގެ އެހީ ލިބޭ ފަހަރާއި ނުލިބޭ ފަހަރު އަންނާނީ. ވަކި ކުޅުންތެރިއަކުގެ ބޮލުގައި ކަމެއް އަޅުވަން ނެތިން. ޕެނަލްޓީގެ ޒިންމާ އަދި މި ނަތީޖާގެ ޒިންމާ އަހަރެން ނަގަން،” ސައުތުގޭޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ ފައިނަލުގައި ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް ވަނީ ޖޭޑަން ސަންޗޯ އާއި މާކަސް ރެޝްފޯޑް ކުޅެން އަރުވައިފަ އެވެ. އެއީ ޕެނަލްޓީ އަށް ހާއްސަކޮށް ކުރި ދެ ބަދަލެވެ. މިދެ މީހުންގެ ޕެނަލްޓީ ނާކާމިޔާބުވުމުން ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔައީ އުމުރުން އެންމެ 19 އަހަރުގެ ބުކާޔޯ ސަކާ އެވެ. އޭނާ ޖެހި ޕެނަލްޓީ އިޓަލީގެ ގޯލް ކީޕަރު މަތަކުރީއެވެ. ސަކާ އަކީ ވެސް ބަދަލެއްގެ ގޮތުގައި އެރި ކުޅުންތެރިއެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިން ލައްވައި ފަހު ތިން ޕެނަލްޓީ ޖެހުމާއި ފަހު ޕެނަލްޓީ ޖަހަން ތަޖުރިބާކާރު އަދި ފައިނަލް މެޗުގައި ގިނަ ވަގުތު ކުޅުނު ކުޅުންތެރިއަކު ނުނެގީތީ ސައުތުގޭޓަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !