19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

ފުވައްމުލައް އިމާރާތް ކުރުމަށްބޭނުންވާ ދޮންވެލި ނުލިބި މަސައްކަތް ހުއްޓިފައި

ފުވައްމުލައް ސިޓީގައި ގެދޮރު އެޅުމަށް ބޭނުންވާ ދޮންވެލި ލިބޭނޭ ގޮތެއް ހޯދަނީ

މިދުވަސްވަރު ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ މަސައްކަތް މުޅިން ހެން ކަހަލަ ގޮތަކަށް ހުއްޓިފައި ވަނީ އިމާރާތް ކުރުމަށް ބޭނުންވާ ގަލާއި ދޮންވެލި ލިބޭނޭ ގޮތެއް ނެތިގެން ކަމަށް ކޮންސްޓްރަސްޝަން މަސައްކަތް ކުރާ ފަރާތތްކުން ހާމަކުރެއެވެ. ރޭނުމަށް ބޭނުންވާ ގާއަޅަން ވެސް ދޮންވެލި ނުލިބޭކަމަށެވެ.

ގޮންވެލި ނުލިބި ރަށުގެ މަސއްކަތްތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރީ ހަމަ އެކަނި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން އެކަންނެއް ނޫނެވެ. އިމާރާތްތަކުގެ ވެރިފަރާތްތަކުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.

ފުވައްމުލަކަށް ބޭނުންވާ ދޮންވެލި ނެގުމަށް ހުވަދު އަތޮޅުގެ އޮޑެގައްލާ ފަޅު ސަރުކާރުން ހަމަޖެއްސިއެވެ. ނަމަވެސް އެތަނުން ދޮންވެލި ނުނަގައި ފުވައްމުލަކަށް ދޮންވެލި ގެންނަނީ ހުވަދު އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއިއެކު ވާހަކަ ދެކެވި އެރަށް ރަށުގެ މީހުން ނަގާ ދޮންވެލި ގަނެގެންނެވެ. އެގޮތުން އެންމެ ގިނައިން ފުވައްމުލަކަށް ދޮންވެލި ގަނެގެން ގެންނަނީ ގދ.ތިނަދޫ މީހުންގެ އަތުންނެވެ. އެގޮތުން ގަންނަ ދޮންވެލި ފުވައްމުލަކުގެ ދޯނިތަކުގައި ރަށަށް ސަޕްލައިކޮށް އުޅެއެވެ. ނަމަވެސް އެ ދޯނިތަކަށް ދޮންވެލި ލިބުން ހުއްޓުނީ ގދ.ތިނަދޫ ކައުންސިލުން ދޮންވެލި ދޫނުކުރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިހަފުތާ ތެރޭގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރުކޮށްފައެވެ. އަދި އެރަށްރަށުގެ ކައުންސިލްތަކާއެކު ކުރެވުނު މަޝްވަރާއަށް ފަހު ދޮންވެލި ލިބޭނޭ މަގުފަހިކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހުވަދު އަތޮޅު ދެކުނުބުރީގެ ގިނަ ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު ދޮންވެލި ދޫކުރުމަށް އެ ކައުންސިލްތަކުން އެއްބަސްވެފައި ކަމަށް ސިޓީކައުންސިލުން ހާމަކުރެއެވެ. އެގޮތުން މަޝްވަރާ ކުރެވުނު ކައުންސިލްތަކުގެ ތެރޭގައި ގދ. ތިނަދޫ، މަޑަވެލި، ހޯދެއްދޫ، ނަޑެއްލާ، ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ. އަދި ގއ. އަތޮޅު ކައުންސިލާއި ގއ.ވިލިނގިލީ ކައުންސިލާއި އެކުވެސް ދޮންވެލި ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ބޭނުންތަކަށް ދޮންވެލި ނެގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާފައިވާ ގދ. އޮޑެގައްލާ ފަޅުންޕަމްޕް ބޭނުންކޮށްގެން ދޮންވެލި ނެގުމަށް އީޕީއޭ (އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީ) އާއެކު ކުރެވުނު މަޝްވަރާއާއެކު އެކަމަށް އެ އޭޖެންސީން ހުއްދަ ދީފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ފުވައްމުލަކުގެ ގޮނުދޮށުން ދޮންވެލި ނެގުން ހުއްޓާލުމާއި ގުޅިގެން ފުވައްމުލަކުގައި އިމާރާތް ކުރުމަށް ބޭނުންވާ ދޮންވެލި މުޅިންވެސް ހޯދަމުން އައީ ހުވަދޫއަތޮޅުންނެވެ.

ރަށުން ހިލައާއި ހިލަވެލީގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ރޭނުމަށާއި ގާއެކުމަށް ބޭނުންކުރަނި ދޮންވެއްޔެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުން ފުވައްމުލަކުގައި އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ރަށުން ހެޔޮ އަގެއްގައި ލިބޭނޭގޮތް ވޭތޯ ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.



ކިޔުންތެރިންގެ ޚިޔާލު