A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް، ވާރޭވެހުމުން ބޭނުން ނުކުރެވޭ!

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުގެ ބޭނުން ނުކުރެވިފައި

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމު ރަސްމީކޮށް އިފުތިތާހުކޮށް ހުޅުވީ ނިމުނު ރިޔާސީ އިންތިޚާބަށް ތައްޔާރުވެފައި ވަނިކޮށް ބޮޑު ރަސްމިއްޔާތަކާއެކު 14 ސެޕްޓެމްބަރު 2018 ގައެވެ. ރައީސް ޔާމީނުގެ ސަރުކާރުން ފެއްޓި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ރައީސް މައުމޫނުގެ ވެރިކަމުއްސުރެން ބަޖެޓްކުރެވި އަދި ފެނިގެއްލެމުން އައި ބޮޑު ޕްރޮޖެކްޓެކެވެ.

300 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވުނީ ސްރީލަންކާގެ ސިއެރާ ކުންފުންޏާއެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހު 10 ވަނަ ދުވަހުއެވެ. އެއީ 2018 ވަނަ އަހަރު މާރޗް މަހު (ދޮޅު އަހަރުގެ މުއްދަތުގައި) މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެއިގެ 6 މަސްފަހުން އެ އަހަރު ސެޕްޓެމްބަރު މަހުގައެވެ. އެއިރުވެސް މަސައްކަތްތައް ނުނިމެވެއެވެ. މަސައްކަތް ނިންމައި ފެނަކައާއި ހަވާލުކުރުމަށްފަހު ސިއެރާއި ކުންފުނިން ދިޔައީ މިއަހަރުގެ ކުރީ ކޮޅުގައެވެ.

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުގެ މައްސަލަޖެހިފައިވާ ވެކިއުމް ޕްރެޝަރ ޕަމްޕެއް

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަކީ ގިނަގޮތްގޮތުން ދިރާސާކުރެވެ ރަށާއި އެނެމް އެކަށޭނަ ގޮތަށް ފަރުމާކުރެވި ގާއިމުކުރެވިފައިވާ ހައިބްރިޑް ސިސްޓމެކެވެ. އެއީ ގްރެވިޓީއާއި ވެކިއުމް އަދި ޕަމްޕްވެސް ބޭނުންކުރާ ގޮތަށެވެ. ގޭގެ ފާޚާނާ ޖަންކްޝަން ތަކުން މަގުގައި ހުންނަ ޖަންކްޝަނަށް ފެނާއި ނަޖިސް ގެންގޮސްދެނީ ގްރެވިޓީގައެވެ. ރަށުގެ ދެ ހިސިާބަކަށް ނަޖިސްތައް ގެންގޮސްދެނީ ވެކިއުމް ސިސްޓަމުންނެވެ. އެއީ ޣާޒީމަގުން އިރު-ދެކުނަށާއި(އޭ، ބީ) ހުޅަނގު-އުތުރު (ސީޑީ)ގައި ހުރި ޖަންކްޝަންތަކުން ފެނާއި ނަޖިސް ދެބަޔަކަށް ގެންގޮސް ޖަމާކުރެވެނީ 2 ސެޕްޓިކް ޓޭންކަށެވެ. އަދި މި ދެ ކަލެކްޝަން ޕޮއިންޓަށް ޖަމާވާ ނަޖިހާއި ފެން މިސްކިމަގު ގައި ހުންނަ މައި ސްޓޭޝަނަށް ޖަމާކުރެވި ޓްރީޓް ކުރުމަށްފަހު ޕަމްޕް ސިސްޓަމް މެދުވެރިކޮށް ރަށުން ބޭރުކުރާގޮތަށެވެ.

