ފުވައްމުލަކުގައި ކުރިއަށްދާ ރާއްޖޭގެ ގައުމީ 3 ވަނަ އަންހެން ކުރިކެޓު މުބާރާތުގެ ތިންވަނަ އާއިއެކު ފުވައްމުލަކު ކުރިކެޓު ޓީމު މުބާރާތް ނިންމާލައިފިއެވެ. ތިންވަނަ ހޮވުމަށް އިއްޔެ ހެދުނު ކުޅެވުނު މެޗު ފުވައްމުލަކު ކުރިކެޓު ޓީމު ކާމިޔާބުކޮށްފައިވަނީ ވިލިމާލެ ޓީމާއި ވާދަކޮށް ފަސޭހަކަމާއިއެކުގައެވެ. ގައުމީ އަންހެން ކުރިކެޓު މުބާރާތް ފެށުނު ފަހުން ހުރިހާ ފައިނަލެއްގައިވެސް ވާދަކޮށްފައިވާ ފުވައްމުލަކު ޓީމު އިއްޔެ ގެ މެޗަށް ނިކުތީ މިފަހަރުގެ ފައިނަލުން ފުރުސަތު ނުލިބުމާއިއެކު ލިބުނު މާޔޫސްކަމާއިއެކު މެޑަލަކާއިއެކުގައި މުބާރާތް ނިންމާލާށެވެ.
އިއްޔެ މެޗުގެ ޓޮސް ދިމާކޮށްގެން ފުރަތަމަ ކުޅެން ނިކުތީ ވިލިމާލެ ޓީމުންނެވެ. ނަމަވެސް، މާއެދެވޭ ކުޅުމެއް ކުޅުމަށް ފުރުސަތުނުދީ 15 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިކޮށްލިއެވެ. ހުރިހާ ކުޅުންތެރިން ނުބައިވިއިރު ވިލިމާލެ ޓީމަށް ހެދުނީ 41 ލަޑެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 3 ވިކެޓު ނެގި އަނާލް އާއި ދެވިކެޓު ނެގި ހަނީފާ އާއި މީސާއެވެ.
ޖަވާބުގައި ފުވައްމުލަކު ޓީމުން ބެޓުކުރުމަށް އެންމެ ފުރަތަމަ ނިކުތީ ކެޕްޓަން ޒޫނާ އާއި ސަމާއެވެ. މިދެކުޅުން ތެރިން 4 ވަނަ އޯވަރުތެރޭ 42 ލަޑު ހަދައި މެޗު ނިންމާލިއެވެ. ޒޫނާ 29 ލަޑު ހެދިއިރު ސަމާ 7 ލަޑު ހެދިއެވެ.
މިމުބާރާތުގެ ތިންވަނަ އާއިއެކު ފުވައްމުލަކު ޓީމު މިފަހަރު މިމުބާރާތް ނިންމާލިއިރު މިދިޔަ އަހަރު ފުވައްމުލަކު ޓީމު މުބާރާތް ނިންމާލީ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އޭގެ ކުރީއަހަރު ނިންމާލީ ޗެމްޕިއަނުންގެ ގޮތުގައެވެ. އަންހެން ކުރިކެޓަކީ ރާއްޖެ އަށް އާކުޅިވަރެކެވެ. މިމުބާރާތާއިއެކު ފުވައްމުލަކުގެ ޒުވާން ކުޅުންތެރިންނަށް ރަގަޅު ތަޖުރިބާތަކެއް ލިބިގެންދިޔައެވެ.
ޚިޔާލުތައް