15 ޑިސެމްބަރ 2019 ( އާދީއްތަ )

ފުވައްމުލަކު ރިންގްރޯޑުގެ އާ ޑިޒައިން ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޑިޒައިނެއް

ފުވައްމުލައް ސިޓީގެ ރިންގް ރޯޑުގެ އައު ޑިޒައިނާއި މެދު…

އައު ސަރުކާރުން މިއަހަރު ކުރީ ކޮޅު ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ ކަނޑައެޅިފައިވާ ބައި ހަދަން ތައްޔާރުވުމާއެކު ސަރުކާރަށް ތާއިދު ކުރާ ގިނަ ބަޔަކު އަޑު އުފުލަން ފެށީ، ކުރީގެ ސަރުކާރުން ރައްޔިތުންގެ ޚިޔާލެއް ނުހޯދާ ގަދަަ ބާރުން ކުރަން އުޅުނު ގޮތަށް އެމަސައްކަތް ކުރިޔަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެއެވެ.

އެގޮތުން ފާހަގަ ކުރީ އެމަގުގައި ދުވާރެއް ނެތުމާއި ފެން ހިންދާނޭ ގޮތެއް ނެތުމާއި ރަށުގެ ފެހިކަން މަގުން ފެންނާނެ ގޮތަށް ޑިޒައިން ކުރެވިފައި ނުވުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އިފުތިތާޙު ކުރެވުނު ކަމުގައިވިޔަސް، ސަރުކާރަށް ޖެހުނީ މަސައްކަތް މަޑުޖައްސާލައި ޑިޒައިނަށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާށެވެ. އެގޮތުން ބޭއްވުނު ރައްޔިތުންގެ ބައްދަލުވުން ތަކާއި ފަންނީ މީހުންގެ މަޝްވަރާއަށް ފަހު މަގުގެ ޑިޒައިނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކުރިން މަގު ހެދުމަށް ކަނޑައެޅިފައިވާ ދިގުމިނަށް ބައެއް އިތުރުކޮށް މިހާރު ހަދަން ނިންމާފައި ވަނީ ރަށުގެ ތުނޑީކޮޅާއި ހަމަޔަކަމަށް ވެއެވެ. މަގުގެ ޑިޒައިނަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު ފެން ހިންދާނޭ ނިޒާމެއް ހިމެނުމާއި ގަސް ހައްދާނޭ ގޮތަށް ހަމަޖެއްސުމާއި ހިނގާ މީހުނަށް ދުވާރެއް ލުން ފަދަ ކަންކަން ހިމެނެއެވެ.

ރައްޔިތުންގެ ޚިޔާލާއެކު ޑިޒައިނަށް ގެނެވުނު ބަދަލާއެކު މިހާރު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ. ނަމަވެސް، މިފަހަރުގެ ފާޑު ކިޔުން އަމާޒުވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނެވެ. މިހާރުގެ ޑިޒައިނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ މަގު ކުރިއަށްވުރެ ހަނި ކުރެވިފައިވާ ކަމަށް ބުނެއެވެ. އެއިގެ ސަބަބުން އެސިޑެންޓް ގިނަވެ މުސްތަގުބަލުގައި މަގުގެ ބޭނުން ކުރަން ދަތިވެގެން ދާނެ ކަމަށް ބުނެއެވެ.

އާމުކުރެވިފައިވާ ކުރެހުންތަކުން ފެންނަ ގޮތުގައި، މިހާރު ޑިޒައިންގައި ވާގޮތުން މަގުގައި ތާރު އަޅާބައި ވަނީ ކުރިޔަށް ވުރެ ހަނި ކުރެވިފައެވެ. އަދި މިކަން ޔަގީން ވަނީ ކުރިން ޖަހާފައިވާ އަރިމަތީ ގާތައް (ކާރބް ސްޓޯން) މަގުގެ އެތެރެއަށް ޖައްސާފައިވާ މަންޒަރު މަސައްކަތް ކުރާ ސަރަހައްދު ތަކުން ފެންނާތީއެވެ.

