A wide advertisement which will be shown on all devices. (700 x 100)

އޯލެވެލް އިމްތިހާނުގައި ޏ.އޭއީސީއިން ކުރިއެރުން ހޯދައިފި

2020 ވަނަ އަހަރު ޏ.އޭއީސީގެ ކިޔެވުން ފެށުމުގެ ޚާއްސަ ރަސްމިއްޔާތު. ފޮޓޯ: ޏ.އޭއީސީ

ފާއިތުވި އަހަރުގެ އޯލެވެލް އިމްތިހާނުން ޏ.އަތޮޅު ތައުލީމީ މަރުކަޒުން ކުރިއެރުންތަކެއް ހޯދައިފިއެވެ. އެގޮތުން 2019 ވަނަ އަހަރު އޮކްޓޯބަރ/ނޮވެމްބަރު އިމްތިހާނުން އެސްކޫލުގެ 14 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނޭވަރުގެ މަތީ ނަތީޖާއެއް ހާސިލުކޮށްފައި ވެއެވެ. އޭގެތެރޭގައި ވެސް ގަދަ 10ގެ 2 ވަނާގައި ދެ ދަރިވަރަކު ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މި ޖެނުއަރީ މަހު އާއްމު ކުރެވުނު ނަތީޖާއިން އެނގޭ ގޮތުގައި ޏ.އޭއީސީން ވަނީ ހުރިހާ މާއްދާއަކުން ވެސް %50 އަށް ވުރެ މަތިން ފާސް މާކްސް ހޯދާފައެވެ. އަދި މެރިން ސައިންސް މާއްދާއިން %100 ފާސް ހޯދާފައި ވެއެވެ. އެއްވެސް މާއްދާއެއްގެ ފާސް އިންސައްތަ %50 އަށް ވުރެ ދަށްނުވާ ކަމަށް ވެއެވެ.

ތަންކޮޅެއް ކުރީގެ އަހަރުތަކަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑެތި ސްކޫލްތަކާއި ޏ.އޭއީސީން ވާދަކުރަމުން ދިޔަ ކަމުގައި ވިޔަސް ދޭތެރެއަކުން އޯލެވެލް ނަތީޖާއާއި އޭލެވެލް ނަތީޖާ ދަށްވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައިވެއެވެ. އަދި އެއާއެކު ބައެއް ބެލެނިވެރިން، ދަރިންގެ ސެކަންޑަރީގައި ކިޔެވުމަށް ފުވައްމުލައް ދޫކޮށް އެހެން ރަށްރަށާއި މާލެއަށް ވެސް ބަދަލުވެފައި ވެއެވެ.

އައު ޕްރިންސިޕަލާއެކު ފާއިތުވި އަހަރު ޏ.އޭއީސީގެ ކިޔެވުން ފެށުމުން ގިނަ ބައެއްގެ އުއްމީދުތައް އާވެގެން ދިޔައެވެ. އަދި އެއް އަހަރުގެ މުއްދަތުގައި ޏ.އޭއީސީން މިހޯދި ކުރިއެރުން ބެލެނިވެރިން ބަލައިގަންނަނީ އުފަލާއި އުއްމީދާ އެކުއެވެ. ނަމަވެސް އުއްމީދު ކުރަނީ ޏ.އޭއީސީ އަކީ މިހާރަށްވުރެން ވެސް މަތީ ނަތީޖާއެއް ހޯދާ، ރާއްޖޭގެ އެންމެ މަތީ ނަތީޖާ ހޯދާ 7 ސްކޫލްތެރޭގައި ހިމެނިގެން ދިއުމަށެވެ. ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގެ ޕާސް ޕަސެންޓޭޖު އުޅެނީ %65 އިން މަތީގައެވެ.

ރާއްޖޭގެ ބޮޑެތި ސްކޫލްތަކާއި ކުރިން ވާދަކުރި ދުވަސްވަރު ޏ.އޭއީސީ އަކީވެސް އާބާދީ ބޮޑު ސްކޫލެކެވެ. އޭރު ސްކޫލުގައި 2000 އާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ތިއްބެވެ. ނަމަވެސް މިހާރު އެސްކޫލަކީ ރާއްޖޭގެ އާބާދީ ބޮޑު ސްކޫލެއް ނޫނެވެ. އޭގެ އެއްސަބަބަކީ ފުވައްމުލަކުގައި ހިމެނޭ ސަރުކާރުގެ އަނެއް 3 ސްކޫލުގައި ވެސް ސެކަންޑަރީއަށް ކިޔަވައިދޭން ނިންމުމުން ކުދިންގެ އާބާދީ 4 ބަޔަކަށް ބެހިގެން ދިއުމެވެ. މިހާރު ޏ.އޭއީސީގެ އާބާދީ އަކީ 400 އެއްހާ ދަރިވަރުންނެވެ. ފާއިތުވި އަހަރު ގްރޭޑް 10ގައި 141 ދަރިވަރުން ކިޔަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް ތަފާސް ހިސާބު ފޮތުން ދައްކައެވެ.

މިބަދަލާއި މެދު އެކިމީހުންގެ ވިސްނުން ތަފާތެވެ. އެއްބަޔަކު އެކަން ބަލައިގަންނަނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކު ބަލައިގަންނަނީ އެއީ ކިޔަވާ ކުދިންނަށް ލިބުނު ގެއްލުމެއްގެ ގޮތުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢައި

    2000؟؟؟؟
    މީކޮންޒަމާނެއްގެ ވާހަކައެއްބަ؟؟؟
    ތަންކޮޅެއް މައުލޫމާތު ސާފުކޮއްލަން ފެނޭ?