މިސިސްޓަމުގައި ހިމެނޭ ވެކިއުމް ބަޔަކީ މުހިންމު ބައެކެވެ. އެއީ ފެން ނުވަންނަގޮތަށް (ވޯޓަރ ފްރޫފް) ‘އެއަރ ޓައިޓް’ ސިސްޓަމަކަށް ވެގެން ނޫނީ މިސިްޓަމް މަސައްކަތެއް ނުކުރާނެއެވެ.

ނަރުދަމާގެ މަސައްކަތް ސިއެޜާ ކުންފުނިން ކުރަމުން ދިޔައިރުވެސް ވަރަށް ބޮޑެތި އިހުމާލުކަތެއް ހުރިކަމުގެ ޝަކުވާ އޮތީ ބޮޑެވެފައެވެ. އަދި އެފަދަ އިހުމާލުތަކުގެ ސަބަބުން މީހުންގެ މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުގައި ސިޓީ ކައުންސިލަށް އެއްވެސް ކަމަކު ބަސް ބުނެވޭނެ ޖާގައެއް ދީފައެއް ނުވެއެވެ. އެއާއެކު ފުވައްމުލަކުގެ ނަރުދަމާ ‘ހިތު ހުރިގޮތަކަށް’ ހަދާ ނިންމާލައި މަސައްކަތާއި ހަވާލުވި ކުންފުނިން ވަނީ ރަށުން ފުރައިގެން ދިޔައީއެވެ. ރަށުން އެމަސައްކަތާއި ދެން ހަވާލުވީ ފެނަކައިން-ފުވައްމުލައް ނެވެ. ފެނަކަ-ފުވައްމުލަކުގައި އެސިސްޓަމް މިޙާރު ހިރި ހާލަތު ދަނެގަނެވޭ ވަރުގެ ގާބިލް ކަމެއް ވެސް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާ ކަމުގެ ޝަކުވާ ގިނަވެފައި

ސިއެރާ ކުންފުނީގެ ބެލުމުގެ ދަށުން ރަށުގެ ގިނަ ގޭގެއަށް ފެންހޮޅިއާއި ނަރުދަމާ ގުޅާފަި ވެއެެވެ. އެކަމަކު އަދިވެސް ނަރުދަމާ ނުގުޅާ ހުރިގޭތަށް ހުރިކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވެއެވެ.

ނަރުދަނާ ސިސްޓަމާއި ގޭގޭގެ ހޮޅީ ކޮޅުތައް ގުޅާލައި ބޭނުންކުރަން ފެށިފަހުން 3-4 ފަހާރާ ފުވައްމުލަކުގައި ފެންބޮޑުވެއް ނަރުދަމާ ސިސްޓަމުގެ މައްސަލަތައް އެންމެ އާދައިގެ މީހާއަށްވެސް ހާމަވާނެ ފެށިއެވެ. ގޭގޭގެ ފާޚާނާ ތަކުގައި ފެން ބޮޑުވުމާއި ކުރިމަލި ލާން ޖެހުނެވެ. ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ނަޖިސް ފެނާއެކު ދައުރުވާން ފެށިއެވެ. ފެންނުވަންނަ ގޮތަށް ހަދާފައިވާ ވެކިއުމް ސިސްޓަމާއި ގުޅިފައވާ ޕްރެޝަރ ޕަމްޕް ޖަންކްޝަންތަކުގައި ފެންބޮޑުވެ އެސިސްޓަމް މަސައްކަތް ކުރުން ހުއްޓާލައެވެ. އެހިސާބުން މުޅި ސިސްޓްމް ފެއިލްވެގެން ދެއެވެ. ވެކިއުމް ސިސްޓަމްތަކުގެ ބޮޑުބައެއް މަސައްކަތް ނުކުރާކްނ އެނގުނެވެ.

