29 މާރިޗު 2020 ( އާދީއްތަ )

banner

އެންޑީއެން ދިފާއު ކުރުމުގައި މަޖިލިސް ރައީސް މިވަނީ ހައްދުފަހަޅާފައި – ޖަމީލް

އިސްލާމްދީނަށް ފުރައްސާރަވާފަދަ ގޮތަަކަށް ރިޕޯޓު ނެރެފައިވާ މޯލްޑީވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ދިފާއު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހައްދުފަހަޅައަޅާ ގޮސްފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ޖަމީލް މިހެން ވިދާޅުވީ ޓްވިޓާ މެދުވެރިކޮށް އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. “މަޖިލިސް ރައީސް މިވަނީ އެމްޑީއެން ދިފާޢުކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައި” ޖަމީލުގެ ޓްވީޓުގައިވެއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އެމްޑީއެން ގެ ރިޕޯޓާއި ދެކޮޅަށް ވާހަކަދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން ކަމުގައެވެ. އަދި ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

“އެ ރިޕޯޓާ ދެކޮޅަށް ވާހަކަދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން. ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމާ މެދު ޝައްކުނުކުރައްވާ” ޖަމީލްގެ ޓްވީޓުގައި ބަޔާންކޮށްފައިވެއެވެ.

ޖަމީލް މިމޭރުމުން ޓްވީޓުކުރައްވާފައި މިވަނީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ވާހަކަ “ހަރު އަޑުން” ދައްކައި ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލަނީ ހަނގުރާމަ އަށް ސީރިއާ އަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވިފައިވާ ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި އިއްޔެ ވިދާޅުވި ވާހަކަ ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަ އެގޮތަށް އައީ، ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީއާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައިރު، އެމްޑީއެންއާ މެދުގައި ފިޔަވަޅު އެޅުން ލަސްވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވުމުންނެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ސަރުކާރާއި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރިޕޯޓުގައި ހުރި އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް ކުށްވެރިކޮށްފައިވާ ކަމަށެވެ. އެއީ “މިވަގުތު ނުކުތް” ރިޕޯޓެއް ނޫން ކަމަށާއި ރިޕޯޓު ނުކުތީ 2014 ގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. “އެ ރިޕޯޓުގައިވޭ އެހެން ވާހަކަތަކެއް، އެއްގޮތަކަށް ވެސް ފާހަގަ ނުކުރެވޭ. އެއީ ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ،” ނަޝީދު ވިދާޅުވި އެވެ.

ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބައެއް ކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމްޑީއެންގެ ރިޕޯޓަކީ “އެވެނި، މިވެނި” ރިޕޯޓެއް ކަމަށް ބުނެ އެންމެ ހަރު އަޑުން ވާހަކަ ދައްކަނީ އެ ރިޕޯޓުގައި ސީރިއާ އަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވި، އިނގިލި ދިއްކުރެވިފައިވާ މީހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެންޑީއެން ގެ ރިޕޯޓާއި ގުޅިގެން ދިވެހިންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ކައުންސިލްތަކުންވެސް ދަނީ އެރިޕޯޓް ކުށްވެރިކޮށް ބަޔާންނެރެމުންނެވެ. އެގޮތުން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ އެމްޑީއެންގެ ބަޔާން ކުށްވެރިކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން އެއްވެސް އެއްޗެއް ހާމައެއްނުކުރެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

 ކިޔުންތެރިންގެ ޚިޔާލު