29 މާރިޗު 2020 ( އާދީއްތަ )

banner

މޭޔަރުކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި

ސިޓީ ކައުންސިލްގެ މޭޔަރު އާންމު ވޯޓަކުން ހޮވާގޮތަށް ގާނޫނަށް ގެނައި ބަދަލާއިއެކު މޭޔަރުކަމުގެ މަގާމު ވާދަވެރި މަގާމަކަށްވެއްޖެއެވެ. ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަގާމަށް މިހާތަނަށް ވެރިކަން ކުރާ އެމްޑީޕީއިން ވާދަކުރުމަށް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާއިރު ވާދަވެރި ޕީޕީއެމް އިންވެސް 2 ކެންޑިޑޭޓަކު މިހާރު ވަނީ ޝާއުވެރިކަން ފާޅުކުރަންފަށާފައެވެ.

މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ބަލާއިރު އަދިވެސް އެންމެ ވާދަވެރިވެފައިވަނީ އެމްޑީޕީގެއެވެ. އެގޮތުން، މިހާރުގެ މޭޔަރު ފަލާހު ޝަރީފުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ކެމްޕޭނުކުރަމުންނެވެ. ފަލާހުގެ އިތުރުން، 2014 ވަނައަހަރު ފުވައްމުލަކު އުތުރު ދާއިރާއިން އެމްޑީޕީ ޓިކެޓުގައި ވާދަކުރި އިސްމާއީލް ރަފީގުވެސް ދަނީ ފޯރިއާއިއެކު ކެމްޕޭނުކުރަމުންނެވެ. ފަލާހާއި، އިސްމާއީލްގެ އިތުރުން އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ މުހައްމަދު ނިޒާމު ހަސަންގެ ކެމްޕޭނު ފެންނަމުންދަނީ ވަރަށްވެސް ރޭވިގެން ހިންގަމުންގެންދާތަނެވެ. ފަހާލާއި، އިސްމާއީލާއި، ނިޒާމުގެ އިތުރުން މިސްކިތްމަގު އަހުމަދު މުހައްމަދު ވެސް ދަނީ ސޯޝަލް މީޑިއާގައި ގަދަޔަށް ކެމްޕޭނު ކުރަމުންނެވެ. އެހެންކަމުން މިފަހަރުގެ އެމްޑީޕީ ޕްރައިމަރީވެސް ވާދަވެރިވާނެ ކަމަށް ބެލެވެއެވެ.

އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތިން ގޮޑި އެމްޑީޕީއިން ކާމިޔާބުކޮށް އިތުބާރު ގާއިމުކޮށްފައިވާތީވެ އެމްޑީޕީ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުގެ އިތުބާރު ދުވަހެއް ދުވަހަށް ދަށަށްދަމުން ދިއުމަކީ އެފަރާތްތައް އިންތިޚާބު ކާމިޔާބު ކުރުމަށް ލިބޭ ހިތްވަރެއްކަމަށެވެ. ފުވައްމުލަކު ގިނަ ބައެއްގެ އުއްމީދު އެކަމަކާއި ގުޅިފައިވާ މަގުތައް ހަދާނެކަން އިއުލާންކޮށް ރިންގުރޯޑުގެ ބައެއް ނިންމާފައިވީ ނަމަވެސް ބާކީ ހުރި މަގުތަކުގެ އަމަލީ މަސައްކަތް ނުފެށުމަކީ އިދިކޮޅަށް ލިބޭ ހިތްވަރެކެވެ. އަދި އިތުރު އެއްވެސް މަގެއްގައި ތާރުގެ މަސައްކަތް، ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ނުހިންގޭނެކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިކަލް ނޫހަށް ވަރަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން، އެމަސައްކަތް ހަވާލުވެފައިވާ އެމްޓީސީސީއަށް މަގު ހެދުމުގެ ގިނަ ޕްރޮޖެކްތަކެއް ލިބިފައިވާއިރު ފުވައްމުލަކުގެ ބާކީ ހުރި މަގުތަކުގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވަނީ ވަރަށް ފަހަތަށެވެ. އެހެންކަމުން، އިދިކޮޅު ކެންޑިޑޭޓުންގެ އުއްމީދުވެސް ދަނީ އާލާވަމުންނެވެ.

އެމްޑީޕީގެ އިތުރުން، ޕީޕީއެމްއިންވެސް ދެފަރާތަކުން ވަނީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެދުދާއިރާ ތަމްސީލުކުރެއްވި އަލީ ފަޒާދު (އަލިބެ) އާއި ވާދަކުރުމަށް ކުރިން ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބްރާންޗުގެ މެނޭޖަރު ދަޑިމަގަށް ނިސްބަތްވާ ތޯރިގް (ޗެޓޫ) ވަނީ ފޫގަޅާފައެވެ. ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮތް ދަޑިމަގުގެސަޕޯޓާއިއެކު ޗެޓޫ ނިކުންނައިރު އަލީ ފަޒާދަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ނިމިދިޔަ ދައުރު ނިމެމުންދަނިކޮށް ޕީޕީއެމް އިން ވަކިވެފައިވުމުން އަލުން ޕީޕީއެމް ސަޕޯޓަރުންގެ އިތުބާރު ހޯދުމެވެ. ޕީޕީއެމްއިން ކެންޑިޑޭޓުން އައްޔަންކުރުމުގައި ޕޮއިންޓް ސިސްޓަމަށް ބަލަމުންދާތީވެ އަލީ ފަޒާދަށް ޕްރައިމަރީއަކަށް ދާންޖެހޭ މިންވަރަށް ޕޮއިންޓް ލިބިދާނެކަމާއިމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށް ދަޑީމަގު ޒިޔާދު ޒަކަރިއްޔާ ވެސް ވަނީ ބައެއް ފަރާތްތަކާއި މަޝްވަރާކޮށްފައެވެ. ކަނޑުދަތުރުކުރުމުގެ ސިނާއަތުގައި ގިނަ ދުވަހު މަސައްކަތްކޮށް ޓަގުފަހަރުގެ މާސްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ކުރީގެ ޕީޕީއެމް މެންބަރު ޒިޔާދަކީ ސިޔާސީ ކަންތައްތަކަށް އަބަދުވެސް ޝައުގުވެރިކަން ހުންނަފަރާތެކެވެ.

ފުވައްމުލަކު ސިޓީއެކޭ އެއްގޮތަށް މާލެ ސިޓީ އާއި އައްޑޫ ސިޓީގެވެސް މޭޔަރު ކަމުގެ މަގާމަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަންނަ އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، މީގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި މޭޔަރަކަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ.

 



ކިޔުންތެރިންގެ ޚިޔާލު