23 މެއި 2019 ( ބުރާސްފަތި )

banner

ޜޭގެ ބައްދަލުވުމުގައި ބައިވެރިއަކު ޚިޔާލު ހުށަހަޅަނީ. ފޮޓޯ؛ ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކުގެ ފަތުރުވެރިކަމާއި ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް

ފަތުރުވެރިކަމާއި ގުޅޭ ގޮތުން ފުވައްމުލަކުގައި ހުރި ކަންބޮޑުވުންތައް ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ރޭ ފުވައްމުލަކު ކުރުނދުމާ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ހިއްސާކޮށްފިއެވެ. ފުވައްމުލަކުގައި ޓްވަރިޒަމް ދާއިރާގެ މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ބައިވެރިވި މިބައްދަލުވުމުގައި ބައިވެރިންނަށް މިނިވަންކަމާއެކު ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް ފުރުސަތު ލިބިގެން ދިޔަ ކަން ފާހަގަ ކުރެވުނުވެ.

ރޭގެ ބައްދަލުވުމުން ވެސް ބޮޑަށް ފާހަގަވެގެން ދިޔައީ ފުވައްމުލަކުގައި ފަތުރުވެރިކަމުގެ މައިގަނޑު ހަރަކާތެއްގެ ގޮތެއްގައި އޮތީ ޑައިވީނަށް ދިއުން ކަމެވެ. މައިގަނޑު ގޮތެއްގައި ބައިވެރިން ފާހަގަކޮށްފައި ވަނީ ގެސްޓުން ފުވައްމުލަކަށް ގެނައުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ.

ޑައިވީން ޑެސްޓިނޭޝަނެއްގެ ގޮތުގައި ފުވައްމުލައް ސިޓީ އިސްތިހާރު ކުރުމަށް އަހަންމިއްޔަތުކަމެއް ލިބުމުގެ މުހިންމުކަން ފާހަގަ ކުރެވުނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭ އިރު ގެސްޓް ހައުސް އިޝްތިހާރުކުރުން މާކެޓިންގެ ތެރެއިން ހިމެނެން ޖެހޭ ކަމަށާއި އެކަމަމުގައި ފުވައްމުލަކުގެ ފަރާތްތަކަށް ވެސް ފުރުސަތު ފަހިވެފައި އޮންނަން ޖެހެކަމަށް ހުށަހެޅުނެވެ.

ގެސްޓުން ފުވައްމުލަކާއި ހަމަޔަށް ގެނައުމުގައި ޓިކެޓު އަގުބޮޑުވުމާއި ލޯންޗު ދަތުރު ތަކުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުން ފާޅުކުރެވުނެވެ. އައްޑޫމަގުން ފުވައްމުލަކަށް އަންނަ ފަތުރުވެރިންނަށް އެމްޕީއެލް ލޯންޗުން ދިމާވާ ދަތިތަކާއި ލޯންޗު ދަތުރުތައް އިންޓަރނޭޝަނަލް ފްލައިޓް ދަތުރާއި ދިމާނުވާތީ ކުރިމަތިލާންޖެހޭ ދަތިތަކަށް ހައްލެއް ލިބޭނެ ގޮތެއް ހޯދުމަށް ވާހަކަ ދެކެވުނެވެ.

ސަފާރީތަކުން ރަށުގެ ކައިރީގައިވާ ތިލަފަރަށް ނަގިލި ލައިގެން ތިބުމުގެ ކަންބޮޑުވުން ފާހަގަ ކުރިއެވެ. އެގޮތުން ދާދި ފަހުން ވެސް 3 ސަފާރީ އަކުން އެ ތިލައިގެ މުރަކަތައް މައްޗަށް ނަގިލި ލައިގެން ތިއްބާ އެކަން ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަމަށް ހައެއްލެއް ހޯދިފައި ނުވާކަމަށެވެ. އެފަރުތައް ހަލާކުވެ ރަށުގެ ޑައިވިން ޕޮއިންޓްތަކަށް ގެއްލުންވާ ކަންކަން ހުއްޓުވައި ދިނުމަށް އެދިފައި ވެއެވެ.

ބަނދަރު ނެރު ކައިރީގައިވާ ޑައިވީން ޕޮއިންޓްގެ ޑައިވީން ސަރަހައްދު ފާހަގަކޮށްފައި ބެހެއްޓުމުގެ މުހިންމުކަމުގެ ވާހަކަށް ވެސް މަޝްވަރާ ކުރެވުނެވެ. އެގޮތުން ބަނދަރަށް ވަދެ ނިކުމެ ހަދާ އުޅަނދުފަހަރުން ޑައިވަރުންނަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުސަތު އޮތުމާއެކު އެސަރަހައްދުގައި ބޮއެ އަޅައި ފާހަގަ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް އެދިފައިވެއެވެ.

ޑައިވީނަށް ދާމީހުން ޑިކޯވާ (ޑިކޮމްޕްރެޝަރައިޒް) ހާލަތެއްގައި ފަރުވާލިބޭނެ ތަނެއް ކައިރި ހިސާބެއްގައި ނެތުމުގެ ކަންބޮޑުވުން ހާމަކުރެވުނެވެ. އައްޑޫ ހެރެތެރެ ރިޒޯޓުގައި ކުރިން ބޭނުންކުރަމުން އައި ޑިކޯ ޗެމްބަރު ވެސް މިހާރު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ހުުރުމުން އެފަދަ ވަސީލަތެއްގެ މުހިންމުކަން ފާހަގަކުރެވިފައި ވެއެވެ.

ޑައިވީންގެ ވަގުތަށް ފަހު ގެސްޓުން ކުރާނެ އިތުރުން އެހެން ކަންތައްތަކެއް ވެސް ފާހަގަކުރެވިފައި ހުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާހަކަ ދެކެވުނެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ގްރީން ޓެކްސް ގެ ފައިދާއެއް ފުވައްމުލަކުގެ ތިމާވެއްޓަށް ނުކުރާ ކަމަށާއި އެކަން ކުރެވެނީ ރަނަގަޅަށް ނޫންކަމަށް ބައިވެރިއަކު ފާހަގަ ކުރިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަ ފަރާތްތަކަށް އެސްއެމްއީ ބޭންކުން ލޯނުގެ ފުރުސަތު ހުޅުވާލެވި މިދާއިރާ ފުޅާކުރުމަށް ފުރުސަތު ހޯދައިދިނުމަށް ވެސް ބައިވެރިއަކު ޚިޔާލު ހުށަހެޅިއެވެ.

ކުރުނދުމާ މާލަމުގައި ރޭ ބޭއްވި ފަތުރުވެރިކަމުގެ ދާއިރާގެ ބައްދަލުވުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މީގެ އިތުރުން ފުވައްމުލަކއުގައި އޮތް ހަމައެކަނި ބީޗު، ތުނޑީ ސަރަހައްދުން ވަކިބައެއް ފަތުރުވެރިކަމަށް ޚާއްސަކޮށް ދިނުމަށް ހުށަހެޅުނެވެ. އަދި ފުވައްމުލަކުގައި ފަތުރުވެރިކަން ފުޅާ ކުރުމުގެ ގޮތުން ސިޓީ ހޮޓަލުގެ ވާހަކަ ވެސް ހުށަހެޅިގެން ދިޔައެވެ.

ރޭގެ ބައްދަލުވުމުން ހާމަވެގެންދިޔަ އަނެއްކަމަކީ މިދާއިރާގެ ފަރާތްތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ރުޅިވެރިކަމެވެ. ބައެއް ފަރާތްތަކުން ބައްދަލުވުމުގެ އުސޫލު ގެއްލުވާލައި ހިތައްއެރި ވަގުތަކު ވާހަކަދައްކަމުން ދިޔައެވެ. އެއްބައިވެރިޔަކު ވަރަށް ޒާތީގޮތުން އެހެން ފަަރާތްތަކަށް އިނގިލި ދިއްކޮށް ނޭދެވޭ ބަސްތައް ބޭނުންކުރިކަން ވެސް ފާހަގަވިއެވެ.

ޓްވަރިޒަމް މިނިސްޓަރު އަލީ ވަހީދު މޮޑަރޭޓް ކުރައްވައިގެން ކުރިޔަށް ގެންދެވި މިބައްދަލުވުމުގައި ދޭތެރެދޭތެރެއިން ބައިވެރިން ހުއްޓުވާއި ކޮންޓްރޯލް ކުރެއްވިއިރު ވެސް ހުރިހާ ބައިވެރިންގެ ވާހަކަތަކަށް ފުރުސަތު ދެއްވައި މިނިސްޓރީގެ ވިސްނުން ހާމަކުރައްވަމުން ގެންދެވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގެ ވަށައިގެން ވާ ފަރާއި އަތިރިމަތިން ހިމާޔަތް ކުރުމަށް އެދޭ ތަންތަން ފާހަގަކޮށް އެކަން ކައުންސިލް މެދުވެރިކޮށް އެމިނިސްޓްރީއަށް ހުށަހެޅުުމުން ކަމާއި ގުޅުން ހުރި ފަރާތަކުގެ މަޝްވަރާގެ މަތިން އެކަންކަމަށް މަސައްކަތް ކުރެވިގެން ދާނެކަމަށެވެ. އެ މިނިނސްޓްރީ ތެރެއިން އެއްވެސް ކަމެއް ސިއްރު ކުރެވިފައި ނޯންނާނެ ކަމަށާއި ހުރިހާކަމެއް ވެެސް ގެންދެވޭނީ ޓްރާނސްޕޭރެންޓްކޮށް ކަމަށެވެ.

މިބައްދަލުވުމުގައި ތިމަވެއްޓާއި ބެހޭ މިނިސްޓރީގެ ސްޓޭޓް މިނިސްޓަރާއި ދައުލަތުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ އެޖެންސީ އެމްއެއްމްޕީއާރުސީގެ ފަރާތުންނާއި އަތޮޅު ކައުންސިލުން ބައިވެރިވެފައި ވެއެވެ.

މިބައްދަލުވުމުގައި ފުވައްލަކުގެ ތިމާވެއްޓާއި ގުޅޭ ގޮތުން ވެސް ޚިޔާލު ހުށެޅުނެވެ.

banner


ކިޔުންތެރިންގެ ޚިޔާލު