A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކައިރީގައި އޮތް ސަފާރީއަކުން ދެމީހުން ކޮރޯނާއަށް ޕޮޒިޓިވުވެއްޖެ

ފުވައްމުލައް ކައިރީގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް މީޑިއާއަށް މައުލޫމާތުދެއްވަމުން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ. މިދެމީހުން ކޮރޯނާއަށް ޕޮޒިޓިވުވުމާއި ގުޅިގެން މިހާރު އެސަފާރީ ވަނީ ކަރަންޓީނު ކުރެވިފައެވެ. އެ ދެ މީހުންނަކީ ވެސް ދެ ބިދޭސީންނެވެ. އެކަމަކު، އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް މަބްރޫކް ނުދެއްވައެވެ.

“އެ ސަފާރީގައި ތިބި ސިމްޓޮމެޓިކް ދެ މީހުންވެސް ޕޮޒިޓިވް ކަމަށް މިހާރު ވަނީ އައިޑެެންޓިފައި ކުރެވިފައި،” މަބްރޫކް ވިދާޅުވިއެވެ. މަބުރޫކު ވިދާޅުވީ، އެ ސަފާރީ އާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ. އެ ސަފާރީ އެންމެ ފަހުން އޮތީ ފުވައްމުލަކު ކައިރީގައި ކަމަށްވީ ނަމަވެސް އެސަފާރީ ދެން ދަތުރު ކުރާނީ ކްރިޓިކަލް ކެއާ ދެވޭ ކަހަލަ ދިމާލަކަށް އަދި އެތަނުގެ ފަޅުތެރޭގައި އޮވެގެން މަސައްކަތް ކުރެވޭނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެސަފާރީއިން ޕޮޒިޓިވްވި ދެ ޓޫރިސްޓުން ދަތުރުކުރި ސަފާރީ ފުވައްމުލަކަށް މަޑުކޮށް، އޭގެ ފަޅުވެރިން ފުވައްމުލަކަށް ފޭބި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށް ފުވައްމުލަކު ކައުންސިލާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފިއެވެ.

އައިލެންޑް ސަފާރީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ފުވައްމުލަކު ބަދަރުގައި އޮތް ނަމަވެސް  އެ ސަފާރީއިން އެއްވެސް ޓޫރިސްޓަކު ފައިބާފައެއްނުވެއެވެ. ނަމަވެސް އެ ސަފާރީގެ ދެ ފަޅުވެރިއަކު ފުވައްމުލަކަށް ފޭބުމާއި ގުޅިގެން، އެ ދެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓްތައް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެސް މަސައްކަތް ކުރަމުން އެބަދެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކު ކައުންސިލުންވަނީ ފުވައްމުލަކު ބަދަރު ޓުއަރިސްޓް އުޅަނދުފަހަރަށް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައެވެ.

މިދެމީހުންނާއި އެކު މިވަގުތު ކޮރޯނާ އަށް ޕޮޒިޓިވުވެފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އެއީ އަނަންތާރާ ދިގުރަށުން ކޮރޯނާ ވައިރަސް ހުރި ދެވަނަ މީހެއްގެ ފެނުމުންނެވެ. އަނަންތާރާ ދިގުރަށުން ފަހުން ކޮރޯނާ ވައިރަސް ފެނުނު ފަރާތާއިއެކު އަނަންތާރާ ދިގުރަށުން ކޮރޯނާއަށް ޕޮޒިޓިވުވެފައި މިވަނީ ދެމަފިރިންނެވެ. އަނަންތާރާގެ އިތުރުން ކޮރޯނާ ވައިރަސް ފެނިފައިވަނީ ކުރެއްދޫ ރިސޯޓުން 5 މީހަކާއި ބަތަލާ ރިސޯޓުން 2 މީހަކާއި، ކުރަމަތިން 2 މީހަކާއި ސަފާރީން ފެނުނު 2 މީހުންގެ ގައިންނެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރުވަނީ  157 ގައުމުން ފެނިފައެވެ. އެއީ 81 އިންސައްތަ ގައުމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !