22 ނޮވެމްބަރ 2017 (ބުދަ)


ލަންކާއަށް ގޮތްހުސްވެ ހަންބަންޓޯޓާ ބަދަރު ޗައިނާ އަށް ވިއްކާލައިފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ޗައިނާއިން ސްރީލަންކާގެ ހަންބަންޓޯޓާގައި ހިންގި ވިޔަފާރީގެ ބިޔަ މަޝްރޫއުތަކުން އެކަށީގެންވާ އާމްދަނީ ނުލިބި ގޮތްހުސްވުމުގެ ސަބަބުން ޗައިނާއިން ފައިނޭންސްކުރި ބަދަރާއި އެއާޕޯޓް ހިމެނޭ ސަރަހައްދު ޗައިނާއަށް ވިއްކާލައިފިއެވެ. އެއްބަސްވުމަށް ނާދެވި ހަމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މިއެއްބަސްވުންމުގެ ދަށުން ޗައިނާއަށް ހަންބަންޓޯޓާ ބަދަރު ބެލެހެއްޓުމަށް ހަދާފައިވާ ކުންފުނީގެ 70 އިންސައްތަ ލިބުނުކަމަށް ފޮކްސް ބިޒިނަސް އިން ހާމަކުރެއެވެ. 

ޗައިނާގެ މާލީ އިދާރާތަކުން ހޯދި ފައިސާ ބޭނުންކޮށްގެން ޗައިނާގެ ކުންފުނިތަކުން ތަރައްގީކުރި ހަންބަންޓޯޓާގެ ބައިނަލްއަގްވާމީ ބަދަރާއި އެއާޕޯޓަށް ފާއިތުވީ ހައަހަރު ދުވަހުވެސް އެކަށީގެންވާ އާމްދަނީއެއް ނުލިބި ލަންކާގެ ދަރަނި ދިޔައީ އިތުރުވަމުންނެވެ. 1.2 ބިލިއަން ޑޮލަރަށް ތަރައްގީކުރި ބަދަރާއި އަދި އެހެންހެން ތަރައްގީގެ މަޝްރޫއުތަކަށް ލަންކާއިން ނެގި ލޯނުތަކާއި އެކު ޗައިނާއަށް ނުދައްކާހުރި އަދަދު މިހާރު 5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލަންކާ ސަރުކާރުން ނަގާފައިވާ ލޯނަށް އަހަރަކު 59 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި 2016 ވަނަ އަހަރު ނިމުނިއިރު އެބަދަރުން ލިބުނު ގެއްލުން 304 މިލިއަން ޑޮލަރަށް އަރާ ކަމަށް ލަންކާ ސަރުކާރާއި ހަވާލާދީ ފޮކްސް ބިޒިނަސް އިން ހާމަކުރެއެވެ.  

ޗައިނާއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެކިގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް، ފައިސާ ހޯދުން ވެގެންގޮސް ފައިވަނީ އުދަގޫ ކަމަކަށެވެ. އެންމެފަހުން މިދިޔަ ފެބްރުއަރީ މަހާއި މާޗްމަހު ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް އާއި ސްޓެންޑަޑް ޕޫ އިން ލަންކާގެ ކްރެޑިޓް ރޭޓިން ދަށްކޮށްލުމުން ލަންކާއަށް އެހެންގޮތެއް ހޯދަން މަޖުބޫރުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތް ނާކާމިޔާބުވެ ޗައިނާއާއިއެކު އޮންނަ ވިޔަފާރީގެ ގުޅުން ކުޑަކުރާނެކަމަށް ރިއާސީ ރޭހުގައި ވައުދުވި ސިރިސޭނާގެ ސަރުކާރަށް ޖެހުނީ އެންމެފަހުން ޗައިނާއިން ހުށަހެޅި ހުށަހެޅުން ގަބޫލުކުރާށެވެ.

ލަންކާ ސަރުކާރުން ޗައިނާއާއިއެކު އެއްބަސްވުމަކަށް އާދެވިފައިވަނީ ގިނަ ދުވަސްތަކަކަށް ދިގު ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު އެންމެ ފަހުގައެވެ.

ޗައިނާގެ ހުށަހެޅުމާއި ގުޅިގެން ހަންބަންޓޯޓާއިން ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައަޅާ 15000 އޭކަރުގެ ބިމާއި ހަންބަންޓޯޓާގެ ބަދަރާއި ވައިގެބަދަރު 99 އަަހަރަށް ޗައިނާއަށް ދޭންޖެހެއެވެ. މިސަރަހައްދުގައި ޗައިނާއިން ވިޔަފާރިއާއި އޮފީސްތަކާއި ފެކްޓަރީތައް ބިނާކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިއެއްބަސްވުމާއި ގުޅިގެން ހަންބަންޓޯޓާގެ އާންމުންގެ އެތައްބައެއްގެ ގެދޮރު ގެއްލިގެންދާނެއެވެ. ސަބަބަކީ 15000 އޭކަރުގެ ބިން ހަންބަންޓޯޓާގެ ބަދަރާއި ގުޅިގެން ނަގާއިރު އެސަރަހައްދުގައި ލަންކާގެ އާންމުރައްޔިތުންނާއި އެބައިމީހުންގެ ދަނޑުބިން ގިނައަދަދަކަށް ވެއެވެ. 15000 އޭކަރުގެ ބިމަކީ ގާތްގަޑަކަށް ފުވައްމުލަކުގެ ބިމުގެ 12 ގުނަ ބިމެވެ.

މިކަމާއިގުޅިގެން ހަންބަންޓޯޓާގެ މަސްވެރިން ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ. އެއިހުތިޖާޖާއި ގުޅިގެން އެތައް ބަޔަކުވަނީ ޖަލަށްލާފައެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ގެދޮރު ގެއްލޭ މީހުންނަށް ބަދަލު ދިނުމަށް ފަހު އެހެން ސަރަހައްދަކުން އެމީހުންނަށް ބިން ދޭނެ ކަމަށެވެ.

ދިވެހިރާއްޖެއިންވެސް ދަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ޗައިނާގެ މާލީ އިދާރާތަކުގެ އެހީގައި ކުރިއަށް ގެންދަމުންނެވެ. އޭގެތެރޭގައި 200 މިލިއަން ޑޮލަރުގެ ބްރިޖް ހިމެނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!