ފުވައްމުލައް ސިޓީގައި އައިސީޓީ ކެމްޕަހެއް ބިނާކުރުމަށް ތައްޔާރުވަމުން ދާކަމުގެ މައުލޫމަތު މިކަލް ނޫހަށް ލިބެއެވެ. އެގޮތުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެމްޕަހެއް އަޅާނެ ބިނެއް ކަންޑައެޅުމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޝްވަރާ ކުރައްވާފައި ވެއެވެ.
ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިނިސްޓަރ މަލީޙު ވަނީ އައިސީޓީ ކެމްޕަސް އެޅުމަށްތަކައި ސިޓީގެ ބައެއް ތަންތަން ބައްލަވާލައްވާފައެވެ.

އައިސީޓީ ކެމްޕަސް އަޅާނެ ތަންތަން ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ބައްލަވާލައްވަނީ
މީގެ ކުރިން، ފާއިތުވި އޭޕްރީލް މަހު، ވެސް މިނިސްޓރީ އޮފް ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމެންޓާއި ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މަލީޙު އާއެކު ފުވައްމުލައް ސިޓީ ކައުންސިލުގައި ވަނީ މިކަމާއި ގުޅޭ ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި އައިސީޓީ ކެމްޕަހެއް އެލުމާއި ފުވައްމުލައް ސިޓީ ސްމާރޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
ސްމާރޓް ސިޓީއެއްގެ ގޮތުގައި ފުވައަމުލައް ސިޓީ ތަރައްގީކުރުމުގެ ގޮތުން އޭޕްރީލް މަހު ކުރެވުނު މަޝްވަރާގެ ތެރެއިންއައިސީޓީގެ ހުނަރުވެރިން ގިނަ އަދަދަކަށް ފުވައްމުލަކުގައި ތިބިއިރު ރާއްޖޭގެ ނިސްބަތުން ވެސް މަޝްހޫރު އައިބޭ އާއި ފޮލޯމީ އަދި ލަވަފޮށީގެ އިތުރުން ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކާއި އެތައް ވެބް އެޕްލިކޭޝަންތަކެއް ފުވައްމުލަކުގެ ޑިވޮލޮޕަރުން ތައްޔާރުކޮށް މާކެޓަށް ނެރެފައިވެއެވެ. އައިސީޓީގެ ހުނަރަކީ ގައުމީ ފެންވަރެއްގައި ފުވައްމުލަކުގައި ތަރައްގީ ކުރެވިދާނެ ފަންނުވެރިކަމެކެވެ.
މިހާރުވެސް ފުވައްމުލަކުގައި ހުރި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިންކިއުބޭޓަރ އިތުރަށް ފުރިހަމަ ކުރެވުމަށް އަސީޓީ ޕާކެއްގެ ތެރެއިން އެކަން ގެންދެވޭގޮތް ވެއްޖެ ނަމަ މިހާރަށްވުރެ އެ އިންކިއުބޭޓަރގެ ޚިދުމަށް ފުޅާވެ މުޅިގައުމަށް އެކަމުގެ މަންފާ ކުރާނެއެވެ.
މީގެ ދުވަސްގަނޑެއް ކުރިން ފެށިގެން ފުވައްމުލަކުގެ ޒުވާނުން މަދުން ނަމަވެސް ބައިނަލް އަގުވާމީ ކުންފުނިތަކުގެ ވަޒީފާ ރަށުގައި ތިބެގެން އަދާކުރަމުން އަންނަކަން ވެސް ފާހަގަ ކުރެވެއެވެ. އެކަމަށް އޭރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަރނެޓް ސްޕީޑް ދަށްވުން ކަން އެފަރާތްތަކުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް އުރީދޫއިން އިއްޔެ ފުވައްމުލަކުގައި ތައާރަފުކުރި ފައިބަރ އޮޕްޓިކްސް ގިގަބައިޓް ސްޕީޑުގެ ނެޓްވޯކާއެކުު ފުވައްމުލަކުގެ އިންޓަރނެޓް ސްޕީޓް މުޅިރާއްޖޭގެ އެހެން ހުރިހާތަނަކަށް ވުރެ ހަލުއިވެގެން ދާނެއެވެ. އަދި މީގެ ސަބަބުން ފުވައްމުލަކުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ރާއްޖޭގެ އަސްދަނޑިން ބޭރަށް ހުޅުވައިގެން ދިއުމަށް ބާރަކަށް ވެގެންދާނެއެވެ.

އައިސީޓީ ކެމްޕަސް އެލުމުގެ މަޝްބަޜާ ބައްދަލުވުން – 3 މެއި
ރާއްޖޭގެ ޓެލެކޮމް ޑުއަޕޮލީގައި ވާދަވެރި ދިރާގުން ވެސް ވަނީ ފުވައްމުލަކުގައި ފައިބަރ އޮޕްޓިކް ނެޓްވޯކެއް އަޅައި ގޭގެއަށް ގުޅަން ފަށާފައެވެ. އަދި މާގިނަ ދުވަހެއް ނުވެ ދިރާގުން ވެސް ހަމަ އެހާ ހަލުއިސްޕީޑަށް އެމީހުންގެ ޚިދުމަތް ދޭނެ ކަމީ، ފުވައްމުލަކުގެ އިންޓަރނެޓް ސްޕީޑަށް އޮތް އުޖާލާ ފަހި ކުރިމަގެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތެރޭގައި ފުވައްމުލަކަށް ކޮށްދެއްވާނެ އާ ކަމެއްގެ ގޮތުގައި ކަނޑައާޅުއްވާފައިވާ ގައުމީ ޔުނިވަސިޓީގެ އައިސީޓީ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމު ކުރެއްވިގެން ދާތަން ބަލަން ފުވައްމުލަކުގެ ރައްޔިތުން ނާއި ޒުވާނުން ތިބީ ކެތްމަދުވެފައެވެ.
ޚިޔާލުތައް