6 އޭޕްރީލް 2020 ( ހޯމަ )

banner

އިންޓާނެޓްގެ އަގުހެޔޮކުރުމަށް ނިންމާފައިވަނީ 2022 ގައި ކަމަށް ރައީސް އޮފީހުން އަންގައިފި

މިސަރުކާރު ވެރިކަމަށް އައިސްފައިވަނީ އިންޓާނެޓްގެ އަގުހެޔޮކުރުމުގެ ވައުދާއިއެކުގައެވެ. އެވައުދު ނުފުއްދުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ދަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށް ގިނަގުނަ ފާޑުކިއުން އަމާޒުވަމުންނެވެ. އަދި މިނިސްޓަރު މަލީހުގެ އިސްތިއުފާއަށްވެސް ދަނީ ގޮވަމުންނެވެ. ނަމަވެސް، މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކުން އެގެނީ އިންޓާނެޓްގެ އަގު ހެޔޮކުރުން ލަސްކުރުމަށް ރައީސް އޮފީހުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިމަހު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާއިމިނަތު ޝައުނާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ފޮނުވި ސިޓީގައިވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، ސެޕްގައިވާ ޓައިމްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. ސެޕްގައިވާ ގޮތުން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރަންޖެހެނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް ލަފާ ދީފައިވަނީ ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޝްވަރާއާއެކުގައެވެ.

މިދިޔަ އޮކްޓޫބަރު މަސްތެރޭ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ވަނީ އިންޓާނެޓްގެ އަގު ހެޔޮވާނެކަމުގެ ވާހަކަދައްކަވާފައެވެ. އަދި މިދިޔަ ޖޫން މަސްތެރޭ އެމިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތް ނިންމާ ރައީސް އޮފީހަށް ހުށަހަޅާފައި ކަމަށްވެސް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ. އެއަށްފަހު މީޑިއާއަށް އަލުން ތިލަވި މައުލޫމާތުތަަކަށް ބަލާއިރު ކޮމިއުނިކޭޝަން މިނިސްޓްރީއިން ހުށަހެޅި ޕްލޭނާއި އެއްގޮތަކަށް އަގު ހެޔޮކޮށްފިނަމަ ސަރުކާރަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެކަމަށް ވެސް ޝައުނާ ސޮއެކޮށް ފޮނުވި ސިޓީގައިވެއެވެ. އެސިޓީގައިވާ ގޮތުން “ރައްޔިތުންނަށް މިކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވި، މީގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މިގޮތަށް ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ބެލެވެއެވެ.” އެސީޓިއާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓްކޮށްފައިވެއެވެ.

އިންޓާނެޓްގެ އަގުހެޔޮކުރުން ލަސްކޮށްފައިވަނިކޮށް ސޯޝަލް މީޑިއާ ސިއްސުވާލީ އިންޓާނެޓްގެ މާހައުލު ވާދަވެރިކުރުމަށާއި އަގު ހެޔޮކުރުމަށް އިންޑިއާގެ ރިލަޔަންސް ގެންނަން އުޅޭކަމުގެ ވާހަކަތަކުންނެވެ. އިންޑިއާ އާއި ގާތްގުޅުމެއް ބާއްވާ އެމްޑީޕީގެ ވެރިކަމުން އިންޓާނެޓްގެ އަގު ހެޔޮނުކޮށް މިއޮތީ އިންޑިއާގެ ރިލަޔަންސް ގެންނަން ކަމަށްވެސް އިދިކޮޅު ބައެއް ފަރާތްތަކުން މިހާރުދަނީ ޝައްކުކުރަމުންނެވެ.ކިޔުންތެރިންގެ ޚިޔާލު