އެއާއެކު އާއްމު ރައްޔިތުންނަށް ދިމާވާ ތަކުލީފު ބޯޑުވެގެން ދިޔައީ ގިނަ ގެތަކުގެ ކުރިން ހުރި ސެޕްޓިކް ޓެންކްތައް ތަޅާލައި ނަރުދަމާ ނިޒާމާއި ގުޅާފައި ވުމުން އަނބުރާ ކުރީގެ ސިސްޓަމަށް ދެވޭނެ ގޮތެއް ނެތެވެ. އަދި މިހާރު ހުރި ސިސްޓަމުން ދިމާވާ އުނދަގޫ އެހާބޮޑެވެ. އަނެއްބަިއ ގޭތަކަން ނަރުދަމާ ނިޒާމާއި ގުޅާފައިވާ ހޮޅިތައް އަލުން އަނބުރާ ކުރީގެ ގޮތަށް ބަދަލުކުރަނީއެވެ.

ނަރުދަމާގެ ނިޒާމު ބޭނުންކުރާނެ ގޮތާއ،ި ނުކުރާންވީ ކަންތައްތަކުގެ މައުލޫމާތު އާއްމުު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި ފެނަކަ-ފުވައްމުލައް އިން ކުރިޔަށް ގެންދިޔައެވެ. ދިމާވެގެން އުޅޭނީ ނަރުދަމާ ސިސްޓަމް ބެނުންކުރުމުގައި ރައްޔިތުންގެ އިހުމާލުން ދިމާވާ މައްސަލައެއް ނޫނެވެ. ސިްޓަމް ގާއިމުކުރުމުގެ މައްސަލަތަކެއްކަމަށް ބެލެވެއެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް މީހުން ހޭލުންތެރިކުމުމަށް ތައްޔާރުކުރެވުނު ލިފްލެޓުން

އެތައްސަތޭކަ މިލިޔަނުން ޚަރަދު ކޮށްގެން އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހު ހުޅުވި ނަރުދަމާ ނިޒާމުގެ ބޭނުން ނުކުރެވި ދަނީއެވެ. އެއާއެކު ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތި ކުރަނީއެވެ.

މިކަން ހައުލު ކުރުމަށް ދެން ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟ އަނބުރާ ފަހަތަކަށް ނުދެވޭނެއެވެ. ސިސްޓަމް ރަނގަޅުކޮށް ކުރިޔަށް ފިޔަވަޅެއް އެޅޭތޯ ބަލަންވީއެވެ.

މުޅި ސިސްޓަމް ރަނގަޅަށް އިންސްޕެކްޓްކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްގެން ނޫނީ ސިސްޓަމުގެ ބޭނުމެއް ނުހިފޭނެކަމަށާއި، މީކީ މިލިޔަނުން ޚަރަދުކޮށް މިނިޒާމު ގާއިމުކުރި މަގުސަދު ހާސިލުވާ ކަމެއް ނޫން ކަމަށް ޑެޕިއުޓީ މޭޔަރު ޟިރާރު ހާމަކުރައްވައެވެ.

މައްސަލަތައް ދިމާވަނީ ވާރޭވެހުމުން ކަމަށް ފެނަކައިގެ އިސްފަރާތަުން ހާމަކުރިއެވެ.

ނަރުދަމާގެ ހޮޅި ގުޅަން ތައްޔާރު ކުރުރެވިފައި ފޮޓޯ: މުޙައްމަދު ޝަހީދު

ފުވައްމުލަކުގެ ނަރުދަމާއާއި ގުޅޭ އިތުރު ލިޔުންތައް

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާނީ

ފެނާއި ނަރުދަމާގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަނީ

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ބޭނުންވާ ކަރަންޓް ލިބޭނެ ގޮތެއް ނެތް!

ފެނާއި ނަރުދަމާގެ މަސައްކަތް ކުރިން ތާވަލްކޮށްފައިވާ މުއްދަތައް ނިމޭނެ

ފުވައްމުލަކު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި

ފުވައްމުލަކު ފެނާއި ނަރުދަމާ އަށް ބޭނުންވާ ސާމާނު ހިފައިގެން އައި ބޯޓް ފަރަށް އަރައިފި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !