މާލެ ފުރަބަންދުވުމާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން ކޮންމެހެން ރަށަށް ދާންޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ކަރަންޓީނަށް ފޮނުވާލެވިފައިވާ ކަމަށާއި އަދި ބާކީ ތިބި މީހުން މިމަހު 24 ވަނަ ދުވަހުގެ ކުރިން ކަރަންޓީނަށް ފޮނުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވަމުން މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށް ކަރަންޓީނަށް ފޮނުވިފައިވާ ކަމަށާއި، އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ ފުވައްމުލަކު ގިނަ ފަރާތްތަކަކަށް ރަށަށް ނުދެވި މާލޭގައި ތާށީވެފައި ތިބޭތާ 30 އަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފުވައްމުލަކު ފަރާތްތަކުގެ ތެރެއިން ކަރަންޓީނަށް ފޮނުވާލެވިފައިވަނީ މަދު އަދަދެކެވެ.
މާލޭގައި ތާށިވެފައިތިބި ފުވައްމުލަކު މީހުން ކަރަންޓީނަށް ފޮނުވާލެވެނީ ހެރަތެރެ ރިސޯޓަށެވެ. ހެރަތެރޭގައި ކަރަންޓީނު އެންމެ ފަހުން ކޮށްފައިވަނީ 130 ފަރާތެކެވެ. އެފަރާތްތަކުގެ ސާމްޕަލް މީގެ ދެތިން ދުވަސް ކުރިން ނަގާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ދެވަނަ ބެޗެއް ވަރަށް އަވަހަށް ހެރަތެރެއަށް ފޮނުވާލެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މާލޭގައި ތާށިވެފައި ތިބި ފުވައްމުލަކު ހުރިހާ އެންމެން ހެރަތެރަށް ފޮނުވާލުމުގައި ގޮންޖެހުން ތަކެއް އެބަހުއްޓެވެ. އެރަށަކީ އައްޑުއަތޮޅު މީހުންވެސް ކަރަންޓީނު ކުރުމަށް ބޭނުންކުރާ ރަށަކަށްވެފައި އެރަށުގައި ކަރަންޓީނު ކުރަނީ 130 މީހުންނަށް ކަމަށްވާތީއެވެ. އަދި 415 ވަރަކަށް މީހުން ފުވައްމުލަކަށް ނުދެވި މާލޭގައި ތާށިވެފައިވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
ޚިޔާލުތައް