20 ޖުލައި 2019 ( ހޮނިހިރު )

ރައްޔިތުންގެ މަޖްލީހުގެ ފުވައްމުލަކު 3 މެމްބަރުން

ރައްޔިތުންގެ އިހުސާސްތައް ނޭގި، އިއްޒަތްތެރި މެމްބަރަކަށް ނުވެވޭނެ!

ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަށްޓަކައި، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުންނެވެ. އެމީހުންގެ ހުރިހާވެސް މަސައްކަތެއް ބައްޓަން ކުރަންޖެހޭނީ، އެމީހުން އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށެވެ.މަޖްލީސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ވެފައިވާ އުއްމީދީ ވައުދުތައް ފުއްދާދޭންޖެހޭނެއެވެ. ފަހަރެއް ގައިވެސް އެއީ އިންތިހާބު ކަމިޔާބު ކުރުމަށްޓަކައި ދައްކާ ފޮނި ވާހަކަތަކަކަށް ވެގެން ނުވާނެއެވެ.

ނަމަވެސް މިބޭފުޅުން ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ވަހަކަ ދައްކައި އެކަންތައްތައް ހައްލު ކޮއްދޭނެކަމުގެ ފޮނި ވައުދުތައް ވުމަށްފަހު، މިއަދު މަޖްލީސް އިންތިޚާބު ކަމިޔާބު ކުރުމަށްފަހު އެކަންތައްތަކަށް މިވަނީ ބީރު ކަންފަތެއް ދީފައެވެ. މިއަދު ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން،ފުވައްމުލަކު ރައްޔިތުން ނަޖިސް ފެނުން ފެންވަރާތީ އެ އިއްޒަތްތެރި މެމްބަރުން ކަންބޮޑުވާ ހެނެއް ހިއެއް ނުވެއެވެ.ހޮސްޕިޓަލް ގެ ޙާލަތު ބޮއްސުންލައިގެން ގޮސް ނުރައްކާތެރި އެތަކެއް ހިތާމަވެރި ހާދިސާތަކެއް ހިގަމުންދާއިރުވެސް އެއްވެސް ފަރުވާލެއް ނެތްކަހަލައެވެ.

އަނެއްކޮޅުން އިއްޒައްތެރި މެމްބަރުން ކެމްޕެއިން ތެރޭގައި ބުނަމުން ގެންދިއަ އެއް ވާހަކައަކީ ރައްޔިތުންގެ އަޑު އަހާނެކަމަށާއި، ރައްޔިތުންގެ އަޑު އެންމެ ގާތުން އެހުމަށްޓަކައި އަބަދުވެސް އެބޭފުޅުންނާއި ފޯނުންނާއި، ކޮފީ މޭޒުތަކުން ބައްދަލުވާނެކަމުގެ ވަހަކައެވެ. ކެމްޕެއިން ތެރޭގައި ދާއިރާގެ ރައްޔިތުންނަށް، އެބޭފުޅުންގެ ފޯނު ނަމްބަރުވެސް ދިނެވެ. ނަމަވެސް އިންތިހާބު ކަމިޔާބު ވުމާއި އެކު، ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ދިން ފޯނު ނަމްބަރު އެހެން ނަމްބަރަކަށް ބަދަލުކޮއްފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.

ވިލިމާލޭގައި ދިރިއުޅެމުންދާ، ފުވައްމުލަކު އަންހެނަކު ބުނިގޮތުގައި އެބޭފުޅާގެ މާލީ ހާލަތު ހުރި ގޮތުން، އެބޭފުޅާގެ ދަރިންގެ ހަރަދުތައް ނުބެލެހެއްޓިގެން ކޮއްމެވެސް ވަރެއްގެ އެހީތެރިކަމެއް ހޯދަން ކެމްޕެއިން ތެރޭގައި، ދައިރާ ތަމްސީލް ކުރާ މެމްބަރު، ދީފައިވާ ނަމްބަރަށް ގުޅާލާއިރު، މިހާރު ފޯނު އޮންނަނީ ނިއްވާފައިކަމަށެވެ.

“ދައިރާގެ މެމްބަރު ކެމްޕެއިން ތެރޭގައި އަޅުގަނޑަށް ދިން ނަމްބަރަށް، އެބޭފުޅާ މެމްބަރުކަމުގެ ހުވާކުރުމަށްފަހު ނުވެސްގުޅޭ، ނަމަވެސް ކެމްޕެއިން ތެރޭގައި، އެބޭފުޅާ ބަރާބަރަށް ފޯނު ނަގައި އުޅޭ، ކަމަކަށް ބޭނުން ވެއްޖެނަމަ ގުޅަންވެސް ބުނި، އަޅުގަނޑަށް އެހީތެރިކަންވެސް ފޯރު ކޮއްދީ އުޅުނު ” އެމީހާ ބުންޏެވެ.

ކޮންމެއަކަސް ނިކަމެތި ރައްޔިތުންގެ މަތިން، އިއްޒައްތެރި މެމްބަރުން ހަނދާން ކުރަންޖެހެނީ ހަމައެކަނި ކެމްޕެއިން ތެރޭގައި ކަމަށް ވެގެން ނުވާނެއެވެ.ކެމްޕެއިން ނިމި އިންތިޙާބު ކަމިޔާބު ކުރުމަށް ފަހުވެސް ރައްޔިތުން މަތިން ހަނދާން ކުރަންޖެހޭނެއެވެ. ރައްޔިތުންނާއި ގުޅެންޖެހޭނެއެވެ. ރައްޔިތުންގެ އިހުސާސްތަށް އޭގެ އެންމެ ފުންމިނަށް ދަނެގަނެ، ސިޔާސި ފިކުރުން އެއްކިބާވެ، ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަޖްލީހުގައި އާއި މަޖްލީހުން ބޭރުގައި މަސައްކަތް ކުރަންޖެހޭނެއެވެ. އެހެން ނޫންނަމަ އިއްޒަތްތެރި މެމްބަރުގެ އިއްޒަތްތެރި ކަމެއް ނޯނާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު