17 އޯގަސްޓް 2017 (ބުރާސްފަތި)


ހެޔޮޚަބަރު ލިބިވަޑައިގަތް 10 ބޭކަލުން

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މިދުނިޔޭގައި ތިއްބަވަނިކޮށް ލިބޭނެ އެންމެ އުފާވެރި ޚަބަރަކީ ކޮބައިތޯއެވެ. އެއްވެސް ޝައްކެތް ނެތްގޮތުގައި އެޚަބަރަކީ ސުވަރުގެ ލިބޭނެކަމުގެ ޔަގީންކަމެވެ. އެޚަބަރު ވަނީ މިއުއްމަތުގެ އެކިއެކި ބޭކަލުންނަށް އެކިގޮތްގޮތަށް ލިބިފައެވެ. ސުވަރުގެ ލިބޭނެގޮތްތައް ސާފު ސަރީހަކޮށް ބަޔާންކޮށްދީފައިވީ ނަމަވެސް، އިންސާނުންނަކީ ތަފާތު ނުބައިކަންތައްތަކަށް ހިތްލެބޭ ކުށްކުރެވޭނެ ބައެކެެވެ. އެފަދަ ބަޔަކު ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ލިބޭނެކަމުގެ ޚަބަރަކީ ހާދަހާވާ އުފާވެރި ޚަބަރެކެވެ. ކުށެއް ކުރެވުނު ނަމަ ނުވަތަ ކުރެވޭނެ ނަމަ އެކުށައް ތައުބާ ލެއްވޭނެކަން ޔަގީންވީއެވެ. އެތައް ބަޔަކަށް ވަނީ މިޝަރަފު ލިބިލައްވާފައެވެ. ނަމަވެސް، މިއުއްމަތުގެ ދިހަ ބޭކަލަކު"އަށަރަ މުބައްޝަރާ" ނުވަތަ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ގޮތުގައި މަޝްހޫރުވެފައިވެއެވެ. މިފަދަ އުފާވެރި ޚަބަރެއް ލިބޭނެ ބަޔަކީ އަޅުގަނޑުމެންނަށް އެބޭކަލުންގެ ހަޔާތުން އަގުހުރި ފިލާވަޅުތަކެއް ލިބޭނެފަދަ ބޭކަލުންތަކެކެެވެ. އެއީ އަޅުގަނޑުނަށް ހުރި ނަމޫނާ (ރޯލް މޮޑެލް) ބޭކަލުންތަކެކެވެ.

ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންނޭ ބުނުމުން، ހެޔޮ ޚަބަރު ނުވަތަ ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބޭނެކަމުގެ ޚަބަރު ލިބިވަޑައިގަތީ އެންމެ ދިހަ ބޭކަލުންނަށް ކަމަށް ހީވެދާނެއެވެ. ނަމަވެސް، ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބޭނެ ކަމުގެ ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުންގެ އަދަދު ދިހައެއްވުރެ ގިނައެވެ. ބައެއްބޭކަލުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އުފާވެރި ޚަބަރު ލިބިވަޑައިގަތްއިރު، ދުނިޔޭގައި ތިއްބަވަނިކޮށް އަދި ދުނިޔެ ދޫކުރެއްވުމުން އުފާވެރި އެބޭކަލުންގެ ގާތްތިމާގެ ބޭކަލުންނަށް އުފާވެރިކަމުގެ ޚަބަރު ލިބުނެވެ.

އެގޮތުން، އިސްލާމްދީނުގެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެން ޝަހީދުވެވަޑައިގަތް އެތަކެއް ބޭކަލުންނަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލުﷲ (ސއވ) ދެއްވިއެވެ. އެބޭކަލުންގެ ތެރެއިން އުހުދު ހަގުރާމައިގައި ޝަހީދުވެވަޑައިގަތް، އަދި އެބޭކަލު އިސްލާމްވުމާއިއެކު މައްކާ މުޝްރިކުންގެ ފަހަތައް ޖެހުނު ހަމްޒާ ބިން އަބްދުލް މުއްތަލިބުގެ އިތުރުން މުސްއަބު ބިން އުމަރު ހިމެނިވަޑައިގަންނަވައެވެ. އަދި ޖައުފަރު ބިން އަބީ ތާލިބު (ރއ) މުއުތާގެ ހަގުރާމައިގައި ޝަހީދުވެވަޑައިގަތް ޚަބަރާއިއެކު އެކަލޭގެފާނުގެ އަހުލުވެރިންނަށް ޒިޔާރަތް ކުރައްވައި އެކަލޭގެފާނު ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބޭނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނުގެ އަހުލުވެރިންނަށް ކީރިތި ރަސޫލުﷲ (ސއވ) ދެއްވިއެވެ. މިނޫނަސް އެތައް ބޭކަލެއްގެ ގާތްތިމާގެ ފަރާތްތަކަށް މިޚަބަރު ލިބިވަޑައިގަތެވެ.

މިއީ، ދުނިޔެދޫކުރުމަށްފަހު ނުވަތަ ޝަހީދުވެވަޑައިގަތުމުން ސުވަރުގެ ލިބޭނެ ކަމުގެ ޚަބަރު ލިބިވަޑައިގަތް ބޭކަލުންނެވެ. އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގަތް 10 ބޭކަލުންގެ އިތުރުން، އިތުރު ބޭކަލުންތަކަކަށް ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އެބޭކަލުންގެ ތެރޭގައި ޔާސިރުގެ އަހުލުންނާއި، ބިލާލު (ރއ) އާއި ހަސަން (ރއ) އާއި ހުސައިން (ރއ) ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް، މިބޭކަލުންނަށް އެފަދަ ޚަބަރު ލިބިވަޑައިގަތީ ޚާއްސަ މުނާސަބަތަކާއި ގުޅިގެންނެވެ.

މައްކާގެ މުޝްރިކުން ޔާސިރުގެ އަހުލުންނަށް ކުރަމުންދިޔަ ކެތްނުކުރެވޭފަދަ އަނިޔާ ދެކެވަޑައިގަތް ހިނދު ކީރިތި ރަސޫލުﷲ (ސއވ) ހަދީސްކުރެއްވީ، ކެތްތެރިވުމަށެވެ. އަދި ސުވަރުގެ އެބޭކަލުންނަށް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. މުޝްރިކުންގެ އެއަނިޔާއަށް ޔާސިރާއި އެކަލޭގެފާނުގެ އަބިކަނބަލުން ސުމައްޔާ ޝަހީދުވެވަޑައިގަތެވެ.

ބިލާލު (ރއ) ގުޅޭގޮތުން ކީރިތި ރަސޫލުﷲ (ސއވ) ހަދީސްކުރެއްވިއެވެ. "އަޅުގަނޑުގެ ކުރިފުޅުމަތިން، ކަލޭގެފާނުގެ ފިޔަވަޅުފުޅުގެ އަޑު ސުވަރުގެއިން އެއްސެވީމެވެ( ސަހީހު ބުޚާރީ). ހަސަން (ރއ) އާއި ހުސައިން (ރއ) އާއި ގުޅޭގޮތުން ކީރިތި ރަސޫލުﷲ (ސއވ) ހަދީސްކުރެއްވީ އެދެކުދިންނަކީ ސުވަރުގޭގެ ޒުވާނުންގެ ލީޑަރުން ކަމަށެވެ (ޖާމިއުއް ތިރުމިޒީ).

ވީމާ، ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުން ޚާއްސަވަނީ ކިހިނެތްތޯއެވެ. އެ 10 ބޭކަލުން ޚާއްސަވާ ސަބަބުތަކުގެތެރޭގައި އެބޭކަލުންގެ ނަންތައް ލިސްޓެއްގެ ގޮތުގައި އައުން ހިމެނެއެވެ. އެހެންކަމުން، އަށަރަ މުބައްޝަރާ ނުވަތަ ހެޔޮ ޚަބަރު ލިބިވަޑައިގަތް 10 ބޭކަލުންނަކީ ޚާއްސަ 10 ބޭކަލެކެވެ. ވަކިވަކި ބޭކަލުންނަށް ނުވަތަ ބޭކަލުން ތަކަކަށް އުފާވެރި ޚަބަރު ލިބުނު ނަމަވެސް އެއްކޮށް އަދަދުތަކެއް ކަނޑައެޅިގެން މިފަދަ ޝަރަފެއް ލިބިވަޑައިގެންފައިވަނީ ޚާއްސަ 10 ބޭކަލަކަށެވެ. އެއީ، އަބޫބަކުރު (ރއ) އާއި، އުމަރު (ރއ) އާއި އުސްމާނު (ރއ) އާއި އަލީ (ރއ) އާއި އަބޫ އުބައިދާ (ރއ) އާއި އަބްދުއްރަހުމާން (ރއ) އާއި ތަލްހާ (ރއ) އާއި ޒުބައިރު (ރއ) އާއި ސައީދު (ރއ) އާއި ސައުދު (ރއ) އެވެ.

ސައީދު ބުނު ޒައިދު އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ(ސއވ) ހަދީސްފުޅުކުރެއްވިއެވެ. "ދިހަ ބޭކަލަކު ވާހުށީ ސުވަރުގޭގައެވެ. އަބޫ ބަކުރު (ރއ) ވާހުށީ ސުވަރުގޭގައެވެ. އުމަރު (ރއ) ވާހުށީ ސުވަރުގޭގައެވެ. އުސްމާނުވާ ހުށީ ސުވަރުގޭގައެވެ. އަލީ ވާހުށީ ސުވަރުގޭގައެވެ. ތަލްހާ ވާހުށީ ސުވަރުގޭގައެވެ. އައްޒުބައިރު ވާހުށީ ސުވަގޭގައެވެ. އަބްދުއްރަހުމާނު ބިން އައުފު ވާހުށީ ސުވަރުގޭގައެވެ. ސައުދު ވާހުށީ ސުވަރުގޭގައެވެ." އެހިސާބުން ސައީދު ހުއްޓަވާލެއްވިއެވެ. އެހިނދު ޖަމާވެފައިވާ މީސްތަކުން ދެންނެވިއެވެ. "ﷲގެ ވަޖްހުފުޅައްޓަކައި 10 ވަނަ މީހަކީ ކާކުތޯ ދަންނަވާދެއްވާށެވެ." ސައީދު ދެންނެވިއެވެ " ﷲގެ މަޖްހުފުޅަށްޓަކައި ސުވާލުކުރުން ޖަވާބުދެއްވާ ހުށީމެވެ. ﷲ ގެ ރަސޫލާ ދެންނެވިއެވެ. އަބުލް އައުވަރު ވާހުށީ ސުވަރުގޭގައެވެ." އަބުލް އައުވަރަކީ ސައީދުގެ ކުއްޔާއެކެވެ.

މި ބޭކަލުންގެ ނަންތައް ތަރުތީބުކުރުމުގައި ތާރީޅީ އިލްމުވެރިން ތަފާތުތަކެއް ގެންގުޅުއްވި ނަމަވެސް، ފުރަތަމަ ހަތަރު ބޭކަލުން، ގިނަ އިލްމުވެރިން ތަރުތީބު ކުރައްވާފައިވަނީ ޚަލީފާކަންކުރެއްވި ތަރުތީބުންނެވެ. އަނެއް ހަ ބޭފުޅުން ތަރުތީބު ކުރުމުގައި އަޅުގަނޑު ބަލާނީ މިދުނިޔެ ދޫކުރެއްވި ތަރުތީބަށެވެ. އެހެނީ، އުފާވެރި ޚަބަރަކީ ދުނިޔެ ދޫކުރެއްވުމުން ލިބިވަޑައިގަންނަވާ އުފާވެރިކަމެއްގެ ޚަބަރެވެ. އެހެންކަމުން އެދިހަ ބޭކަލުންނަކީ:

1- އަބޫބަކުރު އައްސިއްދީގު (ރއ)

2- އުމަރު ބުނު ޚައްތާބު (ރއ)

3- އުސްމާނު ބުނު އައްފާނު (ރއ)

4- އަލީ ބިން އަބީ ތާލިބް (ރއ)

5- އަބޫ އުބައިދާ އާމިރު ބިން ޖައްރާހް (ރއ)

6- އަބްދުއްރަހުމާން ބިން އައުފު (ރއ)

7- ތަލްހާ ބިން އުބައިދުﷲ (ރއ)

8- އައްޒުބައިރު ބިން އައްވާމް (ރއ)

9- ސައީދު ބިން ޒައިދު (ރއ)

10- ސައުދު ބިން އަބީ ވައްގާސް (ރއ)

މިދިހަ ބޭކަލުންނަށް އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގަތީ ދުނިޔޭގައި ތިއްބަވަނިކޮށެވެ. މިދިހަ ބޭކަލުންނަކީވެސް މުހާޖިރުންނެވެ. އަދި ގުރައިޝް ވަންހައިގެ ބޭކަލުންނެވެ. މިބޭކަލުން ޚާއްސަވާ އަނެއް ސަބަބަކީ މިބޭކަލުންނަކީ އިސްލާމްދީނުގެ މަގުގައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގަތް ވަރުގަދަ ލީޑަރުންތަކެކެވެ. އުމަރު ބިން ޚައްތާބު ފިޔަވައި ދެން ތިއްބެވި ބޭކަލުންނަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ބޭކަލުންގެ ޝަރުފު ހޯއްދެވި ބޭކަލުންނެވެ. އުމަރު ބިން ޚައްތާބަކީ އާދަޔާޚިލާފު ވަރުގަދަ ޝަހުސިއްޔަތެކެވެ. މުސްލިމުންނަށް ގެފުޅުކުރިމަތީގައި ނަމާދުކުރުމުގެ ހައްގު ލިބުނީ އެކަލޭގެފާނު އިސްލާމްވުމަށްފަހުގަ އެވެ. މިދިހަ ބޭކަލުންގެ ލީޑާޝިޕަށް ބަލާއިރު ފުރަތަމަ ހަތަރު ބޭކަލުންނަކީ ހުލަފާއުއްރާޝިދޫން އަލް މަހުދިއްޔޫންގެ ގޮތުގައި މަޝްހޫރުވި ނަމޫނާ ލީޑާރުން ތަކެކެވެ. އަނެއް ހަބޭކަލުންގެ ތެރެއިން އަބޫ އުބައިދާ (ރއ) އަކީ އެންމެ ފުރަތަމަ ޚަލީފާއަކަށް ހުށަހެޅުނު ފަރާތެކެވެ. އެކަލޭގެފާނުގެ ނަން ހުށަހެޅުއްވީ އަބޫ ބަކުރު (ރއ) އެވެ. ނަމަވެސް، އެކަލޭގެފާނު އެމަގާމު ދޫކޮށްލެއްވީއެވެ. ޝާމްކަރަ ފަތަހަވެގެން ދިޔައީ އެކަލޭގެފާނުގެ ވެރިކަމުގެ ދަށުންނެވެ. ތަލްހާ، އައްޒުބަރު، އަބްދު ރަހުމާން، ސައުދު ވަނީ ވެރިއަކު އައްޔަންކުރުމަށް އުމަރު ބިން ޚައްތާބު އެކުލަވާލެއްވި ހަބޭކަލުންގެ (އަނެއް ދެބޭކަލުންނަކީ އުސްމާނު (ރއ) އާއި އަލީ (ރއ)އެވެ) ޝޫރާ މަޖިލީހުގައި ހިމެނިވަޑައިގެންފައެވެ. އުމަރު(ރއ) ހުށަހަޅުއްވާފައިވަނީ އެބޭކަލުންގެ ތެރެއިން ވެރިއަކު އައްޔަންކުރުމަށެވެ. އެހެންކަމުން އެހުރިހާ ބޭކަލުންނަކީ ވެރިކަމަށް ކުފޫ ހަމަވާ ވަރުގަދަ ލީޑަރުންކަމަށް އުމަރު (ރއ) އަށް ގަބޫލުކުރެއްވެނީ ކަމަށް ބެލެވެއެވެ. ސައީދަކީ އުމަރު ބިން ޚައްތާބުގެ އާއިލީ ބޭކަލެއްކަމުން އެކަލޭގެފާނު ނުހިމަނުއްވުމީ ދުރުކަމެއްނޫނެވެ. ނަމަވެސް، ސައީދު ވަނީ އެކަލޭގެފާނުގެ ލީޑާޝިޕް ހަގުރާމަތަކުން ދައްކުވައިދީފައެވެ. އެހެންކަމުން، ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންނަކީ ޚާއްސަ 10 ބޭކަލެކެވެ. އިސްލާމްވުމުގައި ކުރިއަރައިދިޔަ ފަދައިން އިސްލާމްދީން ހިމާޔަތްކުރުމުގައި ދެވަނައެއް ނެތް ބޭކަލުންތަކެކެވެ. ވަރުގަދަ ލީޑަރުންތަކެކެވެ. އެފަދަ ފަރާތްތަކުގެ ހަޔާތުން އަޅުގަނޑުމެންނަށް އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެކަން ކަށަވަރެވެ.

(ނުނިމޭ) 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!