19 މެއި 2019 ( އާދީއްތަ )

banner

ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢު ނާއިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެއެވެ.

މި ރަސްމިއްޔާތުގައި ވާހަކުފުޅު ދައްކަވުން ނާއިބު ރައީސް ވިދާޅުވީ، އެމަނިކުފާނާ އަދި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅަކީ ވެސް، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުންކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙް ކުރެވުނު ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ އެސިޓީގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ފުވައްމުލަކުގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފެށިފައި އޮތް މަޝްރޫޢެއް ނަމަވެސް މި މަޝްރޫޢު މިހާރު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައި ވިދާޅުވިއެވެ. އެގޮތުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަކީ މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު އިލްތިމާސް ކުރެއްވިއެވެ.

ނާއިބު ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ފާއިތުވީ ހަފުތާ ނިމެމުންދަނިކޮށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔާރު، ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުންނާއި ހިއްސާނުކޮށް ކަމަށާއި އެމަސައްކަތުގެ ޑީޒައިން އެފަރާތަށް ނުލިބޭ ކަމަށް މީޑީއާއަށް މައުލޫމާތު ދެއްވާފައި ވަނިކޮށެވެ. މޭޔަރުގެ މިވާހަކަފުޅާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ މަގުގެ ޑިޒައިނާއި ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރިމަތި ކުރަމުންނެވެ. މިކަމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް ސަރުކާރުން ވަނީ މިމަޝްރޫއާއި ގުޅޭ ގޮތުން ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

banner


ކިޔުންތެރިންގެ ޚިޔާލު


  1. އަނގަގަދަ މިތުރު 19 އޭޕްރީލް 2019 15:04

    ފުވައްމުލަކު މަގު ހަދަންޏާ ހއ.އުތީމާ ހދ. ނޭކުރެންދުއާ ށ.ފީވަކާ ނ.މަގޫދުއާ ރ.މީދުއާ ބ.ފުޅަދުއާ، ޅ.އޮޅުވެލިފުއްޓާ ކ.ހުރާ، އާއި އއ.މަތިވެރި، އދ.ކުނބުރުދޫ، ވ.ފެލިދޫ، މ.ނާލާފުށި، ފ.މަގޫދޫ، ދ.ރިނބިދޫ، ތ.ވަންދޫ، ލ.ކުނަހަންދޫ، ގއ.ގެމަނަފުށި، ގދ.ރަތަފަންދޫ، ވެސް މަގުހަދަންޖެހޭނެއެވެ. މިނޫނަސް ދިވެހިރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގަވެސް މަގުހަދަންޖެހޭނއެވެ. މިރަށްތަކުގަވެސް ދިރިއުޅެނީ ދިވެހިރައްޔިޔުންނެވެ. ފުވައްމުލަކުގަ މަގުހެދުމަށް ހޭދަކުރަނީވެސް ދިވެހިރައްޔިތުންގެ ފައިސާއެވެ. ދިވެހިރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ކަންކަން ކުރަންޖެހޭނީ އެންމެން ހަމަހަމަ ވާގޮތެއްގެމަތިންނެވެ. ސިޔާސީ މަޤުސަދު ހާސިލްކުރުމަށް ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރެވޭނެ ގޮތެއް އޮތްކަމަކަށް ނުދެކެމެވެ.