އަލަށް ޑިޒައިން ކުރެވިގެން މަގު ހަދާއިރު މިހާރުވެސް މަގުގައި ދެކޮޅަށް ދުއްވޭ ގޮތަށް، ކޮޅަކަށް ފުޅާ އެއް ލޭން އެބައޮތެވެ. އެއީ 3.5 މީޓަރުގެ ފުޅާ މިނުގެ ދެ ލޭނެވެ. 3.5 މިޓަރު ފުޅާ މިނުގައި އާއްމު ކާރަކާއި މޮޓޯސައިކަލަކަށް އެއްފަހަރާ އެއްހަމައެއްގައި ދަތިކަމެއް ނެތި ދުއްވަފައި ދެވޭނެ ކަމަށް ބެލެވެއެވެ. އެއީ ކާރެއްގެ އެވްރެޖް ފުޅާމިނާކި 2 މީޓަރު ކަމަށް ބަލައިގެންނެވެ. ކުރިން މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ހަދާފައިވާ ބައިގައި ވެސް އޮތީ ކޮޅަކަށް 1 ލޭންގެ ފުޅާމިނެވެ.

މިމަގުގައި ދެން އިތުރުވި ބަޔަކީ 5 ފޫޓު ވަރުގެ ހިނގާ ބަޔަކާއި ހަމަ އެމިނުގެ ގަސްއިދުމަށާއި ފެން ހިންދުމަށް ޚާއްސަކުރެވުނު ބައެވެ. މީގެ އިތުރުން ހިނގާ މީހުންނަށް ވެސް 5 ފޫޓު ވަރުގެ ފުޅާ ބައެއް މަގުގެ އެއްފަޅިން ކަނޑައެޅޭ އިރު އަނެއް ފަޅީގައި ޕާކުކުރުމަށް ނުވަތަ ހުސް ބައެއްގެ ގޮތުގައި 5 ފޫޓް ވަރުގެ ބައެއް ހިމެނިފައިވެއެވެ.

މިހާރު މަސައްކަތް ކުރެވޭ ޑިޒައިނަށް ސޯޝަލް މީޑިއާގައި ބޮޑަށް ފާޑުކިޔަނީ ކުރީގެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުންނެވެ. އެމީހުންނަށް ރައްދު ދީ މިސަރުކާރަށް ތާއިދުކުރާ ފަރާތތަކުން ބުނަމުން އަންނަނީ މަގުގެ ޑިޒައިނަށް ރައްޔިތުންގެ ޚިޔާލަށް ހުޅުވައިލުމުން އެމީހުންގެ ޚިޔާލުތައް ހުށަނާހަޅާ މިހާރު އެޑިޒައިނަށް ފާޑުކިޔައި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ.

މަގުގެ ތާރު އަޅާބައި ހަނި ކުރާގޮތަށް އަޅުން ޑިޒައިނަށް ބަދަލު ގެނެސްފައި ވާތީ ފާޑުކިޔުން އަމާޒުވޭ

އަނެއް ބަޔަކުން ބުނަނީ މަގު ހަދާނީ އެތަނެއްގެ އޮތް އާބާދީއާއި ވެހިކަލް ތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން މިހާރު ހަދާފައި އޮތް އެމަގުގެ ބައި ހަނިވެގެން ދަތުރު ނުކުރެވި ކިއުޖެހިގެން ވެހިަކލް ތައްތިބޭ ތަން އަދި ފެނިފައި ނުވާކަމަށެވެ. އަދި ފުވައްމުލަކުގެ އާބާދީ ނިސްބަތުން އިތުރުވާ މިންވަރަށް ބަލައިގެންނާއި ރަށަށް ވެހިކަލް އެތެރެކުރެވޭ ނިސްބަތުން ވެސް މިއިން ކައިރި މުސްތަގުބަލެއްގައި ވެސް އެކަން އެގޮތަށް ފެނުމުގެ ފުރުސަތު ހަނިކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރަށުގެ އިތުރު މަގުތައް ހެދުމުން އެމަގު (ރިންގް ރޯޑް) ގެ ޓްރެފިކް މަދުވެގެން ދާނެކަމަށެވެ.

އެއަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން ދަނީ މިވަގުތަށް ހާލަތުހުރިވަރަކަށް (ފައިސާގެ ގޮތުން) ހެދެން އޮތް މިންވަރަކަށް ހަދަނީކަމަށް ބުނުން މާރަނގަޅުވާނެ ކަމަށާއި، އެގޮތަށް އެކަން ކުރާ ނަމަވެސް ރަށުގެ ލޭންޑް ޔޫޒް ޕްލޭނުގައި ކަނޑައަޅައި މަގު ފުޅާކުރަން ޖާގަ ބޭއްވުން ބުއްދިވެރިވާނެ ކަމަށެވެ.

މިހާރު މިވަނީ ރިންގްރޮޑުގެ މަސައްކަތް ފެށިފައެވެ. މިހާރުގެ ޑިޒައިނަށް އިތުރު ބަދަލެއް ގެނައުމުގެ ޖާގައެއް ދެން ނެތެވެ. ބައެއް މިހުން ބުނަމުންދަނީ ލައްކަ ގިނަ ދުވަހު މަގު ހެދޭތޯ، ކުރީގެ ވެރިކަމުގައި އާއި މިވެރިކަމުގެ ކުރީ ދުވަސްތަކުގައި ބެލިއްޖެ ކަމަށެވެ. ދެން ބޭނުންވަނީ ވީހާ އަވަހަކަށް މަގު ހެދި މަގުގެ ޚިދުމަތް ރައްޔިތުންނަށް ލިބުން ކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ޝަރފު 22 ޖުލައި 2019 17:07

    މަގުގެ މަސައްކަތް ކުރީ ސަރުކާރަށާ މިސަރުކާރަށްވެސް ނުވެގެން މިއުޅެނީ މީގެ އެއްވެސް ސަރުކާރެއްގަ މިކަން ކުރުމަށް ބޭނުން ނުވާތީ. މިއަށް ބާރުލިބެނީ އަހަރެމެންގެ ދެއުޅިއެއްނުވާ ސިޔާސީ ވިސްނުން. މިކަން މިހިސާބަށް އައި އިރު ކައުންސިލުން މިކަންކަމުގަ ރައްޔިތުންނަށް ރަސްމީ ސިފައެއްގަ މަޢުލޫމާތު ދީފައެއް ނެތް. ނުވިތާކަށް މިއަދާ ހަމައަށް މިކުރަނީ ޖެއްސުން. ރަށުގެ ތަރައްގީއަށް ނުވެހުރި ކަންކަމުގެ ޒިންމާ ކައުންސިލުން ނަގަންޖެހޭ. އަދި އިސްތިއުފާވެސް ދޭން ޖެހޭ. ނާގާބިލް ބަޔަކު މަސްޢޫލިއްޔަތާ ޙަވާލުވީމަ މިފަދަ ޙާލަތަކަށް އަހަރެމެން މިދަނީ. ކާރީގަ އެއޮތް އަތޮޅު ބައްލަވާ. ޢެދަނީ ރޮކެޓް ސްޕީޑްގައި ކުރިއަށް. ލޯކަލް ޓޫރިޒަމް، ހިއުމަން ޑިވެލޮޕްމަންޓް އެކި ދާއިރާތަކުން، ގައުމީ ތަރައްގީގެ އެކި ވަސީލަތްތައް އެދަނީ ގާއިމު ކުރަމުން. އަހަރެމެންގެ ނާއިބް، އަހަރެމެންގެ މިނިސްޓަރުން، އަހަރެމެންގެ ސްޓޭޓް މިނިސްޓަރުންނާއި މަޖިލީސް މެންބަރުން އަދި ބޯޑްތަކުގެ މެންބަރުން ނުވިތާކަށް ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިބެގެން މި ކުރަނީ ކޮން ކަމެއްތޯ.